ފަހަތުން އަރައި ލަންކާ އިން ޖެހި ހަތަރު ގޯލާ އެކު ރާއްޖެ އަށް ސިހުން

Advertisement

ފަހަތުން އަރައި ލަންކާ އިން ޖެހި ހަތަރު ގޯލާ އެކު ރާއްޖެ އަށް ސިހުން

ޢަލީ ޝަހީމް
ލަންކާ އާއި ރާއްޖެ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން. - ފޮޓޯ: އެފްއޭއެމް

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން ހަތަރު ގޯލެއްގެ ލީޑެއްގައި އޮއްވައި މެޗުގެ ދެ ވަނަ ހާފުގައި ލަންކާ އިން މެޗުގެ ނަތީޖާ 4-4 އިން އެއްވަރުކޮށްފި އެވެ.

މިއަދުގެ މެޗަކީ އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މެޗަށް ނުކުތް ފުރަތަމަ އެގާރައިން ފެނުނު އެންމެ ބޮޑު ބަދަލަކީ އަނިޔާގެ ސަބަބުން މިފަހަރު ޓީމާ އެކު ދަތުރު ނުކުރާ ގޯލްކީޕަރު މުހައްމަދު ފައިސަލުގެ ބަދަލުގައި ޒުވާން ގޯލްކީޕަރު އަލީ ނާޖިހް ހިމެނުމެވެ. ނާޖިހު އަކީ މިދިޔަ ސީޒަނުގެ ފަހުކޮޅު ޔުނައިޓެޑް ވިކްޓްރީގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ފުރުސަތު ހޯދި ކީޕަރެކެވެ. ނާޖިހު ވަނީ މިދިޔަ މަހު ބަހްރޭންގައި އޮތް އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ބުރުގައި ރާއްޖޭގެ ޓީމުގެ ގޯލު ބަލަހައްޓާފަ އެވެ. ނާޖިހުއާ އެކު ފުރަތަމަ އެގާރައިގައި ހިމެނުނީ ސަމޫހް އަލީ (ސަމުއްޓޭ)، ހުސައިން ސިފާއު ޔޫސުފް (ކުރޯ)، މުހައްމަދު އުމެއިރު، އަލީ އަޝްފާގް (ދަގަނޑޭ)، އިބްރާހީމް އައިސަމް، އަލީ ފާސިރު (ސެންޓޭ)، އަކްރަމް އަބްދުލްގަނީ (އަކޫ)، ހައިޝަމް ހަސަން (ބިޑި)، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ހުސައިން ނިހާން (ނިހާޓް) އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ހަމްޒާ މުހައްމަދު (ހަމްޕު) މިއަދު ކުޅެން އެރީ ބެންޗުންނެވެ.

Advertisement

ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ. ލަންކާ އިން އެއްވަރުކުރީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން. – ފޮޓޯ: އެފްއޭއެމް

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ރާއްޖޭން ވަނީ މޮޅަށް ކުޅެ ހަތް ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. ދަގަނޑޭ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކުރީ ކެޕްޓަން އަކްރަމެވެ. އޭގެ ދެ މިނެޓު ފަހުން ރާއްޖެ އަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ސެންޓޭ އެވެ. އޭރިޔާ ތެރެއިން ހުސްކޮށް ސެންޓޭ އަށް ލިބުނު ބޯޅަ ގޯލުގެ ކައިރި ކަނަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ. ރާއްޖޭގެ ތިން ވަނަ ލަނޑު 33 ވަނަ މިނެޓުގައި ޖެހީ ފޭދޫ އިއްބެ އެވެ. ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލަށް ވައްދާލީ ކައިރީގައި ހުރި ލަންކާ ކުޅުންތެރިޔާ ކައިރިން ކަޓުވާލުމަށް ފަހު އެވެ.

ދެ ވަނަ ހާފު ފެށިގެން 57 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ރާއްޖެ އަށް ހަތަރު ވަނަ ގޯލު ޖަހައިދީފަ އެވެ. ކައިރީގައި ހުރި ލަންކާގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ދަގަނޑޭ ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ބާކީ ބައިގައި ލަންކާ އިން މޮޅަށް ކުޅެ އެޓީމުގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ވަސީމް ރަޒީކް އެވެ. ކުރިން ޖަރުމަނުގެ ދަށް ޑިވިޝަންތަކުގައި ކުޅުމަށްފަހު މިހާރު އިނގިރޭސި ކްލަބް ކިއުޕީއާރުގެ ޔޫތު ޓީމަށް ކުޅެމުން އަންނަ ވަސީމް ލަންކާގެ ރަށްވެއްސަކަށް ބަދަލުވީ ވަރަށް ފަހުންނެވެ. ރާއްޖޭގެ ޓީމު ރޫޅިފައި އޮތް ވަގުތެއްގައި ވަސީމް ގާތްގާތުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު ލަންކާ އަށް ޕޮއިންޓެއް ކަށަވަރުކޮށްދިން ލަނޑު ވަސީމް ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ކޯނަރަކުން އުފެއްދި ހަމަލާއެއްގަ އެވެ. ފަހަތުން އަރައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖަހައި ޕޮއިންޓެއް ހޯދުމަށް ފަހު ލަންކާގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ކޮލަމްބޯގައި ދިރިއުޅޭ ރާއްޖޭގެ ސަޕޯޓަރުން ދިވެހި ޓީމަށް ތަރުހީބުދެނީ. – ފޮޓޯ: އެފްއޭއެމް

މިދިޔަ މަހު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ލަންކާ ބަލިވީ 1-0 އިންނެވެ. އަދި ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް ކުޅެ ލަންކާ އިން ޕޮއިންޓެއް ހޯދި އެވެ. ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އިން ދެއްކި ކުޅުމަށް ފަހު އެޓީމުގެ ކޯޗު ބުނީ ސަރަހައްދުގެ ޓީމުތަކާ ވާދަކުރުމުގެ ފުރުސަތު ލަންކާ އަށް މިހާރު އެބައޮތް ކަމަށެވެ.

މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. މެޗުގެ ކުރިން ރައީސް ވަނީ ފޯ ނޭޝަންސް ކަޕްގެ ޓްރޮފީ ލޯންޗްކޮށްދެއްވާފަ އެވެ.

ރާއްޖެ އާއި ލަންކާގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ. މުބާރާތް ފެށުމަށް އެންމެ ފުރަތަމަ ތާވަލުކުރީ އިއްޔެ އެވެ. އެކަމަކު ލަންކާ އަށް ވިއްސާރަވުމުގެ ސަބަބުން މިއަދަށް މެޗުތައް ފަސްކުރީ އެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *