ބަންގްލަދޭޝް ބަލިކޮށް ލަންކާ ފައިނަލަށް ދަތުރުކޮށްފި

Advertisement

ބަންގްލަދޭޝް ބަލިކޮށް ލަންކާ ފައިނަލަށް ދަތުރުކޮށްފި

ޢަލީ ޝަހީމް
ފައިނަލުގެ ޖާގަ ހޯދުމަށް ފަހު ލަންކާގެ ޓީމު އުފާފާޅުކުރަނީ. - ފޮޓޯ: ސްރީ ލަންކަން ފުޓްބޯލް

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝް 1-2 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ސްރީ ލަންކާ ޖާގަ ހޯދައިފި އެވެ.

ފައިނަލުގައި އަންނަ ހުކުރު ދުވަހުގެ ރޭ އަމިއްލަ ގައުމުގައި ލަންކާ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. ސީޝެލްސް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ މިއަދު ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުކޮށްގެންނެވެ. ލީގު ބުރު ނިމުނުއިރު ފަސް ޕޮއިންޓާ އެކު އެއް ވަނަ ހޯދީ ސީޝެލްސް އެވެ. ދެ ވަނަ ލިބުނު ލަންކާ އާއި ތިން ވަނަ ލިބުނު ބަންގްލަދޭޝަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ބަންގްލަދޭޝަށް ފައިނަލަށް ދެވެން އޮތެވެ. ފުލަށް ދިޔައީ ތިން މެޗުން ދެ ޕޮއިންޓް ލިބުނު ރާއްޖެ އެވެ. ދުނިޔޭގެ ރޭންކިންގައި ލަންކާ އާއި ސީޝެލްސް އޮތީ ބަންގްލަދޭޝް އާއި ރާއްޖެ އަށް ވުރެ ފަހަތުގަ އެވެ. ލަންކާ 204 ވަނައިގައި އޮތްއިރު ސީޝެލްސް މިވަގުތު އޮތީ 199 ވަނައިގަ އެވެ. ލީގު ބުރުގައި ސީޝެލްސް އިން ވަނީ 1-0 އިން ލަންކާ ބަލިކޮށްފަ އެވެ.

މެޗު ފަށައިގެން ލަންކާ އިން ވަނީ މޮޅަށް ކުޅެ ގޯލު ޖަހައިފަ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ވަސީމް ރަޒީކް އެވެ. ރަޒީކް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖަހައިފަ އެވެ. ލަންކާ އަށް މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފުގައި ޑިފެންޑަރު ޑަކްސަން ޕުސްލަސް އަށް ރަތް ކާޑު ދެއްކުމުންނެވެ. ޑަކްސަން ބޯޅައިގައި ގަސްތުގައި އަތްލުމުން ރެފްރީ ވަނީ ބަންގްލަދޭޝަށް ޕެނަލްޓީ ދީފަ އެވެ. އެކަމަކު ބަންގްލަދޭޝްގެ ޑިފެންޑަރު ތޯޕޫ ބަރްމަން ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބަންގްލަދޭޝުން ކުރިއަށް ޖެހިގެން ކުޅެ އެޓީމަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ 72 ވަނަ މިނެޓުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހީމް އެވެ. ލަންކާ މޮޅުވި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވަސީމް އެވެ. މިއީ ބަންގްލަދޭޝްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *