ލަންކާ ބަލިކޮށް ސީޝެލްސް އިން ތަށި ހޯދައިފި

Advertisement

ލަންކާ ބަލިކޮށް ސީޝެލްސް އިން ތަށި ހޯދައިފި

ޢަލީ ޝަހީމް

މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު 3-3 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 3-1 އިން ސްރީ ލަންކާ ބަލިކޮށް މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ޗެމްޕިއަންކަން ސީޝެލްސް އިން ހޯދައިފި އެވެ.

ހިތްވަރާއެކު ސީޝެލްސް އިން ޗެމްޕިއަންކަން ހޯދިއިރު މިއީ އެގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ލިބުނު ބައިނަލްއަގްވާމީ ދެ ވަނަ ތައްޓެވެ. މީގެކުރިން އެޓީމުން ވަނީ އަމިއްލަ ގައުމުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފުޓްބޯޅަ އިވެންޓް 2011 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ.

ސީޝެލްސް އާއި ލަންކާގެ އިތުރުން މި މުބާރާތުގައި ވާދަކުރީ ރާއްޖެ އާއި ބަންގްލަދޭޝް އެވެ. ފައިނަލަށް ދެޓީމު ދަތުރުކުރީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެންނެވެ. ތިން ވަނަ ބަންގްލަދޭޝަށް ލިބުނުއިރު މޮޅެއް ނުލިބުނު ރާއްޖެ ދިޔައީ ފުލަށެވެ.

May be an image of 7 people, people standing, grass and text that says 'OTBALL SRI ÛTLL LANKA FOOTBALL SUJAN FIFA BALL FIFA'

ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖެހީ ލަންކާގެ މާވިން ހަމިލްޓަން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސީޝެލްސް އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ހިއުބާޓް އެމަނުއެލް އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ރަނގަޅަށް ކުޅެ ލަންކާ އިން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. އެޓީމުން ދެ ވަނަ ފަހަރަށް ލީޑު ނެގި ގޯލު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އާކިބް އެވެ. ލަންކާ އިން މެޗުގައި ދެ ގޯލުގެ ލީޑެއް ނެގީ 76 ވަނަ މިނެޓުގައި ވަސީމް ރަޒީކް ވައްދާލި ޕެނަލްޓީންނެވެ. މިއީ ވަސީމަށް ސީޝެލްސްގެ ޑިފެންޑަރަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ލަނޑަކީ މުބާރާތުގައި ވަސީމްގެ ހަތް ވަނަ ގޯލެވެ. އޭނާ ފުރަތަމަ ހަތަރު ގޯލު ޖެހީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ލަންކާގެ އެތައް ހާސް ސަޕޯޓަރުންނާއެކު އެގައުމުން މުބާރާތް ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފަހު ހަ މިނެޓުގައި ސީޝެލްސް އިން ވަނީ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސީޝެލްސްގެ ދެ ވަނަ ގޯލު 84 ވަނަ މިނެޓުގައި ލަންކާގެ ޗަރިތަ ރަތުނަޔަކޭ އަތުން ބައިކޮޅަށް ވަންއިރު އެޓީމުން އެއްވަރުކުރި ލަނޑު 89 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި އެލައިޖާ ވުޑްލީ އެވެ. އެއްވަރުކުރި ލަނޑަށް ފަހު ސީޝެލްސްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ޕެނަލްޓީގައި ސީޝެލްސް އިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލާފަ އެވެ. އެޓީމުން ޖެހި ފުރަތަމަ ޕެނަލްޓީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ މަތަކުރި އެވެ. ލަންކާ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ކީޕަރު ސުޖަން ޖެހި ޕެނަލްޓީ އެކަންޏެވެ.

May be an image of 3 people, people sitting and indoor

މިރޭގެ ފައިނަލް ޝަރަފްވެރި ކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. މިއީ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތް ލަންކާގައި ބޭއްވި ދެ ވަނަ ފަހަރެވެ. 2012 ވަނަ އަހަރު އޮތް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ޒުވާން ޓީމެވެ.

ފައިނަލުން ބަލިވުމާ އެކު ބައިނަލްއަގްވާމީ ތައްޓަކަށް ލަންކާ ކުރާ އިންތިޒާރު މިވަނީ ދިގުވެފަ އެވެ. އެގައުމުން އެންމެ ފަހުން ކާމިޔާބުކުރި ބައިނަލްއަގްވާމީ ތައްޓަކީ 2000 ވަނަ އަހަރު މާލޭގައި އޮތް ގޯލްޑެން ޖުބިލީ ފުޓްބޯޅަ މުބާރާތެވެ. އޭގެކުރިން 1995 ވަނަ އަހަރު ލަންކާ އިން ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. މިދިޔަ 15 ވަރަކަށް އަހަރު އެގައުމުގެ ފުޓްބޯޅަ ވަރަށް ދަށުގައި އޮވެފައި މިއީ ފަހުގެ ތާރީހެއްގައި ލަންކާއިން ނަތީޖާތައް އެންމެ ރަނގަޅުކުރި ފަހަރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *