އެންމެންގެ ލޯބި ހޯދި ހައިޝަމް މާޒިޔާ އަށް
މިދިޔަ މަހު ނިމުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ސަޕޯޓަރުންގެ ލޯބި ހޯދި ގައުމީ ޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެ އެވެ.
ފުޓްބޯޅައިގައި ނަން މަޝްހޫރު ބ. އޭދަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހައިޝަމް މާޒިޔާ އަށް ބަދަލުވީ ކުރިއަށް އޮތް ތިން ސީޒަނަށެވެ. ހައިޝަމް އަކީ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކެރިއަރު ފެށުނީއްސުރެ ކްލަބް އީގަލްސް އަށް ކުޅެމުން އައި ކުޅުންތެރިއެކެވެ.
ހައިޝަމް އެންމެ ފުރަތަމަ ފެނުނީ 2017 ވަނަ އަހަރު އޮތް މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރަށު ޓީމުންނެވެ. އެފަހަރު އަތޮޅު ބުރުގައި އޭދަފުށިން ދަރަވަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އޭދަފުށި މޮޅުކޮށްދިން ލަނޑު ހައިޝަމް ޖެހި އެވެ.
އޭދަފުށީގައި ހުއްޓައި ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ހައިޝަމް މާލެ ގެނެސް 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ހޯދައިދިނެވެ. ޒުވާން ގައުމީ ޓީމުގައި ކުޅުމަށްފަހު ހައިޝަމް ކްލަބް އީގަލްސް އަށް ބަދަލުވީ 2018 ޖެނުއަރީ މަހު އެވެ. ހައިޝަމް ވަނީ އީގަލްސްއާ އެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށް އޭގެފަހުން އެ ކްލަބުގެ ސީނިއާ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ހައިޝަމް އަކީ ޒުވާން އުމުރުގައި ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ކުޅެން ފަށައި ކުރު މުއްދަތެއްގެ ތެރޭ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިއެކެވެ. ސީނިއާ ގައުމީ ޓީމުން ހައިޝަމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2019 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ. އޭގެފަހުން ހައިޝަމް އަންނަނީ ބަރާބަރަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެމުންނެވެ.
ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކަމުން އައިނަމަވެސް ހައިޝަމްގެ ކުޅުން އާއްމުންގެ ލޮލުގައި އަޅައިގަތީ މިދިޔަ ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި ހައިޝަމް ދެއްކި މޮޅު ކުޅުމަށް އާއްމުންގެ ތައުރީފް އޮހުނުއިރު ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ހައިޝަމް އެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ހައިޝަމް ވަނީ މި މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ވެސް ކުޅެފަ އެވެ.
ހައިޝަމް އީގަލްސް ދޫކޮށްލިއިރު އެ ކްލަބުން ދިޔައީ އޭނާ ބަހައްޓަން މަސައްކަތްކުރަމުންނެވެ. އަދި އެހެން ބައެއް ކްލަބްތަކުން ވެސް ހައިޝަމަށް ޝައުގުވެރިކަން ފާޅުކުރިކަމަށް މައުލޫމާތު ލިބެ އެވެ. ހައިޝަމް އަކީ އާ ސީޒަނަށް މާޒިޔާ އިން ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. އެންމެ ފުރަތަމަ އެޓީމަށް ގެނައީ ނޭޕާލުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އެވެ.
މާޒިޔާ އިން އާ ސީޒަނަށް ތައްޔާރުވަމުން އަންނަނީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ ކޯޗުކަމުގަ އެވެ.
Advertisement
Leave a Reply