މޯހަންގެ އިރުޝާދުގެ ދަށުން މާޒިޔާ އިން އާ ސީޒަނަށް ތައްޔާރުވާން ފަށައިފި

Advertisement

މޯހަންގެ އިރުޝާދުގެ ދަށުން މާޒިޔާ އިން އާ ސީޒަނަށް ތައްޔާރުވާން ފަށައިފި

ޢަލީ ޝަހީމް
މާޒިޔާ އިން މިއަދު ފެށި ފަރިތަކުރުންތަކުގެ ތެރެއިން. - ފޮޓޯ: މާޒިޔާ

މިދިޔަ ބުރާސްފަތި ދުވަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން އެޓީމުން މިއަދު ހަވީރު ފަރިތަކުރުންތައް ފަށައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އާ ސީޒަން އަންނަ ޑިސެމްބަރު މަހު ފަށާނީ ޕްރެޒިޑެންޓްސް ކަޕުންނެވެ. މާޒިޔާ އަކީ އާ ސީޒަނަށް ޕްރެކްޓިސް ފެށި ފުރަތަމަ ޓީމެވެ. މިއަދު ބޭއްވި ފުރަތަމަ ސެޝަންގައި އެޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިވެފައެއްނުވެ އެވެ. މާޒިޔާގެ ގައުމީ ޓީމުގެ ކުޅުންތެރިން ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާނީ މި މަހުގެ 8 އިން 17 އަށް ސްރީ ލަންކާގައި އޮންނަ މަހިންދާ ރާޖަޕަކްސާ ފޯ ނޭޝަންސް ކަޕްގައި ގައުމީ ޓީމު ތަމްސީލުކުރުމަށް ފަހު އެވެ. މިވަގުތު ގައުމީ ޓީމުގައި މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭތީ ލަންކާ މުބާރާތް ނިމެންދެން މާޒިޔާގެ ފަރިތަކުރުންތަކުގައި ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވާނެ އެވެ.

Advertisement

May be an image of 8 people, people standing and grass

މާޒިޔާގެ ފަރިތަކުރުންތަކުގައި މޯހަން (ވ). އެޓީމުން މިއަދު ވަނީ ފަރިތަކުރުންތައް ފަށާފައި. – ފޮޓޯ: މާޒިޔާ

މިދިޔަ ސީޒަނުގައި މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެ އެވެ. ލީގުގައި ތިން ބުރު ކުޅޭގޮތަށް ހަމަޖެއްސިނަމަވެސް ކޮވިޑާ ގުޅިގެން ސީޒަން ކުރުކޮށްލަން ޖެހުމުން ދެ ވަނަ ބުރަށް ފަހު ކުޅުން ނިންމާލީ އެވެ. މިދިޔަ ސީޒަނުގެ ކުރީކޮޅު މުހައްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާ އަށް ކޯޗުކޮށްދިންއިރު އެޓީމުން ޗެމްޕިއަންކަން ހޯދީ ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ކޯޗުކަމުގަ އެވެ. އެކަމަކު މިއަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާގެ ނަތީޖާތައް ދަށްވެ ވިޑަކޮވިޗް މާޒިޔާ ދޫކޮށްލި އެވެ.

މިއީ ޕްރޯ ލައިސަންސް ކޯޗު މޯހަންގެ ކެރިއަރުގައި މާޒިޔާގެ ބެންޗުން ފެންނާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މޯހަން ވަނީ ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް އިރުޝާދުދީފަ އެވެ. އަދި އަތޮޅުތެރެއިން ޕްރިމިއާ ލީގަށް ކޮލިފައިވި ރަށްތަކުގެ ތެރެއިން އދ. މަހިބަދޫ ސްޕޯޓްސް ކްލަބާއި ދ. ކުޑަހުވަދޫ ފުޓްބޯޅަ ޓީމަށް މޯހަން ކޯޗުކަންކޮށްދިނެވެ. މައުލޫމާތު ލިބޭ ގޮތުގައި މާޒިޔާގެ ކޯޗުކަމާ މޯހަން ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *