މޮރީނިއޯ އަށް ލަދުވެތި ނާކާމިޔާބެއް

Advertisement

މޮރީނިއޯ އަށް ލަދުވެތި ނާކާމިޔާބެއް

ޢަލީ ޝަހީމް
ރޭގެ މެޗުގައި މޮރީނިއޯ. މިއީ ކެރިއަރުގައި މޮރީނިއޯ އަށް ކުރިމަތިވި އެންމެ ބޮޑު ބަލި

ކާމިޔާބު ކޯޗިން ކެރިއަރުގެ އެންމެ ލަދުވެތި ނަތީޖާއާ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ރޭ ކުރިމަތިލާން ޖެހިއްޖެ އެވެ.

މޮރީނިއޯގެ ރޯމާ ޔޫރަޕްގެ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ރޭ ރަށުން ބޭރުގައި ނޯވޭގެ ބޯޑޯ/ގިލްމްޓް އާ ވާދަކޮށް ބަލިވީ 6-1 އިންނެވެ.

މެޗު ފަށައިގެން 8 ވަނަ މިނެޓާއި 20 ވަނަ މިނެޓުގައި ގޯލު ޖަހައި ނޯވޭގެ ޗެމްޕިއަނުން ވަނީ ރޯމާ އަށް ސިހުން ގެނުވައިފަ އެވެ. މި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެރިކް ބޮތެއިމް އާއި ޕެޓްރިކް ބާގް އެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ރޯމާގެ ލަނޑު ކާމިޔާބުކޮށްދިނީ ކާލްސް ޕެރޭޒް އެވެ. ފުރަތަމަ ފާހު 2-1 އިން ނިމުނުއިރު ބޯޑޯ/ގިލްމްޓް އިން ނަތީޖާގެ ފަރަގު ބޮޑުކުރީ ދެ ވަނަ ހާފުގައި ޖެހި ހަތަރު ލަނޑުންނެވެ. ބޯޑޯ/ގިލްމްޓްގެ ތިން ވަނަ ލަނޑު ބޮތެއިމް ޖެހިއިރު ފަހު ތިން ލަނޑުގެ ތެރެއިން އޯލާ ސޮލްބަކެން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ލަނޑު ޖެހީ އަމާލް ޕެލެގްރީނޯ އެވެ.

ރޯމާ ބަލިކޮށް ތިން މެޗުން ހޯދި 7 ޕޮއިންޓާ އެކު ބޯޑޯ/ގިލްމްޓް ވަނީ ގްރޫޕް ސީގެ އެއް ވަނަ އަށް އަރައިފަ އެވެ. ތިން މެޗުން 6 ޕޮއިންޓާ އެކު ރޯމާ އަށް ދެ ވަނަ ލިބޭއިރު ތިން ވަނައިގައި އޮތް ޒޯޔާ އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފުލުގައި އޮތް ސީއެސްކޭ ސޯފިއާ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

Image

ކޯޗިން ކެރިއަރުގައި މޮރީނިއޯގެ 1008 ވަނަ މެޗުން ތާރީހީ ބައްޔަކާ ކުރިމަތިލާން ޖެހުނުއިރު މީގެ ކުރިން އޭނާގެ ޓީމެއް ކޮޅަށް 6 ގޯލު ވަދެފައެއްނުވެ އެވެ. ކޯޗެއްގެ ގޮތުގައި މޮރީނިއޯ ދެން ކުރިމަލި އެންމެ ހިތްދަތި ނަތީޖާ އަކީ ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި 2010 ވަނަ އަހަރު ބާސެލޯނާއާ ދެކޮޅަށް ކުޅެ 0-5 އިން ބަލިވުމެވެ.

“މެޗުގެ ފުރަތަމަ އެގާރަ ކަނޑައެޅީ އަހަރެން. އެހެންވީމަ ނަތީޖާގެ ޒިންމާ އަހަރެން ނަގަން. އަހަރެން އެކަން ކުރީ ރަނގަޅު ވިސްނުމުގައި. ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށާއި ސިންތެޓިކް ޕިޗެއްގައި މޫސުމަށް ބަލައި ސްކޮޑް ރޮޓޭޓް ކޮށްގެން ކުޅެން ބޭނުންވެގެން” ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނުނު މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ވަނީ ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަ މިލާނާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފަ އެވެ.

ކޮންފަރެންސް ލީގުގައި ލަދުވެތި ނަތީޖާއަކުން ބަލިވި ނަމަވެސް އިޓާލިއަން ލީގުގައި ރޯމާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލީގުގައި ކުޅުނު ފުރަތަމަ 8 މެޗުން ހޯދި 15 ޕޮއިންޓާ އެކު އެޓީމު މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *