ދިހަ އަހަރަށް ފަހު ލިވަޕޫލް ސެމީއަށް
ކުއާޓާ ފައިނަލް ދެ ލެގުގައިވެސް މެންޗެސްޓާ ސިޓީ މައްޗަށް ކުރިހޯދައި، 2007/08 ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗު ސިޓީގެ އަމިއްލަ ދަނޑުގައި 1-2 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކުރި އިރު، ކުއާޓާގެ ފުރަތަމަ ލެގު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން، ލިވަޕޫލަށް ސެމީގެ ޖާގަ ކަށަވަރުވީ 1-5 ގެ ތަފާތު ބޮޑު އެގްރިގޭޓަކުންނެވެ.
ރޭގެ މެޗުގެ ދެވަނަ މިނެޓުގައި ސިޓީގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސް ޖެހި ލަނޑާއެކު ސިޓީން ލީޑު ނަގާ، އިތުރު ލަނޑެއް ޖެހުމަށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން، ސިޓީއިން ދެވަނަ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔައެވެ. ބަނާޑޯ ސިލްވާގެ ބާރު ޝޮޓު އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އެ ވަގުތު ކޮޅުގެ ތެރޭގައި ސިޓީގެ ލެރޯއީ ސާނޭގެ ފަރާތުން ފެނުނު ގޯލެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ފަރާތުން ގިނަ ޝަކުވާތަކެއް ރެފްރިއަށް އަމާޒުވުމުގެ ސަބަބުން ރެފްރީ ވަނީ މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ކޯޗު ގާޑިއޯލާ ބެންޗުންވެސް ފޮނުވާލައިފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ 11 މިނެޓް ފަހުން ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ލިވަޕޫލުގެ މާނޭ އުފެއްދި ހަމަލާއެއްގައި ސަލާހު މި ލަނޑު ކާމިޔާބު ކުރީ ވަރަށް ވެސް ހަމަޖެހިލާފައެވެ. ލިވަޕޫލުގެ މި ލަނޑާއެކު މުޅި ސިޓީ މާޔޫސްވެގެން ދިޔައެވެ.
ރޭގެ މެޗުން ލިވަޕޫލް މެޗުން މޮޅުވި ލަނޑު، މެޗުގެ 77 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ. މިއީ ލިވަޕޫލްގެ ސަލާހު އާއި ފިރްމީނޯ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 8 ވަނަ ގޯލެވެ.
ރޭގެ ބައްޔާއެކު ލިވަޕޫލްގެ ކޯޗު ކްލޮޕް އަތުން ތިންމަސް ތެރޭގައި ސިޓީގެ ކޯޗު ގާޑިއޯލާ ތިން ބަލިވީއެވެ.
Advertisement
Leave a Reply