ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ނަބާހާ އާއި ތޯއިފަށް
އިއްޔެ ނިމުނު ގައުމީ ބެޑްމިންޓަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ނަބާހާ ދިފާއުކުއިރު ގައުމީ ފިރިހެން ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އަހުމަދު ތޯއިފް ހޯދައިފި އެވެ.
އަންހެން ސިންގަލްސްގައި މިފަހަރު ވެސް ނަބާހާ މޮޅުވީ އޭނާއާ އެއްމާބަނޑު ކޮއްކޮ އާމިނަތު ނަބީހާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ޖެހިޖެހިގެން ނަބާހާ ގައުމީ މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ގައުމީ މުބާރާތް ބާއްވާފައެއްނުވެ އެވެ.
ނަބާހާ ވަނީ ސިންގަލްސްގެ އިތުރުން ޑަބަލްސް އާއި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. 2019 ވަނަ އަހަރު އޮތް ގައުމީ މުބާރާތުގައި ވެސް އެއް ދުވަހުން ނަބާހާ ވަނީ ތިން ހޯދައިފަ އެވެ. މިއީ އޭނާ ވާދަކުރި ހުރިހާ ކެޓަގެރީއަކުން ގައުމީ މުބާރާތުގެ ހުރިހާ ތައްޓެއް ޖެހިޖެހިގެން ހޯދި ދެ ވަނަ އަހަރެވެ.
ނަބީހާއާ އެކު ޕެއާވެގެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ޝަހުރުނާޒް އާއި މައިސާ ފަތުހުﷲ ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ނަބާހާ އާއި ނަބީހާގެ ޕެއާ ގެންދިޔައީ 21-12 އަދި 21-19 އިންނެވެ. މިކްސް ޑަބަލްސްގައި ނަބާހާގެ ޕެއާގައި ހިމެނުނީ ޒަޔާން ޒަކީ އެވެ. މި ފައިނަލުގައި ނަބާހާ އާއި ޒަޔާން ވަނީ 21-14 އަދި 21-9 އިން ހިޝާމް ލަތީފް އާއި މައިސާގެ ޕެއާ ބަލިކޮށްފަ އެވެ.
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ތޯއިފް ހޯދީ ފައިނަލުގައި ދެ ސެޓު އެއް ސެޓުން ނިބާލް އަހުމަދު ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު ނިބާލް ކާމިޔާބުކުރީ 21-11 އިންނެވެ. އެކަމަކު ތޯއިފް ވަނީ ހިތްވަރު ނެރެ ފަހަތުން އަރައި ދެ ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. ފަހު ދެ ސެޓުން ތޯއިފް މޮޅުވީ 21-23 އަދި 18-21 އިންނެވެ. މެޗަށް ފަހު ތޯއިފް ވަނީ އޭނާގެ ބައްޕައާއެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
ފިރިހެން ޑަބަލްސް ފައިނަލުގައި ތޯއިފް އާއި މުހައްމަދު ވަސީމްގެ ޕެއާ ވަނީ ހަސަން އަފްޝީން އާއި ހިޝާމް ލަތީފްގެ ޕެއާ އަތުން ބަލިވެފަ އެވެ. މި މެޗު ނިމުނީ 21-12، 19-21 އަދި 12-21 އިންނެވެ.
Advertisement
Leave a Reply