ނޭޕާލް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

Advertisement

ނޭޕާލް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

ޢަލީ ޝަހީމް
މިއަދުގެ މެޗަށް ނުކުތް ނޭޕާލް ޓީމު. އެޓީމު ވަނީ ފައިނަލުން ޖާގަ ހޯދާފައި. - ފޮޓޯ: އެފްއޭއެމް

ބަންގްލަދޭޝްއާ ވާދަކުރި މެޗު 1-1 އިން އެއްވަރުކޮށް ނޭޕާލް ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފި އެވެ.

ސަރަހައްދީ އެންމެ ބޮޑު މުބާރާތުގައި ނޭޕާލަށް މީގެ ކުރިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1993 ވަނަ އަހަރުގެ ތިން ވަނަ ހޯދުމެވެ. އޭގެފަހުން އެޓީމު މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ނަމަވެސް ފައިނަލަށް ދެވޭގޮތެއްނުވި އެވެ. 2018 ވަނަ އަހަރުގެ ސެމީގައި ނޭޕާލް ބަލިވީ ރާއްޖެ އަތުންނެވެ. މިއީ ފަހަކަށް އައިސް ކުރިއެރުން ހޯދަމުން އަންނަ ނޭޕާލަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ނޭޕާލްގެ ޒުވާން ޓީމު ވަނީ 2019 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓު ރަނގަޅަށް ކުޅުނީ ނޭޕާލުންނެވެ. މެޗުގެ ދެ ވަނަ މިނެޓުގައި އޭރިޔާ ބޭރުން ނޭޕާލަށް ލިބުނު ހިލޭ ޖެހުމެއް ސުޖަލް ޝްރެސްތާ ފޮނުވާލުމުން ދިޔައީ ބޭރަށެވެ. މި ހަމަލާއަށް ފަހު ބަންގްލަދޭޝަށް މެޗުގައި ލިބުނު ފުރަތަމަ ފުރުސަތުގައި އެޓީމުން ވަނީ ލީޑު ނަގައިފަ އެވެ. ދަނޑުގެ އަރިމަތިން ބަންގްލަދޭޝުން ނެގި ޖެހުމެއްގައި އޭރިޔާ ތެރޭ ހުސްކޮށްހުރެ ބޮލުން މި ގޯލު ކާމިޔާބުކޮށްދިނީ އެމްޑީ ސުމަން ރެޒާ އެވެ.

ލަނޑަށް ފަހު ފުރަތަމަ ހާފުގައި ބަންގްލަދޭޝަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ތަނަވަހެއް ނުލުރެވުނެވެ. މި ހާފުގައި ނޭޕާލަށް ގޯލު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ފޯވާޑް އާޔުޝް ގަލާން އަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭރިޔާ ތެރޭ ހުރެ ގަލާން ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ނޭޕާލުން ދެ ވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. 52 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ހަމަލާއެއްގައި ގަލާން އޭރިޔާ ތެރޭ ހުހަށް ހުރެ ބޮލުން ޖެހި ބޯޅަ ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހްމާން ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޭގެ ދެ މިނެޓު ފަހުން ބަންގްލަދޭޝުން އުފެއްދި ކައުންޓަ އެޓޭކެއްގައި ރެޒާ އޭރިޔާ ތެރެއަށް ވަދެ ތިރިތިރިން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ކިރަން ކުމާރް ވަނީ ފައިން މަތަކޮށްފަ އެވެ. އޭގެފަހުން މެޗުގެ 58 ވަނަ މިނެޓުގައި ނޭޕާލްގެ އަންޖަން ބިސްތާ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލު ހުރަސްވެގެންނެވެ. އޭގެ ފަސް ވަރަކަށް މިނެޓު ފަހުން ބަންގްލަދޭޝަށް ގާތްގާތުގައި ދެ ފުރުސަތު ލިބި ބޭކާރުވި އެވެ.

މެޗުގެ ކުރީކޮޅު ލަނޑު ޖެހުމަށް ފަހު ބަންގްލަދޭޝްގެ ކުޅުންތެރިން އުފާފާޅުކުރަނީ. – ފޮޓޯ: އެފްއޭއެމް

މެޗުގެ 70 ވަނަ މިނެޓުގައި ނޭޕާލްގެ ރޯހިތު ޗާންގް ބޮލުން ފޮނުވާލި ބޯޅަ ދަނޑި ކައިރިން ބޭރަށް ދިޔައިރު 71 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރެޒާ ފޮނުވާލި ބޯޅަ ވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފަހު 20 މިނެޓު ނޭޕާލްގެ މުޅި ޓީމު ވަނީ ކުރިއަށްޖެހި ބަންގްލަދޭޝަށް ޕްރެޝަރުކޮށްފަ އެވެ. ބަންގްލަދޭޝަށް ފަހުކޮޅު އުނދަގޫވީ 78 ވަނަ މިނެޓުގައި ކީޕަރު އަނީރުދް އަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ ނޭޕާލްގެ އަންޖަން ބިސްތާ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭރިޔާ ބޭރުން އަތުން ޖެއްސުމުން ރެފްރީ ދެއްކި ރަތެކެވެ. އަނީރުދުގެ ބަދަލުގައި ފަހު 10 މިނެޓު ބަންގްލަދޭޝްގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު އަޝްރަފުލް އިސްލާމް އެވެ. އަޝްރަފުލް އެރިތަނާ ނޭޕާލްގެ ސުމަން ލާމާ ގޯލުގެ މަތީ ކަނަށް އޮއްސާލަން ޖެހި ބޯޅައެއް ކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ލަނޑެއް ޖަހަން ކުރި އުއްމީދު ނޭޕާލަށް ހާސިލްކުރެވުނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. އަންޖަން ބިސްތާ އަށް ބަންގްލަދޭޝްގެ ޑިފެންޑަރަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީ ވެސް އޭނާ އެވެ. މި ލަނޑަށް ފަހު ނޭޕާލުގެ ކުޅުންތެރިންނާއި ދަނޑަށް ވަދެ ތިބި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ހަ މިނެޓުގައި ބަންގްލަދޭޝުން ވަނީ ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު ނޭޕާލުން ވަނީ ހިތްވަރާ އެކު ލީޑު ހިފަހައްޓައި ތާރީހީ ކާމިޔާބީ ހޯދައިފަ އެވެ.

މެޗު ނިމުމުން ދަނޑަށް ވަދެ ތިބި ބަންގްލަދޭޝްގެ އެތައް ސަތޭކަ ސަޕޯޓަރުންނާއި ޓީމުގެ ކުޅުންތެރިން ވަނީ ރެފްރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ބަންގްލަދޭޝްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ހިތްހަމަނުޖެހުނީ ނޭޕާލަށް ދިން ޕެނަލްޓީގެ ސަބަބުންނެވެ.

ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ އިންޑިއާ ނޫނީ ރާއްޖެ އަށެވެ. މިރޭ 9 ޖަހާއިރު ކުޅޭ މި މެޗު އެއްވަރުކޮށްލައިގެން ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ލިބޭއިރު އިންޑިއާ އަށް ފައިނަލަށް ދެވޭނީ ރާއްޖެ ބަލިކޮށްގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *