އިންޑިއާ އިން އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންކަން ހޯދައިފި

Advertisement

އިންޑިއާ އިން އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންކަން ހޯދައިފި

ޢަލީ ޝަހީމް
ގޯލު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ. - ފޮޓޯ: އެފްއޭއެމް

ފައިނަލުގައި 0-3 އިން ނޭޕާލް ބަލިކޮށް އިންޑިއާ އިން 8 ވަނަ ފަރަހަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި އެވެ.

13 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާ ރާއްޖޭގައި ފެށީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެވެ. އިންޑިއާ އާއި ނޭޕާލްގެ އިތުރުން މުބާރާތުގައި ވާދަކުރީ ރާއްޖެ، ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ. ފައިނަލުގައި ކުޅުނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ. އިންޑިއާ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރިއިރު ނޭޕާލް ފައިނަލަށް ދިޔައީ ލީގު ބުރުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

އިންޑިއާގެ ފަހަތުން މި މުބާރާތުގައި އެންމެ ކާމިޔާބީ ދެ ތަށި ހޯދާފައިވާ ރާއްޖެ އެވެ. ރާއްޖޭން މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަރަހާއި 2018 ވަނަ އަހަރުގެ ތައްޓެވެ. ދެން މި މުބާރާތް ކާމިޔާބުކުރީ ލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން މިހާރު ސެންޓްރަލް ޒޯންގައި ވާދަކުރަމުން އަންނަ އަފްގާނިސްތާނެވެ. ލަންކާ އިން 1995 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދިއިރު ބަންގްލަދޭޝް އިން ސާފް މުބާރާތް ކާމިޔާބުކުރީ 2003 ވަނަ އަހަރު އެވެ.

މިއަހަރުގެ އިތުރުން އިންޑިއާ އިން މި މުބާރާތް ކާމިޔާބުކުރީ 1993، 1997، 1999، 2005، 2009، 2011 އަދި 2015 ވަނަ އަހަރު އެވެ.

މޫސުން ގޯސް ދުވަހެއްގައި ކުޅުނު ފައިނަލުގެ ފުރަތަމަ ހާފުގައި ބޯ ވާރޭގެ ސަބަބުން ދެޓީމަށް ވެސް އުނދަގޫތައް ކުރިމަތިވި އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނުއިރު ގިނަ ފުރުސަތުތައް ތަނަވަސްކުރި އިންޑިއާ އިންނެވެ. އިންޑިއާގެ ހަމަލާތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި ފޯވާޑް މަންވީރު ސިންހް އެވެ. މެޗުގެ ފުރަތަމަ ހާފް ނޭޕާލުން ވަނީ އިންޑިއާ ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ.

އިންޑިއާ އާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

އިންޑިއާ އިން މެޗު އަނބުރާލީ ދެ ވަނަ ހާފުގައި ގާތްގާތުގައި ޖެހި ދެ ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 49 ވަނަ މިނެޓުގައި ޖެހީ ސުނިލް ޗެތުރީ އެވެ. އަރިމަތިން އިންޑިއާގެ ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަ ޗެތުރީ ވެއްޓިގެންފައި ބޮލުން ޖަހައި ވައްދާލީ ގޯލުގެ ކަނަށެވެ. ޗެތުރީ ގޯލަށް ފަހު ނޭޕާލްގެ ޑިފެންސް ރޫޅިފައި އޮއްވައި 50 ވަނަ މިނެޓުގައި އިންޑިއާ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކުރީ ސުރޭޝް ސިންހް އެވެ.

ދެ ލަނޑަށް ފަހު ވެސް އިންޑިއާ އިން ވަނީ މޮޅަށް ކުޅެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފަހުކޮޅު ނޭޕާލުން ކުރިއަށް ޖެހިގެން ކުޅުނުއިރު އެޓީމުން އުފެއްދި ހަމަލާއެއް ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. މެޗުގެ ފަހު ލަނޑު އިންޑިއާ އިން ޖެހީ އިތުރު ވަގުތުގަ އެވެ. ނޭޕާލްގެ ޑިފެންޑަރުން ކައިރިން ހަމަޖެހިލާފައި ކަޓުވާލުމަށް ފަހު މި ލަނޑު ކާމިޔާބުކޮށްދިނީ ބެންޗުން ކުޅެން އެރި ސަހާލް އަބްދުއްސަމަދު އެވެ.

މިއީ ނޭޕާލުން މި މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުން އަންނަ ނޭޕާލްގެ ޒުވާނުން ޓީމުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ހޯދިއިރު މިއަހަރުގެ މާޗް މަހު އެގައުމުގައި އޮތް ތުރީ ނޭޝަންސް ކަޕް އެގައުމުގެ ސީނިއާ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލުން ވަނީ އެގައުމުގައި އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު ދެ ވަނަ މެޗު އިންޑިއާ އިން ވަނީ 2-1 އިން ކާމިޔާބުކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *