ބޮޑު ދުވަހެއް: ފައިނަލްގެ އުއްމީދުގައި ހަތަރު ޓީމު ފަހު ހަނގުރާމައަށް

Advertisement

ބޮޑު ދުވަހެއް: ފައިނަލްގެ އުއްމީދުގައި ހަތަރު ޓީމު ފަހު ހަނގުރާމައަށް

ޢަލީ ޝަހީމް
ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ. މިއަދަކީ ސަރަހައްދީ ފުޓްބޯޅައިގައި ބޮޑު ދުވަހެއް. - ފޮޓޯ: އެފްއޭއެމް

1993 ވަނަ އަހަރު ފެށި ސާފް ޗެމްޕިއަންޝިޕަކީ ސަރަހައްދުގެ ގައުމުތަކުގައި ކުޅެވޭ އެންމެ ވާދަވެރި ފުޓްބޯޅަ މުބާރާތެވެ. 13 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާއިރު އެހެން މުބާރާތްތަކާއި މި މުބާރާތާ ތަފާތުތަކެއް އެބަހުއްޓެވެ. އާއްމުކޮށް މުބާރާތުގައި ވާދަކުރާ ޕާކިސްތާނާއި ބޫޓާން ނުލައި މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ފަސް ގައުމުންނެވެ. އަނެއްކޮޅުން މިއީ ރާއްޖެ ހަމައެކަނި ހޯސްޓެއްގެ ގޮތުގައި އޮވެ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އެންމެ ފަސް ގައުމު މުބާރާތުގައި ވާދަކުރާތީ މުބާރާތުގެ ފޯރި އެހެން އަހަރުތަކަށް ވުރެ ކުޑަވާނެކަމަށް ބައެއް ފަރާތްތަކަށް ގަބޫލުކުރެވުނެވެ. އެހެންނަމަވެސް މުބާރާތުގެ ފަހު ތިން މެޗާއި ހަމައަށް ދިޔައިރު މިއީ އެންމެ ވާދަވެރި މުބާރާތޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.

ފަސް ޓީމު ކުޅޭތީ މިފަހަރުގެ މުބާރާތް ކުރިއަށްގެންދަން ނިންމީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމު ފައިނަލުގައި ކުޅޭގޮތަށެވެ. މިގޮތަށް މުބާރާތް ރާވާލުމުން ފައިނަލުގައި ކުޅޭނެ ދެޓީމު މާކުރިން ކަށަވަރުވާނެކަމަށް ހީކުރެވުނަސް، ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ލީގު ބުރުގެ ފަހު ދެ މެޗު މިއަދު ކުޅޭއިރު އަދި އެއްވެސް ޓީމަކަށް ފައިނަލުގެ ފުރުސަތެއް ނުލިބެ އެވެ. އަނެއްކޮޅުން މުބާރާތުގައި އެންމެ ކާމިޔާބު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ރާއްޖެ ވާދަކުރާ ފައިނަލެއް ނުފެންނާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

Advertisement

މުބާރާތުގެ ފޯރި މިހާރު އޮތްގޮތަށް ބަލާއިރު މިއީ ސަރަހައްދީ ފުޓްބޯޅައިގައި އެންމެ ބޮޑު އެއް ދުވަހޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝް އާއި ނޭޕާލުން މިއަދު ނުކުންނާނީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިއުމުގެ އުއްމީދުގަ އެވެ. މުބާރާތުގައި ޓީމުތަކުން ދައްކާ ކުޅުމަށް ބަލާއިރު މިއިން ކޮންމެ ޓީމަކީ ވެސް ފައިނަލުގެ ފުރުސަތު ހޯދޭނެ ފެންވަރުގެ ޓީމުތަކެކެވެ.

ފަސް ގައުމުގެ ތެރެއިން މުބާރާތުން ކަޓާފައިވަނީ ހަތަރު މެޗުން ޕޮއިންޓެއް ލިބުނު ސްރީ ލަންކާ އެވެ. މުބާރާތުން ކެޓިޔަސް ލަންކާ އިން ވަނީ ރަނގަޅު ވާދައެއްކޮށްފަ އެވެ. އެޓީމުން ގަދަފަދަ އިންޑިއާ ހިފެހެއްޓިއިރު ބަންގްލަދޭޝް އާއި ނޭޕާލް އަދި ރާއްޖެ އަތުން ބަލިވީ އެންމެ ގޯލެއްގެ ތަފާތަކުންނެވެ. ރާއްޖެ އަތުން ލަންކާ ބަލިވި މެޗަށް ފަހު އެގައުމުގެ ކޯޗު ބުނީ ރޭންކިންގައި ލަންކާ 205 ވަނައިގައި އޮތްނަމަވެސް އެގައުމަށް ވުރެ ފުޓްބޯޅައިގައި މާ ކުރީގައި އުޅޭ ގައުމުތަކަކާ ދެކޮޅަށް ލަންކާ އިން ދެއްކި ކުޅުމާމެދު ފަހުރުވެރިވާކަމަށެވެ. އަދި ލަންކާ އިން ދައްކުވައިދިނީ ފުޓްބޯޅައިގައި އެގައުމާއި ސާފްގައި ވާދަކުރާ އެހެން ގައުމުތަކާ އޮތް ފަރަގު ކުޑަކަން ކަމަށް ކޯޗު ބުންޏެވެ.

ކުޅުނު ތިން މެޗުން 6 ޕޮއިންޓް ހޯދައި ތާވަލުގެ އެއް ވަނައިގައި ނޭޕާލް އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ ރާއްޖެ އެވެ. ނޭޕާލަށް އެއް ވަނަ ލިބެނީ ރާއްޖެއާ ވާދަކުރި މެޗުން މޮޅުވެފައިވުމުންނެވެ. ތިން ވަނައިގައި 5 ޕޮއިންޓާ އެކު އިންޑިއާ އޮތްއިރު ހަތަރު ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ ބަންގްލަދޭޝް އެވެ. ފަހު ހަނގުރާމައަށް މިއަދު ނުކުންނައިރު ހަވީރު ކުޅޭ މެޗުގައި ބަންގްލަދޭޝް ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެއާ ދެކޮޅަށް މިރޭ ނުކުންނާނީ ގަދަފަދަ އިންޑިއާ އެވެ.

ފުޓްބޯޅައިގައި ފޯރިގަދަ ދުވަހަކާ ސަރަހައްދީ ގައުމުތަކުން ކުރިމަތިލާއިރު ދެން މި ބަލާލަނީ މި ހަތަރު ގައުމު ސާފްގައި ހޯދާފައިވާ ކާމިޔާބީތަކާއި މިއަދުގެ މެޗަށް ނުކުންނައިރު ކޯޗުން ބުނެފައިވާ ބައެއް ވާހަކަތަކަށެވެ.

ބަންގްލަދޭޝް

ބަންގްލަދޭޝް އަކީ ފުޓްބޯޅައަށް ބޮޑު ހަރަދުކުރަމުން އައިސް ފަހަކަށް އައިސް ކުރިއެރުން ހޯދަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ކްލަބް ފުޓްބޯޅައިގައި އެ ގައުމުން ހޯދާ ކުރިއެރުމުގެ ނަތީޖާ ގައުމީ ޓީމުން ވެސް އަންނަނީ ފެންނަމުންނެވެ. ސާފްގެ ތާރީހުގައި ބަންގްލަދޭޝަށް ޗެމްޕިއަންކަން ލިބުނީ 2003 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް މޮޅުވީ ރާއްޖެ އަތުންނެވެ. 1999 ވަނަ އަހަރާއި 2005 ވަނަ އަހަރު މުބާރާތުގެ ފައިނަލުގައި ވާދަކޮށް ބަންގްލަދޭޝް ވަނީ ބަލިވެފަ އެވެ. މި ދެފަހަރު ވެސް އެގައުމު ބަލިވީ އިންޑިއާ އަތުންނެވެ.

ބަންގްލަދޭޝުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. ފައިނަލުގެ ޖާގައެއް ހޯދަން އެޓީމުން މިއަދު ނޭޕާލް ބަލިކުރަން ޖެހޭނެ. – ފޮޓޯ: އެފްއޭއެމް

ބަންގްލަދޭޝް ޓީމުގެ ކޯޗުކަން މިފަހަރުގެ މުބާރާތުގައި ކުރަމުން އަންނަނީ އެގައުމުގެ ކްލަބް ފުޓްބޯޅައަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެމުން އަންނަ ސްޕެއިނަށް އުފަން އޮސްކާ ބްރުޒޮން އެވެ. އޮސްކާ އަކީ ރާއްޖޭގެ ނިއު ރޭޑިއަން ސްޕޯޓްސް ކްލަބްގައި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަސްތެރޭ އެޓީމު ވާދަކުރި ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކޯޗެވެ. ބަންގްލަދޭޝް ގޮވައިގެން ވަގުތީގޮތުން އޮސްކާ މި މުބާރާތާ ކުރިމަތިލީ ފައިނަލުގެ ޖާގައެއް ހޯދުމަށެވެ. މިއަދު ނޭޕާލާ ދެކޮޅަށް ނުކުންނައިރު ފައިނަލުގެ ޖާގައެއް ހޯދުމަށް އެޓީމަށް މޮޅުވުން މަޖުބޫރެވެ. މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ވަނީ މުބާރާތުގެ ކުރިން އޭނާގެ ހިތުގައި އޮތް އަޒުމް އިއްޔެ ތަކުރާރުކޮށްފަ އެވެ. އޮސްކާ ބުނީ އޭނާ ބޭނުންވަނީ ނޭޕާލް ބަލިކޮށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައި ބަންގްލަދޭޝްގެ ފުޓްބޯޅާ ކުރިއަރައިފިކަން ސާބިތުކޮށްދޭން ކަމަށެވެ.

