ޔުނައިޓެޑްގެ ރެކޯޑަށް ލެސްޓާ އިން ނިމުން ގެނެސްފި
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީން 2-4 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފި އެވެ. ލެސްޓާގެ މި މޮޅާ އެކު ޕްރިމިއާ ލީގުގެ ތާރީހުގައި އަވޭ މެޗަކުން ބަލިނުވެ ޔުނައިޓެޑުން ހަދާފައިވާ ރެކޯޑަށް ވަނީ ނިމުން އައިސްފަ އެވެ.
ޕްރިމިއާ ލީގުގެ ތާރީހުގައި ރަށުން ބޭރުގައި މެޗަކުން ބަލިނުވެ ޔުނައިޓެޑުން ރެކޯޑް ހެދީ 29 މެޗާ އެކު އެވެ. ލެސްޓާ މެޗުގެ ކުރިން ލީގުގައި ޔުނައިޓެޑް ރަށުން ބޭރުގައި ބަލިވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް އަތުންނެވެ. އޭގެފަހުން އަވޭގައި އެޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ރަނގަޅުކުރި އެވެ.
މެޗުގެ ފުރަތަމަ ކޮޅު މޭސަން ގްރީންވުޑްގެ ގޯލުން ޔުނައިޓެޑް ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު އެ ގޯލަށް މާ ގިނަ އިރުތަކެއް ނުވަނީސް ޔޫރީ ޓީލަމެންސް ވަނީ ލެސްޓާ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވ. މެޗުގެ ބާކީ ލަނޑުތައް ފެނުނީ ފަހުކޮޅު އެވެ. ލެސްޓާ އަށް ލިބުނު ކޯނަރެއްގައި އެޓީމަށް ލީޑު ނަގައިދިން ލަނޑު 78 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު ޖަގްލާ ސޮޔުންޗޫ އެވެ. އެކަމަކު މެޗުގެ 82 ވަނަ މިނެޓުގައި މާކަސް ރަޝްފާޑް ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ އަނިޔާ އަށް ފަހު އެނބުރި އައިސް މި ސީޒަނުގައި ރަޝްފާޑް ކުޅުނު ފުރަތަމަ މެޗެވެ. ރަޝްފާޑުގެ ގޯލަށް މިނެޓެއް ނުވަނީސް ލެސްޓާގެ ޖެމީ ވާޑީ ވަނީ އެޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ލެސްޓާގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ މި ސީޒަނުގައި އެޓީމަށް ބަދަލުވި ޕަޓްސަން ޑާކާ އެވެ.
ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ނަތީޖާ ރަނގަޅުކުރި ނަމަވެސް ފަހަކަށް އައިސް ޔުނައިޓެޑްގެ ފޯމު ވަނީ ދަށްވެފަ އެވެ. ލީގުގައި އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން ބަލިވިއިރު އޭގެފަހުން އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ވީ އެއްވަރެވެ. މި ހަފްތާގައި ޔުނައިޓެޑް ދެން ކުޅޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށެވެ. އެއަށްފަހު މި މަހުގެ 24 ވަނަ ދުވަހު ލީގުގައި ޔުނައިޓެޑް ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ.
މެޗުން ބަލިވެ ލީގުގައި ކުޅުނު އަށް މެޗަށް ފަހު ޔުނައިޓެޑް 14 ޕޮއިންޓާ އެކު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. ފަހަކަށް އައިސް ނަތީޖާތައް ރަނގަޅުކޮށްފައިވާ ލެސްޓާ އޮތީ 11 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.
ލީގުގައި މިރޭ މެންޗެސްޓަރ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ބާންލީ ބަލިކޮށްފަ އެވެ. މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އާއި ކެވިން ޑި ބްރޭނާ އެވެ. މޮޅާ އެކު ސިޓީ ވަނީ އަށް މެޗުން 17 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
Advertisement
Leave a Reply