ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފުރުސަތު ހަނިވެއްޖެ

Advertisement

ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފުރުސަތު ހަނިވެއްޖެ

ޢަލީ ޝަހީމް
ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަޖިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ބަންގްލަދޭޝް އަތުން 2-1 އިން ބަލިވެ މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް ހަނިވެއްޖެ އެވެ.

މިއަދުގެ މެޗާ އެކު ރާއްޖެ އަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފުރަތަމަ މެޗުގައި ލަންކާއާ ވާދަކޮށް ރާއްޖެ ވަނީ 4-4 އިން އެއްވަރުވެފަ އެވެ. މުބާރާތުގައި ދެން ވާދަކުރާ ސީޝެލްސް އާއި ސްރީ ލަންކާ މެޗު އޮންނާނީ މިރޭ 8:30 ގަ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރުސަތު ބޮޑުވާނެ އެވެ. ރާއްޖެ ބަލިކުރުމުން ބަންގްލަދޭޝް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި ތާވަލުގެ އެއް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލަންކާ އާއި ސީޝެލްސް، މިއިން ކޮންމެ ޓީމަކަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

Advertisement

މިއަދުގެ މެޗަށް ވެސް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ނެރުނީ ލަންކާއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ އެވެ. މެޗު ފަށައިގެން ބަންގްލަދޭޝުން ބޮޑަށް ޑިފެންސްކޮށް ބޮޑަށް ސަމާލުކަންދިނީ ކައުންޓަ އެޓޭކުގައި ލަނޑުޖެހުމަށެވެ. މެޗުގައި ބަންގްލަދޭޝުން ލީޑު ނެގި ލަނޑު 12 ވަނަ މިނެޓުގައި ޖެހީ ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން އެވެ. އެޓީމުގެ ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅައެއް އޭރިޔާތެރޭ ހުހަށް ހުރެ ބުޔާން ގޯލަށް ވައްދާލުމުން ރެފްރީ އެންމެ ފުރަތަމަ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އެކަމަކު ރެފްރީންގެ ޓީމާ ވާހަކަދެއްކުމަށް ފަހު ރެފްރީ ފަހުން ނިންމީ އެއީ ގޯލެއް ކަމަށެވެ.

ރާއްޖޭގެ ގޯލު ޖެހުމަށް ފަހު އުމެއިރު އުފާފާޅުކުރަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ބަންގްލަދޭޝުން ލީޑު ނެގުމުން ރާއްޖޭގެ ޓީމުން ވަނީ ވަރަށް ބޮޑަށް ކުރިއަށްޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު 32 ވަނަ މިނެޓުގައި ޖެހީ މުހައްމަދު އުމެއިރު އެވެ. މިއީ އަލީ އަޝްފާގް (ދަގަނޑޭ) ނަގައިދިން ކޯނަރެއް އަކްރަމް އަބްދުލްގަނީ (އަކޫ) ޖައްސާލުމުން އުމެއިރަށް ލިބުނު ބޯޅައިން ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރާއްޖޭން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ބަންގްލަދޭޝުން ބޮޑަށް ބެލީ ޑިފެންސް ކުރާށެވެ. މެޗުން މޮޅުވި ލަނޑު ބަންގްލަދޭޝުން ޖެހީ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ރާއްޖޭގެ ޒުވާން ކީޕަރު އަލީ ނާޖިހް ބަންގްލަދޭޝްގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ވައްދާލީ ބަންގްލަދޭޝްގެ އިތުބާރު ޑިފެންޑަރު ތޯޕޫ ބަރްމަން އެވެ.

ރާއްޖޭން ވަނީ މިދިޔަ މަހު އޮތް ސާފް ޗެމްޕިއަންޝިޕްގައި ގަލޮޅު ދަނޑުގައި 0-2 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ސަރަހައްދީ މުބާރާތެއްގައި ރާއްޖެ އެންމެ ފަހުން ބަންގްލަދޭޝް އަތުން ބަލިވީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގަ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *