ފައިނަލް މެޗު ޝަރަފްވެރިކޮށްދޭން ފީފާގެ ރައީސް ލަންކާ އަށް
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިރޭ ކުޅޭ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ލަންކާ އަށް ވަޑައިގެންފި އެވެ.
ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގައި ވާދަކުރީ ހަތަރު ގައުމަކުންނެވެ. އެއީ ލަންކާގެ އިތުރުން ސީޝެލްސް އާއި ދިވެހި ރާއްޖެ އަދި ބަންގްލަދޭޝް އެވެ. ފައިނަލުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ލަންކާ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ ލަންކާ ގަޑިން މިރޭ 7 ޖަހާއިރު އެވެ. މުބާރާތުގެ ތިން ވަނަ ބަންގްލަދޭޝަށް ލިބުނުއިރު މޮޅެއް ނުލިބި ރާއްޖެ ދިޔައީ ފުލަށެވެ.
އިންފަންޓީނޯ ލަންކާ އަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގައި ލަންކާ އާއި ސަރަހައްދީ ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްގީކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ލަންކާގެ ދަތުރުފުޅަށް ފަހު އިންފަންޓީނޯ މިރޭ ފުރާވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ދުނިޔޭގެ ރޭންކިންގެ 204 ވަނައިގައި އޮތް ލަންކާ އިން މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު މިދިޔަ މަހު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެޓީމުން ޗެމްޕިއަން އިންޑިއާ ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓިއިރު ލަންކާ އަތުން ރާއްޖެ އަށް މޮޅުވެވުނީ 0-1 އިންނެވެ. އެކަމަކު ފޯ ނޭޝަންސް ކަޕްގައި ލަންކާ އިން ވަނީ ރާއްޖެ ހަތަރު ގޯލު ކުރީގައި އޮއްވައި ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފޯ ނޭޝަންސް ކަޕްގެ ފައިނަލަށް ލަންކާ ދަތުރުކުރީ ފަހު ވަގުތު ބަންގްލަދޭޝް ބަލިކޮށްގެންނެވެ.
މި މުބާރާތުގައި ނަތީޖާ ރަނގަޅުވުމާ އެކު ދެން އާއްމުކުރާ ދުނިޔޭގެ ރޭންކިންގައި ލަންކާ އަށް ކުރިއެރުން ލިބުމުގެ ފުރުސަތު ބޮޑެވެ. ފީފާގެ ބައިނަލްއަގްވާމީ ޝެޑިއުލަށް ފައްތައިގެން މި މުބާރާތް ލަންކާ އިން ބޭއްވުމުގެ އެއް ބޭނުމަކީ ވެސް ދުނިޔޭގެ ރޭންކިންގައި ޕޮއިންޓް ގުނެވޭ ގޮތަށް ހެދުމެވެ.
Advertisement
Leave a Reply