ބީއެމްއެލް އާއި އެޗްޑީސީގެ މެޗުން ކްލަބް މޯލްޑިވްސް ކަޕް މިރޭ ފަށަނީ

އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ބީއެމްއެލްގެ ޔުނައިޓެޑު ބީއެމްއެލް އިން ކްލަބް އެޗްޑީސީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފަށަން ތައްޔާރު ވެއްޖެ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ވެސް މިރޭ ފަށަން ހަމަޖެހިފައި ވާއިރު، މުބާރާޓް ކުރިޔަށް ދާނީ އެންމެ ފަހުން 2019 ވަނަ އަހަރު ވެސް މުބާރާތް ކުރިޔަށް ގެންދިޔަ، ހުޅުމާލޭގެ ރެހެންދި ސްކޫލާ އިންވެގެން ހުންނަ ދެ ފުޓްސަލް ދަނޑުގަ އެވެ.
ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިރޭ 8:15 ގަައި ބީއެމްއެލް އާއި އެޗްޑީސީ ބައްދަލު ކުރާއިރު، ހަމަ އެގަޑީގައި އަންހެން ޑިވިޝަނުގެ ކުޅުން ވެސް ފަށާނެ އެވެ. އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ޓީމް ފެނަކަ އެވެ. އެންމެ ފަހު ދެ ފަހަރުވެސް އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އެމްޕީއެލް މިފަހަރު ނުކުންނަނީ ތަށި މިލްކު ކުރުމުގެ އަމާޒުގަ އެވެ.
ފުރަތަމަ މެޗަށް ފަހު 9:30 ގައި ކުޅޭ އަންހެން ދެވަނަ މެޗުގައި ވާދަކުރާނީ ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ. އަދި ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކްލަބް އިމިގްރޭޝަނާއި ދިރާގެވެ.
ބީއެމްއެލް ޓީމަށް އެންމެ ފަހުން މުބާރާތް ކާމިޔާބު ކޮށްދިން ޓީމުގެ މުހިއްމު ދައުރެއް އަދާކުރި އަލީ ހާފިޒް (ހާއްޕެ) މިއަހަރުގެ މުބާރާތުން ފެންނާނީ ކްލަބް ވެމްކޯއިންނެވެ. އޭނާ ނެތް ތަން ފޫބައްދަން ބީއެމްއެލް ޓީމަށް ވަނީ މަޝްހޫރު ފުޓްސަލް ތަރި ހުޒައިފަތު ރަޝީދު (ހުޒޭ) ހިމަނައިފަ އެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގައި ވެސް އެޗްޑީސީއަށް ކުޅުނު އަބްދުﷲ ޝާފިއު (ޝާއްޕެ) މިފަހަރުވެސް އެޗްޑީސީ ޓީމުން ފެންނާނެ އެވެ. ޝާއްޕެގެ އިތުރުން އިސްމާއިލް ވިފާގު (އިއްސެ) އާއި މުހައްމަދު ލިޔާހު އަދި މުހަައްމަދު ރިއްފަތު (ރިއްޕެ) ވެސް އެޗްޑީސީ ޓީމުގައި ހިމެނެ އެވެ.
އަންހެން ޑިވިޝަނުގެ ތަށި މިލްކު ކުރަން ނުކުންނަ އެމްޕީއެލް ޓީމުގައި ވަނީ އަންހެން ގައުމީ ޓީމުގެކުޅުންތެރިންގެ އިތުރުން، ބިދޭސީ ދެ ކުޅުންތެރިން ވެސް ހިމަނައިފަ އެވެ. އަދި ތަށްޓަށް އަމާޒު ކޮށްގެން ފެނަކައިން ވެސް ވަނީ އެޓީމަށް ފިލިޕީންސްގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅުންތެރިޔަކާއި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔަކު އެޓީމަށް ގެނެސްފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި، ޓީމުތަކުން ފޯރިއާއެކު ތައްޔާރުވަނީ
ކްލަބް މޯލްޑިވްސް ކަޕުގެ 15 ވަނަ މުބާރާތުގައި މިފަހަރު ފިރިހެން ޑިވިޝަނުގައި 32 ޓީމު ވާދަކުރެ އެވެ. ވިމެންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާނީ 8 ޓީމެވެ. މިއީ އަންހެނުންގެ ޑިވިޝަނުގެ ކުޅުން ކުރިޔަށް ގެންދާ 11 ވަަނަ އަހަރެވެ.
ފިރިހެން ޑިވިޝަނުގެ 32 ޓީމު އަށް ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު، އަންހެން ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި މުބާރާތް ކުރިޔަށް ގެންދާނީ ދެ ގުރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކޭމްޕުކޮށް، ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެ، ރަނގަޅު ތަމްރީނުތަކެއް ކޮށްފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މިފަހަރުގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މައިލޯ އާއި އުރީދޫ މޯލްޑިވްސްގެ އިތުރުން އެމްޓީސީސީ އަދި އެލައިޑް އިންސުރެންސް އެވެ.
Advertisement

Leave a Reply

ލައިވް ކުރޭތަ؟؟