ބާސެލޯނާ ހަމައަކަށް އެޅުވޭތޯ ޒަވީ ގެނެސްފި
މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ބާސެލޯނާގެ ކޯޗަކަށް އެ ކްލަބުގެ ރަން ޖީލުން ފުލުފުލުގައި ތަށި ހޯދިއިރު މެދުތެރެ ބެލެހެއްޓި ކުރީގެ މިޑްފީލްޑަރު ޒަހީ ހެނާންޑޭޒް ރަސްމީކޮށް ހަމަޖައްސައިފި އެވެ.
އުމުރުން 41 އަހަރުގެ ޒަވީ 2015 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލުމަށްފަހު ބަދަލުވީ ގަތަރު ލީގުގެ އަލް ސާދަށެވެ. އެ ކްލަބުގައި ކުޅުންތެރިއެއްގެ ގޮތުގައި ޒަވީ ވަނީ ހަތަރު ތަށި އުފުލާލައިފަ އެވެ. ޒަވީއާ އެކު އަލް ސާދު ވަނީ 2018 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. 2019 ވަނަ އަހަރުގެ މެއި 20 ވަނަ ދުވަހު ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލައި ޒަވީ ބަދަލުވީ އަލް ސާދުގެ ކޯޗަށެވެ. އެޓީމުގެ ކޯޗުކަމުގައި ހޭދަކުރި މުއްދަތުގައި ޒަވީ ވަނީ ހަތް ތަށި އުފުލާލައިފަ އެވެ.
ޒަވީއާ ކޯޗުކަން ހަވާލުކުރަން ދެ ފަހަރަކު ބާސެލޯނާ އިން މީގެކުރިން މަސައްކަތްކުރި އެވެ. އެކަމަކު އެ ދެފަހަރު ވެސް ޒަވީ ބޭނުންވީ އަލް ސާދުގައި މަޑުކުރުމަށެވެ. އަލް ސާދުން ޒަވީ ދޫކޮށްލަން ނިންމީ ބާސެލޯނާ އިން ޒަވީ ގެންދަން ތަކުރާރުކޮށް ޝައުގުވެރިކަން ފާޅުކޮށް ޒަވީގެ އެއްބަސްވުން އުވާލަން ދައްކަންޖެހޭ ފީ ވެސް ބާސެލޯނާ އިން ދޭން ނިންމުމުންނެވެ. ޒަވީ ބާސެލޯނާ އަށް ގެންދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މިހާރު ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާއާ އެވެ.
ބާސެލޯނާގެ ޒުވާން ޓީމުން ޒަވީ ފުޓްބޯޅަ އަށް ތައާރަފްވީ 1997 ވަނަ އަހަރު އެވެ. 1998 ވަނަ އަހަރު ސީނިއާ ޓީމުން ފުރުސަތު ހޯދައި 2015 ވަނަ އަހަރު އެ ކްލަބް ދޫކޮށްލުމާ ހަމައަށް ޒަވީ ވަނީ ބާސެލޯނާ އަށް 779 މެޗު ކުޅެދީ 25 ތަށި ހޯދައިފަ އެވެ.
ބާސެލޯނާގެ ކޯޗުކަން ހުސްވީ އެ މަގާމުގައި ހުރި ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ލިއޮނަލް މެސީއާ ނުލައި ބާސެލޯނާއިން ކުޅެމުން އަންނަ ސީޒަނުގައި އެޓީމުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ލީގުގައި ކުޅުނު 12 މެޗުން ލިބުނު 17 ޕޮއިންޓާ އެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގަ އެވެ. އެއް މެޗު އިތުރަށް ކުޅެ ލީގުގެ އެއް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާއި ބާސެލޯނާއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެޓީމުން މިހާރު ވަނީ ފަހިކޮށްފަ އެވެ.
ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ބާސެލޯނާ އިން ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ޒަވީގެ ކޯޗުކަމުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ލީގުގައި ނުކުންނާނީ އެސްޕަންޔޯލްއާ ދެކޮޅަށެވެ. އެއަށްފަހު ނޮވެމްބަރު 24 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ނުކުންނާނެ އެވެ.
Advertisement
Leave a Reply