މާގިނައިން ބަލިވާން ފެށުމުން ޓޮޓެންހަމްގެ ކޯޗު ވަކިކޮށްފި

Advertisement

މާގިނައިން ބަލިވާން ފެށުމުން ޓޮޓެންހަމްގެ ކޯޗު ވަކިކޮށްފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ބަލިވުމުން ޓޮޓެންހަމް ހޮޓްސްޕާސްގެ ޕޯޗުގަލް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޗޭޒް މަގާމުން ވަކިކޮށްފި އެވެ.

ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް އަމިއްލަ ދަނޑުގައި ޓޮޓެންހަމް ވަނީ 3-0 އިން ބަލިވެފަ އެވެ. ލީގުގެ ފުރަތަމަ 10 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ. އެޓީމު އޮތީ އެއް ވަނައިގައި އޮތް ޗެލްސީ އަށް ވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ.

Advertisement

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި 47 އަހަރުގެ ނޫނޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖޫން މަހު އެވެ. އޭގެ ކުރިން ނޫނޯ ވަނީ ހަތަރު ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވުލްވްސް އަށް އިރުޝާދުދީ އެޓީމު ރަނގަޅު ހިސާބަކަށް ގެންގޮސްދީފަ އެވެ. އެކަމަކު ނަތީޖާތައް ދަށްވުމުން ޓޮޓެންހަމުން އޭނާ މަގާމުން ވަކިކުރީ ހަތަރު މަހަށް ފަހު އެވެ.

ނޫނޯގެ ބަދަލުގައި ޓޮޓެންހަމާ ހަވާލުވާނެކަމަށް ބެލެވެނީ މިހާރު ހުސްކޮށް ހުރި އެންޓޯނިއޯ ކޮންޓޭ އެވެ. ކޮންޓޭ އެންމެ ފަހުން ކޯޗުކޮށްދިން އިޓަލީގެ އިންޓަ މިލާނުން ވަނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އުމުރުން 52 އަހަރުގެ ކޮންޓޭ ވަނީ 18-2017 ވަނަ ސީޒަނުގައި ޗެލްސީ އަށް ކޯޗުކޮށްދީ އެޓީމަށް އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީއާ އެކު ހޭދަކުރި ދެ ވަނަ ސީޒަނުގެ ވަކި ހިސާބަކުން ކޮންޓޭ މަގާމުން ވަކިކުރީ ނަތީޖާތައް ދަށްވުމުންނެވެ. އޭގެކުރިން ކޮންޓޭ ވަނީ 14-2011 އަށް ޔުވެންޓަސް އަށް އިރުޝާދުދީ އެޓީމަށް އިޓަލީ ލީގު ތިން ފަހަރު ހޯދައިދީފަ އެވެ. އަދި 2014 އިން 2016 އަށް އިޓަލީގެ ގައުމީ ޓީމަށް ކޮންޓޭ އިރުޝާދުދިނެވެ.

ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ އާއި މެނޭޖިން ޑިރެކްޓަރ ފަބިއޯ ޕަރާޓިސީ އަންނަނީ އެޓީމުގެ ކޯޗުކަމަށް ކޮންޓޭ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މާދަމާގެ ވަގުތެއްގައި ކޮންޓޭ އެޓީމާ ހަވާލުވިކަން ރަސްމީކޮށް އިއުލާންކުރާނެކަމަށް ބެލެވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *