ބޭނުންވާ ނަތީޖާ ނުލިބިއްޖެނަމަ ޒިންމާ ނަގާނީ އަހަރެން: ކޯޗު
ދިވެހި ފުޓްބޯޅަ ޓީމަށް ބޭނުންވާ ނަތީޖާ ނުލިބިއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ އޭނާ ކަމަށް ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ. މޮރިއޭރޯ މިހެން ބުނީ ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
“100 ޕަސެންޓު ނަތީޖާ ނުނެރެވިއްޖެ ނަމަ ކުޅުންތެރިން ގޯސްކޮށްފައި އަހަރެން ވާހަކައެއް ނުދައްކާނަން. އެކަމުގެ ޒިންމާ އަހަރެން ނަގާނީ” ރާއްޖެއާ ހަވާލުވެ ކުރާ ފުރަތަމަ ތަޖުރިބާގައި ކޯޗު ބުންޏެވެ.
ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި ލަންކާއިން ވަނީ މެޗުގެ ފަހު 30 މިނެޓުގައި ހަތަރު ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ މެޗަށް ފަހު ކޯޗު މޮރިއޭރޯ ބުނީ ގައުމީ ޓީމުން ފުރަތަމަ 60 މިނެޓު ކުޅުނީ އޭނާ ބޭނުންވި ފުޓްބޯޅަ ކަމަށާއި، އެކަމަކު ފުޓްބޯޅައަކީ 90 މިނެޓުގައި ގޭމަކަށްވެފައި، ލަންކާ މެޗުން އެ ފިލާވަޅު ދަސްކުރަންޖެހޭ ކަމަށެވެ.
ކޯޗު ބުނީ އިދިކޮޅު ޓީމަށް އިހްތިރާމް ކުރިޔަސް އަމިއްލަ ޓީމަށް ސަމާލުކަންދީގެން މިއަދުގެ މެޗުގައި މުހިއްމީ ރަނގަޅަށް ފެށުން ކަމަށެވެ. ޓީމުން ފެންނަނީ މޮޅުވާން ބޭނުންވާ މެންޓަލިޓީ ކަމަށާއި ބަންގްލަދޭޝް މެޗަށް ނުކުންނާނީ ލަންކާ މެޗުގައި ވީ ހުރިހާ ކަމެއް ހަނދާން ނައްތާލައިގެން ކަމަށް މޮރިއޭރޯ ބުންޏެވެ.
ލަންކާ އާއި ރާއްޖެ އަދި ބަންގްލަދޭޝްގެ އިތުރުން މުބާރާތުގައި ދެން ވާދަކުރަނީ ސީޝެލްސް އެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗު އެއްވަރުވެގެން ނިމުނުއިރު ފައިނަލުގެ ޖާގައެއް ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމަށެވެ. ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މެޗުތައް ކުޅޭއިރު ޓީމުތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ދަނޑުގެ ވިނަގަނޑު އުނދަގޫވުމެވެ. މޮރިއޭރޯ ބުނީ އޭނާގެ ނަޒަރުގައި އެ ދަނޑުގައި މެޗު ކުޅެން ޖެހޭނީ “އުދުހިފައި” ކަމަށާއި، ހިނގާފައި ނުވަތަ ދުވެގެން ކުޅެވޭ ވަރަށްވުރެ ދަނޑުގެ ވިނަގަނޑު އުނދަގޫ ކަމަށެވެ. އެކަމަކު އޭނާ ބޭނުންވަނީ ދަނޑުގެ ޝަކުވާ ނުކޮށް ޓީމު މޮޅުވާން މަސައްކަތް ކުރުމަށްކަމަށް ކޯޗު ބުންޏެވެ.
“ޝަކުވާ ކުރުމަކީ އަހަރެން ގަބޫލުކުރާ ވިސްނުމެއް ނޫން. ނަތީޖާ ނުނެރެވިއްޖެނަމަ މައްސަލަ ހޯދަން ޖެހޭނީ ކޯޗުގެ ފަރާތުން. ޝަކުވާތައް ދޫކޮށްލާފައި އަހަރެމެންނަށް މަޖުބޫރުވަނީ މޮޅުވުން” ކުރިން އިންޓަ މިލާނާއި އިޓަލީގެ ގައުމީ ޓީމަށް ކުޅުނު މޮރިއޭރޯ ބުންޏެވެ.
މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 3:30 ގަ އެވެ. މިއަދުގެ ދެ ވަނަ މެޗުގައި ލަންކާ އާއި ސީޝެލްސް ވާދަކުރާނީ މިރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.
Advertisement
Leave a Reply