މަދުވީ ބޮލުގައި ހުރި އިސްތަށި، ހިތްވަރު ހަމަ ޅަ ދުވަހެކޭ އެއްގޮތް: އަލްވޭސް

މަދުވީ ބޮލުގައި ހުރި އިސްތަށި، ހިތްވަރު ހަމަ ޅަ ދުވަހެކޭ އެއްގޮތް: އަލްވޭސް

ޢަލީ ޝަހީމް

އެނބުރި ބާސެލޯނާ އަށް ބަދަލުވިއިރު މިދިޔަ އަހަރުތަކުގައި އޭނާގެ ބޮލުން މަދުވީ އިސްތަށި ކަމަށާއި، ފުޓްބޯޅައިގައި ކުރަންޖެހޭ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެތައް ކާމިޔާބީއެއް ހޯދާފައިވާ ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފި އެވެ.

އުމުރުން މިހާރު 38 އަހަރުގެ އަލްވޭސް އެނބުރި ބާސެލޯނާ އަށް ބަދަލުވީ މިދިޔަ ހުކުރު ދުވަހު އެވެ. އެންމެ ފަހުން ކުޅުނު ބްރެޒިލްގެ ސައޮ ޕައޯލޯ މިދިޔަ ސެޕްޓެމްބަރު މަހު އަލްވޭސް ދޫކޮށްލީ އެއްބަސްވުމުގެ މަޝްވަރާތަކާ މެދު އުފެދުނު ހިޔާލުތަފާތުވުމެއްގަ އެވެ.

ސްޕެއިންގެ ސެވިއްޔާ އިން ވިދާލައި އަލްވޭސް ބާސެލޯނާ އަށް ފުރަތަމަ ބަދަލުވީ 2008 ގަ އެވެ. ބާސެލޯނާ 2016 ވަނަ އަހަރު ދޫކޮށްލުމަށް ފަހު އަލްވޭސް ވަނީ ޔުވެންޓަސް ގައި އެއް ސީޒަން ހޭދަކޮށްފަ އެވެ. އޭގެފަހުން ޕީއެސްޖީގައި ދެ ސީޒަން ހޭދަކުރުމަށްފަހު 2019 ވަނަ އަހަރު އަލްވޭސް ބަދަލުވީ ބްރެޒިލް ލީގަށެވެ.

ބްރެޒިލަށް އުފަން ތަޖުރިބާކާރު ޑިފެންޑަރު ވަނީ ބާސެލޯނާގައި ކުރިން ހޭދަކުރި މުއްދަތުގައި އެ ކްލަބަށް 391 މެޗު ކުޅެދީ ގިނަ ތަށިތަކެއް އުފުލާލައިފަ އެވެ. ބާސެލޯނާގެ ރަން ޒަމާނުގައި އަލްވޭސް ވަނީ އެ ކްލަބާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު އައި ސްޕެނިޝް ލީގު ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަލުން ބާސެލޯނާ އަށް އައުމަށް ފަހު އަލްވޭސް ބުނީ ކްލަބް އުހަށް ގެންދަން ދަނޑާއި ދަނޑު ބޭރުން އޭނާ އަށް އެހީތެރިވެވޭނެ ކަމަށެވެ.

“އަހަރެން ބޮލުން ހަމައެކަނި މަދުވީ އިސްތަށި. ހިތްވަރަކަށް ބަދަލެއް ނާދޭ. އަހަރެންނަށް އެނގޭ މި ކްލަބުގެ ފެންވަރު އަދި ދަނޑާއި ދަނޑު ބޭރުން އަހަރެންނަށް އެހީ ވެވޭނެ ގޮތް. އެންމެން އެއްކޮށް މަސައްކަތްކޮށްފިނަމަ ބާސެލޯނާ އަށް ކާމިޔާބީއާ ހަމައަށް ދެވޭނެ” އަލްވޭސް ބުންޏެވެ.

ބާސެލޯނާގެ މިހާރު ކޯޗަކީ އަލްވޭސްއާ އެކު އެޓީމަށް ކުޅުނު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އެވެ. އަލްވޭސް ބުނީ ކްލަބްގެ މާލީ ހާލަތު ދަށްވި ނަމަވެސް އަނބުރާ އައުމުގެ އެންމެ ބޮޑު ސަބަބަކީ ޒަވީ ކަމަށެވެ.

“ޒަވީގެ ޕްރެޝަރު މުހިއްމު ދައުރެއް އަދާކުރި. އަހަރެން ބުނިން އަނބުރާ ބާސެލޯނާ އަށް ދާން ބޭނުންވާކަމަށް. އަހަރެން ބޭނުންވަނީ މި ކްލަބަށް އެހީތެރިވާން. ކްލަބް ބަދަލުކުރާއިރު ގިނަ މީހުން ބޭނުންވަނީ ލިބޭ މުސާރައަށް ބަލަން. އެކަމަކު އަހަރެން އެކަހަލަ ވިސްނުމެއް ނެތް” ބާސެލޯނާގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ބުންޏެވެ.

ޖެނުއަރީ މަހު ބާސެލޯނާ އަށް ކުޅެން ފަށާއިރު އަލްވޭސް އަށް ލިބޭނެ އެންމެ ބޮޑު އުނިކަމަކީ އޭނާއާ އެކު ބާސެލޯނާގައި ވިދާލި ލިއޮނަލް މެސީ ކްލަބުގައި ނެތުމެވެ. ބާސެލޯނާގައި މެސީ އަށް އަލްވޭސް ވަނީ 42 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އެކަމަކު މިފަހަރު ބާސެލޯނާގެ ޖާޒީގައި ނުކުންނައިރު މެސީ ނެތަސް ދެން ވިސްނަން ޖެހޭނީ ކްލަބް ބޭނުންވާ ހިސާބަށް ގެންދަން ކަމަށް އަލްވޭސް ބުންޏެވެ.

“މެސީ އަކީ އަހަރެންނަށް ފެނުނު އެންމެ ފުރިހަމަ ކުޅުންތެރިޔާ. މެސީ އަނބުރާ އައުމަކީ އަހަރެން އެދޭކަމެއް. އެކަމަކު އެކަން މިވަގުތު ވާކަށް ނެތް. ދެން އޮތީ ކްލަބުން ބޭނުންވާ އަމާޒަށް ދިއުމަށް މަސައްކަތްކުރުން” އަލްވޭސް ބުންޏެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.