ބަލިވުމުން ވަރަށް ދެރަވި، އެކަމަކު ހާސްކަމެއް ނެތް: ރޮނާލްޑޯ

Advertisement

ބަލިވުމުން ވަރަށް ދެރަވި، އެކަމަކު ހާސްކަމެއް ނެތް: ރޮނާލްޑޯ

ޢަލީ ޝަހީމް
ރޭގެ މެޗުން ބަލިވެ ވޯލްޑް ކަޕްގެ ސީދާ ޖާގަ ގެއްލުމުން ރޮނާލްޑޯ މާޔޫސްވެފައި. އެޓީމު ދެން ޖެހޭނީ ޕްލޭއޮފް ކުޅެން

ސާބިއާ އަތުން 2-1 އިން ބަލިވުމުން ވަރަށް ދެރަވި ކަމަށާއި، އެކަމަކު އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ޕޯޗުގަލަށް ވަރަށް ބޮޑަށް އެބައޮތް ކަމަށް އެގައުމުގެ ކެޕްޓަން އަދި ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ވާދަވެރި ކޮލިފައިންގައި ޕޯޗުގަލަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ގެއްލުނީ މި ހަފްތާ ރަށުން ބޭރުގައި ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވެ ރޭ އެންމެ ފަހު ވަގުތު ސާބިއާ އަތުން ބަލިވުމުންނެވެ. މެޗުގެ ކުރީކޮޅު ޕޯޗުގަލްގެ ރެނާޓޯ ސަންޗޭސްގެ ގޯލުން އެޓީމަށް ލީޑު ލިބުނުއިރު ފުރަތަމަ ހާފުގައި ސާބިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑޫސަން ޓަޑިޗް އެވެ. އެއްވަރުކޮށްލައިގެން ވޯލްޑް ކަޕްގެ ޖާގައަކަށް އުއްމީދުކުރި ޕޯޗުގަލްގެ އުއްމީދުތައް ފެނަށްވީ މެޗުގެ ފަހު މިނެޓުގައި ސާބިއާގެ އަލެކްސަންޑަ މިޓްރޮވިޗް ގޯލު ޖެހުމުންނެވެ. ޕޯޗުގަލް ގްރޫޕުން 20 ޕޮއިންޓާ އެކު އެއް ވަނަ ހޯދައި ސާބިއާ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދިއިރު ޕޯޗުގަލް ދެން ޖެހޭނީ އަންނަ އަހަރުގެ މާޗް މަހު އޮންނަ ޕްލޭއޮފް ބުރުގައި ވާދަކުރާށެވެ.

Advertisement

“އިއްޔެގެ ނަތީޖާއަކީ އުނދަގޫ ހިތްދަތި ނަތީޖާއެއް. އެކަމަކު އެއީ އަހަރެމެން ބަލިކަށިކޮށްލާނެ ކަމެއް ނޫން. އަންނަ އަހަރުގެ ވޯލްޑް ކަޕަށް ދިއުމުގެ އުއްމީދު އަދިވެސް ވަރަށް ބޮޑަށް އެބައޮތް. އަހަރެމެންނަށް އެނގޭ ވޯލްޑް ކަޕަށް ދާން ދެން ކުރަން އޮތް މަސައްކަތް. އެއްވެސް ބަހަނާއެއް ދެއްކުމެއް ނެތް” ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ނުލިބުމުން އުމުރުން 36 އަހަރުގެ ރޮނާލްޑޯ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

މިފަހަރުގެ ކޮލިފައިންގައި ރޮނާލްޑޯ ކުޅުނު ހަތް މެޗުގައި ވަނީ ހަ ލަނޑު ޖަހައިފަ އެވެ. އޭގެތެރޭގައި އަޔަލެންޑް ކޮޅަށް ޖެހި އެއް ގޯލަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ލަނޑު ލިސްޓުގެ އެންމެ އުހަށް ރޮނާލްޑޯ އެރި ގޯލެވެ.

މެޗަށް ފަހު ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސްގެ ޝަކުވާއަކަށްވީ މިއަހަރުގެ މާޗް މަހު ކޮލިފައިންގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ގޯލަށް ވައްދާލި ބޯޅައެއް ރެފްރީ ގޯލަކަށް ނުނިންމުމެވެ. މެޗުގެ ފަހު ވަގުތު ރޮނާލްޑޯ ގޯލަށް ފޮނުވާލި ބޯޅަ ސާބިއާގެ ޑިފެންޑަރު ސާފުކޮށްލިއިރު އެ ބޯޅަ ގޯލަށް ވަދެފައިވާ މަންޒަރު ފެނެ އެވެ. އެކަމަކު ރެފްރީ އެއީ ގޯލެއް ނޫންކަމަށް ނިންމުމުން ރޮނާލްޑޯ ވަނީ އެވަގުތު ކެޕްޓަން ބޭންޑް ދަނޑުމައްޗަށް އެއްލާލުމަށް ފަހު ދަނޑުން ފައިބައިފަ އެވެ. ރެފްރީގެ އެއް ނިންމުން ކޯޗު ހަނދާންކޮށްދިނީ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ނުލިބުމުގެ އެއް ސަބަބަކީ އެއީކަމަށް އިޝާރާތް ކުރަމުންނެވެ.

ޕޯޗުގަލް އެންމެ ފަހުން ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ކުޅުނީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށެވެ. އެފަހަރު ރޮނާލްޑޯގެ ހެޓްރިކާ އެކު ޕޯޗުގަލް ކޮލިފައިވީ ސްވިޑެން ބަލިކޮށްގެންނެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި އޮންނާނީ ނޮވެމްބަރ/ޑިސެމްބަރ ގަ އެވެ. ގަތަރުގެ އިތުރުން މުބާރާތަށް ކޮލިފައިވެފައިވަނީ ބްރެޒިލް، ޖަރުމަނު، ސްޕެއިން، ބްލެޖިއަމް، ކްރޮއޭޝިއާ، ޑެންމާކް އަދި ފްރާންސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *