ފުޓްބޯޅައިގެ އެންމެ ބޮޑު ޕްރޮޖެކްޓް ހިންގަން ސަލްގާޑޯއާ އެކު އެއްބަސްވުމަކަށް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ރާއްޖޭގައި 18 އެކެޑަމީ އާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފުޓްބޯޅް ސްކޫލް ހިންގުމަށް ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯގެ ކްލަބް، ރިއަލް ހިސްޕޭނިއާއާ އެކު އެފްއޭއެމުން މިއަދު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ސަލްގާޑޯ އާއި އެކެޑަމީތަކުގެ ކޯޗުން ބައިވެރިވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ހޮޓެލް ޖެންގަ އެވެ. ހަ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮޖެކްޓަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާނެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަލްގާޑޯ ވަނީ ގްރާސްރޫޓުން ފުޓްބޯޅަ ފަށައި ސީނިއާ ފުޓްބޯޅަ ޓީމާ ހަމައަށް ކުޅުންތެރިން ގެންދިއުމުގައި އޮތް ޕެލޭން ދައްކާލައިފަ އެވެ.
އެކި ސަރަހައްދުތަކުގައި 18 އެކެޑަމީ
މި ޕްރޮޖެކްޓުގެ އެންމެ މުހިއްމު ބަޔަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 18 ފުޓްބޯޅަ އެކެޑަމީ ކުރިއަށްގެންދިއުމެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި 8 އެކެޑަމީ ހިންގާއިރު އަތޮޅުތެރޭގައި 10 އެކެޑަމީ ހިންގާނެ އެވެ.
Partnered with @TheRealSalgado for the biggest football development project in the Maldives. The agreement is initially for 6 years.
Phase 1: 18 football schools across the nation (age:7-12) and a high performance center in Hulhumale’ (age:12-17)#towardsfuture????????@MaldivesFA pic.twitter.com/vrbtyP0w8d
— Bassam Adeel Jaleel (@bassam_jaleeI) October 18, 2021
އަތޮޅުތެރޭގައި 10 އެކެޑަމީ ހިންގާނެ ރަށްތައް
ހދ. ކުޅުދުއްފުށި
ބ. އޭދަފުށި
ނ. ކެނދިކުޅުދޫ
އދ. މަހިބަދޫ
ދ. ކުޑަހުވަދޫ
ލ. ގަން
ގދ. ތިނަދޫ
ފުވައްމުލައް
އައްޑޫގައި ދެ އެކެޑަމީ
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ އެކެޑަމީތައް ހިންގާނެ ރަށްތައް ކަނޑައެޅީ މިހާރު އެފަދަ ޕްރޮގްރާމްތައް ހިންގާ ރަށްތަކާއި އާބާދީ އަށް ބެލުމަށް ފަހުގައި ކަމަށެވެ. މިގޮތުން އައްޑޫގައި ދެ އެކެޑަމީ ހިންގަން ނިންމުމުގައި އެ ސިޓީގެ އާބާދީ އާއި ލިބެން ހުންނަ ވަސީލަތްތައް މުހިއްމު ދައުރެއް އަދާކުރެ އެވެ.
ފުޓްބޯޅަ އެކެޑަމީތައް ހާއްސަކުރާނީ އުމުރުން 7 އަހަރުން ފެށިގެން 12 އަހަރުގެ ކުދިންނަށެވެ. އެކެޑަމީތަކުގެ އިތުރުން ދެން ހިންގާނީ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަ ސްކޫލް ނުވަތަ ހައި ޕާފޯމަންސް ސެންޓަރެވެ. މި ސެންޓަރު އަމާޒުކުރާނީ 12 އަހަރާއި 17 އަހަރުގެ ކުދިންނަށެވެ.
“….ދެން ފަށާނީ ހައި ޕާފޯމަންސް ސެންޓަރެއް. އެއީ މިހާރު ހުޅުމާލޭގައި ހެދިފައި އޮތް ފުޓްބޯޅަ ސްކޫލް. އެއީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިން ތަމްރީނު ކުރުމަށް. 18 އެކެޑަމީތައް އަޅުގަނޑުމެން ފޯކަސް މި ކުރަނީ އެކި ރަށްރަށުގައި ހުރި ސްކޫލްތަކުގެ ތެރޭގައި މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް” މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.
ސަލްގާޑޯގެ ޕްރޮޖެކްޓް ހިންގާނެ ގޮތް
ރެއާލް މެޑްރިޑާއެކު ދެ ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސަލްގާޑޯ ބުނީ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް އެންމެ މުހިއްމީ ރަނގަޅު ގްރާސްރޫޓެއް އޮތުން ކަމަށާއި، މި ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް 6 އަހަރުތެރޭ ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދައި ގައުމީ ޓީމަށް ނެރުން ކަމަށެވެ.
އަތޮޅުތެރޭގައި އެކެޑަމީތައް ހިންގާނީ 11،10،09،08 އަދި 12 އަހަރުން ދަށަށް އަމާޒުކޮށްގެން ސްކޫލްތަކާ ގުޅިގެންނެވެ. އެއަށްފަހު ހުރިހާ އެކެޑަމީތަކުން ހޮވާލެވޭ ކުޅުންތެރިންނަށް ފުރުސަތު ލިބޭނީ ހުޅުމާލޭގައި މިހާރު ގާއިމްކޮށްފައިވާ ހައި ޕާފޯމަންސް ސެންޓަރުންނެވެ. ހައި ޕާފޯމަންސް ސެންޓަރުން ފުރުސަތު ލިބޭ ކުދިންނަށް އެތަނުގައި އެކަމަޑޭޝަން ހަމަޖައްސައި ތައުލީމް ހާސިލްކުރެވޭނެ އިންތިޒާމު އެފްއޭއެމުން އަންނަނީ ހަމަޖައްސަމުންނެވެ. ބޯޑިން ސްކޫލެއްގެ ގޮތުގައި ހައި ޕާފޯމަންސް ސެންޓަރު ކުރިއަށްގެންދާއިރު، އެފްއޭއެމުން މިހާރު މަސައްކަތްކުރަމުން އަންނަނީ އެތަނުގައި ތިބޭ ކުދިންނަށް ކިޔަވައިދިނުމަށް ކަރިކިއުލަމެއް އެކުލަވާލުމަށެވެ. އެކަމުގެ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެކު ފަށާފައިވާކަމަށް ބައްސާމް ވިދާޅުވި އެވެ.
ހުޅުމާލޭގެ ހައި ޕާފޯމަންސް ސެންޓަރުގައި ކުރިއަށްގެންދާ ތަމްރީނުތަކަށް ފަހު އެންމެ މޮޅު 20 ކުދިން ހޮވަން ވަނީ ނިންމައިފަ އެވެ. އެއަށްފަހު އެ ކުޅުންތެރިންނަށް ރާއްޖޭގެ ކްލަބްތަކުގައި ކުޅުމުގެ ފުރުސަތުދޭނެ އެވެ.
ބައްސާމް ވިދާޅުވީ ހައި ޕާފޯމަންސް އެއް ސެންޓަރު މިވަގުތު ހުޅުމާލޭގައި ހުރިކަމުގައި ވިޔަސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ޕާފޯމަންސް ސެންޓަރުތަކެއް ގާއިމްކުރާނެ ކަމަށެވެ. ފުރަތަމަ ފޭހަށް ފަހު ހައި ޕާފޯމަންސް ސެންޓަރު ތަރައްގީކުރަން ނިންމާފައިވަނީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގަ އެވެ.
ޓެކްނިކަލް ސްޓާފުންގެ ވަރުގަދަ ޓީމެއް
ދުބާއީގައި ވެސް އެކެޑަމީއެއް ހިންގަމުން އަންނަ ސަލްގާޑޯ މިއަދު ވަނީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކެޑަމީތަކުގައި މަސައްކަތްކުރާނެ ޓެކްނިކަލް ސްޓާފް ޓީމުގެ ޗާޓު ދައްކާލައިފަ އެވެ. މުޅި މަސައްކަތް ބެލެހެއްޓުމަށް ޑިރެކްޓަރެއްގެ ގޮތުގައި ސަލްގާޑޯ ހުންނައިރު އޭނާގެ ބެލުމުގެ ދަށުން ދެން ހުންނަނީ 17 އަހަރުގެ ދަށުގެ މެނޭޖަރު ބްލަސް ޗާލިން އެވެ. ދެން ހިމެނެނީ އުމުރުން 13 އަހަރާއި 16 އަހަރުން ދަށަށް ހަމަޖައްސާފައިވާ ކޯޗުންނެވެ. އެއީ އަންހެން އޮލިވިއޭރާ އާއި އެޑުއާޑޯ ގޮންކަލްވެސްގެ އިތުރުން ފްރަން ކެއިންޒޯސް އަދި އަބެލް ލޮރެންޒޯ އެވެ. ޓެކްނިކަލް ޓީމުގައި ފިޒިއޮތެރަޕިސްޓް/ނިއުޓްރިނަސްޓްގެ ގޮތުގައި މަސައްކަތްކުރާނީ ހޯސޭ ވަރޭލާ އެވެ. ޓެކްނިކަލް ޓީމުގައި ހިމެނޭ ކޯޗުންނަކީ ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާ ކޮށްފައިވާ އަދި އެކެޑަމީތަކަށް ތަމްރީނު ދިނުމުގައި ތަޖުރިބާ ހުރި ފަރާތްތަކެކެވެ. މީގެ އިތުރުން ވީޑިއޯ އެނަލިސްޓަކާއި ސްކޫލް ކޯޑިނޭޓަރެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ހައި ޕާފޯމަންސް ސެންޓަރަށް 5 ލޯކަސް އެސިސްޓެންޓުން ހަމަޖައްސާއިރު ސްކޫލުތަކަށް 36 ލޯކަލް ކޯޗުން ހަމަޖައްސާނެ އެވެ.
ޓުވާޑްސް ފިއުޗާ އަކީ މުސްތަގްބަލަށް ކުޅުންތެރިން އުފެއްދުމުގެ ގޮތުން އެފްއޭއެމުން ފެށި މަސައްކަތެކެވެ. ސަލްގާޑޯއާ އެކު މި މަސައްކަތް ފަށަން އެފްއޭއެމުން މަސައްކަތްކުރާތާ ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ އެވެ. އެކަމަކު ކޮވިޑުގެ ހާލަތާއި ގުޅިގެން މި ޕްރޮޖެކްޓް ރަސްމީކޮށް ފެށުން ލަސްވީ އެވެ.
Advertisement
Leave a Reply