ވެޓްފޯޑުގެ ގިނަ ހަމަލާތަކެއް އަމާޒުވެ ޔުނައިޓެޑްގެ ހާލު ދެރަވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވެޓްފޯޑު އަތުން 1-4 ގެ ލަދުވެތި ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
މިއީ ދަށް ފޯމެއްގައި އޮތް ޔުނައިޓެޑް މި ސީޒަނުގެ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވި ފަސް ވަނަ މެޗެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 5-0 އަދި މެންޗެސްޓަރ ސިޓީ އަތުން 2-0 އިން ބަލިވިއިރު ޔުނައިޓެޑްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މި ސީޒަނުގެ ލީގަށް އަލަށް ޕްރޮމޯޓްވި ޓީމެއް ޔުނައިޓެޑް ކޮޅަށް ހަތަރު ގޯލު ޖެހުމާ އެކު އެޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކުރިމަގާ މެދު ބޮޑު ސުވާލެއް ވަނީ އުފެދިފަ އެވެ.
މިރޭގެ މެޗު ފަށައިގެން ވެޓްފޯޑުން ވަނީ މޮޅަށް ކުޅޭ ޔުނައިޓެޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އަދި މެޗުގެ 11 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގޯލު ޖަހަން ވެޓްފޯޑަށް ލިބުނު ފުރުސަތު ވަނީ ބޭކާރުވެފަ އެވެ. ވެޓްފޯޑުގެ އިސްމާއިލާ ސާ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރުމުން އެޓީމުގެ ކުޅުންތެރިއަކު އެ ބޯޅަ ގޯލަށް ވައްދާލި އެވެ. އެކަމަކު އެވަގުތު ވެޓްފޯޑާއި ޔުނައިޓެޑްގެ ކުޅުންތެރިން ޕެނަލްޓީ އޭރިޔާ ތެރޭގައި ތިބުމުން އަލުން ޕެނަލްޓީ ޖަހަން ނިންމީ އެވެ. ދެ ވަނަ ފަހަރަށް ސާ ފޮނުވާލި ޕެނަލްޓީ ވެސް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެޓްފޯޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ޖޯޝުއާ ކިންގް ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ ސާ އެވެ.
މެޗުގެ ދެ ވަނަ ހާފު ޔުނައިޓެޑުން ފެށީ އެންތަނީ މާޝިއަލް އާއި އާއްމުކޮށް ބެންޗުގައި އިންނަ ޑޮނީ ވެން ޑަ ބީކް ކުޅެން އަރުވައިގެންނެވެ. ވެން ޑަ ބީކްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު އޭނާ ވަނީ 50 ވަނަ މިނެޓުގައި ޔުނައިޓެޑަށް ގޯލު ޖަހައިދީފަ އެވެ. މެޗު އެއްވަރުކުރަން މަސައްކަތްކުރަމުން ދަނިކޮށް ޔުނައިޓެޑަށް މައްސަލަތައް ކުރިމަތިވީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ޓެގާ އެކު ބޭންޑް އަޅައިގެން ކުޅެމުން އަންނަ ހެރީ މެގުއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ޔުނައިޓެޑަށް އޭގެފަހުން އެދެވޭ ކުޅުމެއް ނުދެއްކުނުއިރު މެޗުގެ ފަހުކޮޅު ވެޓްފޯޑުން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. މި ގޯލުތައް ޖަހައިދިނީ ޔާއޯ ޕެޑްރޯ އާއި އިމަނުއެލް ޑެނިސް އެވެ.
މިރޭގެ މެޗާ އެކު މި ސީޒަނުގައި ޔުނައިޓެޑް ކޮޅަށް ވަނީ 29 ގޯލު ވަދެފަ އެވެ. މި ސީޒަނުގައި ޔުނައިޓެޑަށް ވުރެ ގިނައިން ހުރިހާ މުބާރާތެއްގައި ގޯލު ވަދެފައިވާ ޕްރިމިއާ ލީގުގެ ދެ ޓީމަކީ 30 ގޯލު ވަދެފައިވާ ލެސްޓާ ސިޓީ އާއި ނޯވިޗް ސިޓީ އެވެ. އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން ޔުނައިޓެޑް މިހާ ލަދުވެތި ނަތީޖާއަކުން މީގެ ކުރިން ބަލިވީ 1989 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އެވެ. އެފަހަރު 5-1 އިން ބަލިވީ މެންޗެސްޓަރ ސިޓީ އަތުންނެވެ.
ލީގުގައި މިރޭ ކުޅުނު މެޗުތަކަށް ފަހު ޔުނައިޓެޑް އޮތީ 12 މެޗުން ލިބުނު 17 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ލީގުގައި މިއަދު ހަވީރު ޗެލްސީން ވަނީ ރަށުން ބޭރުގައި 3-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ޗެލްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާ އާއި އެންގޯލޯ ކާންޓޭގެ އިތުރުން ކްރިސްޓިއަން ޕުލިސިކް އެވެ. މި މޮޅާ އެކު ޗެލްސީ އެއް ވަނައިގައި އޮތީ 12 މެޗުން ލިބުނު 29 ޕޮއިންޓާ އެކު އެވެ.
Advertisement
Leave a Reply