ބާކީ 6 މެޗު އޮއްވައި ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބާކީ 6 މެޗު އޮއްވައި ބްރެޒިލް ފުޓްބޯޅަ ޓީމު އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ރޭ ކޮލިފައިވެއްޖެ އެވެ. ބްރެޒިލުން ކޮލިފައިންގެ ޖާގައެއް ކަށަވަރުކުރީ ރޭ އަމިއްލަ ގައުމުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗު 0-1 އިން ކާމިޔާބުކޮށްގެންނެވެ.
ކޮލިފައިންގައި ބްރެޒިލުން ވަނީ މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެ 34 ޕޮއިންޓް ހޯދައިފަ އެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ވާދަކުރާ 10 ގައުމުގެ ތެރެއިން ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނީ އެންމެ ކުރީގައި ނިންމާލާ ހަތަރު ގައުމަށެވެ. ބްރެޒިލްގެ ފަހަތުން ދެ ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދާފައިވާ އާޖެންޓީނާ އެވެ. ތިން ވަނައިގައި އޮތް އިކުއެޑޯ އަށް 13 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ޗިލީ އާއި ފަސް ވަނައިގައި އޮތް ކޮލަމްބިއާ އަށް 13 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. މަޝްހޫރު އުރުގުއޭ އޮތީ 12 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު އެހެން މެޗުތަކުގައި ނެރެފައިވާ ނަތީޖާގެ ތަފާތުން ހަ ވަނައިގަ އެވެ.
ބްރެޒިލްގެ ސައޮ ޕައޮލޯގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު 72 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާ އެވެ. ނޭމާ ޖައްސާލި ބޯޅަ އެއް ފަހަރު ޖަހައި ޕަކޭޓާ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ފްރާންސްގެ ލިޔޯނަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ މިޑްފީލްޑަރު މިއަހަރު ބްރެޒިލަށް ކާމިޔާބުކޮށްދިން ހަތަރު ވަނަ ލަނޑެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާއާ ވާދަކޮށް ބްރެޒިލް އަދި މިހާތަނަށް ބަލިވެފައެއްނުވެ އެވެ. 13 މެޗުގެ ތެރެއިން 6 މެޗުން މޮޅުވިއިރު 7 މެޗު ވަނީ އެއްވަރުވެފަ އެވެ. އެކަމަކު ބްރެޒިލާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން ކޮލަމްބިއާ އިން ވަނީ 5 މެޗު އެއްވަރުކޮށްފަ އެވެ. މިފަހަރުގެ ކޮލިފައިންގައި ބްރެޒިލަށް މޮޅު ނުވެވުނީ ރަށުން ބޭރުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ދެކުނު އެމެރިކާ ކޮލިފައިންގައި ބްރެޒިލަށް ދެން އޮތީ މި މަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ މެޗެވެ. ބްރެޒިލް މެޗުގެ ކުރިން އާޖެންޓީނާ އިން މިރޭ ފަތިހު ރަށުން ބޭރުގައި އުރުގުއޭއާ ވާދަކުރާނެ އެވެ.
Advertisement
Leave a Reply