“މާދަމާ މި ލިބެނީ ބަންގްލަދޭޝްގެ ފުޓްބޯޅަ ކުރިއަރައިފިކަން ސާބިތުކޮށްދޭން ފުރުސަތެއް. ބޭނުންވަނީ މި ގައުމަށް އެންމެ ހައްގު މަގާމަށް ދާން. މިއީ ބަންގްލަދޭޝްގެ ފުޓްބޯޅައިގެ މުސްތަގްބަލަށް މުހިއްމު ކަމެއް” މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުންޏެވެ.

ނޭޕާލް

ނޭޕާލް އަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ފަސް ގައުމުގެ ތެރެއިން މުބާރާތުގެ ޗެމްޕިއަންކަން ނުލިބި އޮތް ހަމައެކަނި ގައުމެވެ. އެގައުމަށް ސާފް ޗެމްޕިއަންޝިޕްގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ފުރަތަމަ މުބާރާތުގައި 1993 ވަނަ އަހަރުގެ ތިން ވަނަ މަގާމެވެ. މުބާރާތުގެ ތާރީހުގައި ނޭޕާލް ކިތަންމެ ނާކާމިޔާބުވިޔަސް އެގައުމަކީ މިފަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ގައުމެވެ. މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ރާއްޖެ އާއި ލަންކާ އަތުން ބަލިވިއިރު އިންޑިއާ އަތުން އެޓީމު ބަލިވީ ފަހުވަގުތު އެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު ނޭޕާލް ޓީމުގެ އުއްމީދަކީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފައިނަލް ކުޅުމެވެ. ފައިނަލާ މެދު ވިސްނަން ޖެހޭ ބައިވަރު ސަބަބުތައް ފަހަކަށް އައިސް އެޓީމުން ވަނީ ދައްކުވައިދީފަ އެވެ. އަމިއްލަ ގައުމުގައި 2019 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ނޭޕާލުގެ ޒުވާން ޓީމުން ހޯދީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. އެއަށްފަހު އެގައުމުން ވަނީ ތިން ގައުމު ވާދަކުރި ތުރީ ނޭޝަންސް ކަޕެއް ބާއްވައި، އެ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. އެގައުމުގެ ސަރުކާރުން ޓީމަށް ބޮޑުހަރަދުކޮށް މިފަހަރު ތައްޔާރުވީ ސީދާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށެވެ. އެގައުމުގެ ހުރިހާ ރައްޔިތުންގެ އުއްމީދާ ގުޅިފައިވަނީ މި މުބާރާތުގައި ނޭޕާލުން ދައްކަމުން އަންނަ ކުޅުމެވެ.

ކޯޗު އަބްދުﷲ އަލް މުތައިރީގެ ބަދަލުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޭޕާލުގެ އެސިސްޓެންޓް ކޯޗު ކިރަން ޝްރެސްތާ ބުނީ އެއްވަރުކޮށްލައިގެން ފައިނަލަށް ދެވޭނެކަމަށް ހީކުރެވުނަސް އެއީ ފަސޭހަ މަގެއް ނޫން ކަމަށެވެ. ނޭޕާލުން މަސައްކަތްކުރާނީ ޕްރެޝަރާ ކުރިމަތިލައި ނަތީޖާ ނެރެ ތާރީހް ބަދަލުކޮށްލަން ކަމަށް ޝްރެސްތާ ވަނީ ބުނެފަ އެވެ.

“ކަމެއް ހާސިލްކުރާއިރު އުނދަގޫތަކެއް ވެސް ހުންނާނެ. މި ޕްރެޝަރުގައި ކުޅެ ބޭނުންވަނީ ތާރީހް ބަދަލުކޮށްލަން” އެސިސްޓެންޓް ކޯޗު ބުންޏެވެ.

އިންޑިއާ

ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާބަލާއިރު އިންޑިއާ އަކީ މަތީ ފަންތީގެ ގައުމެކެވެ. ދުނިޔޭގެ ރޭންކިން އާއި ކާމިޔާބީއަށް ބެލިޔަސް އެކަމަށް ހެކިދެއެވެ. ސާފް ޗެމްޕިއަންޝިޕްގައި ފަހަކަށް އައިސް އިންޑިއާ އިން ބޭނުންކުރަން ވިސްނީ ވެސް ޒުވާން ޓީމެވެ. އެކަމަކު ކުރިއަށް އޭޝިއަން ކަޕް ކޮލިފައިން އޮތުމާ އެކު އިންޑިއާއިން މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ސީނިއާ ޓީމެވެ. މި މުބާރާތުގެ 12 އަހަރުވީ ތާރީހުގައި އިންޑިއާ އިން ވަނީ ހަތް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެޓީމު ފައިނަލުގައި ނުކުޅެނީ ހަމައެކަނި 2003 ވަނަ އަހަރުގެ މުބާރާތުގަ އެވެ. ހަތް ފައިނަލް ކާމިޔާބުކުރިއިރު ފައިނަލުގައި އެޓީމު ބަލިވީ 1995 ވަނަ އަހަރު ލަންކާ އަތުންނާއި 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ރާއްޖެ އަތުން 2013 ވަނަ އަހަރު އަފްގާނިސްތާން އަތުންނެވެ.

ޗެތުރީ ބަންގްލަދޭޝް ކޮޅަށް ގޯލު ޖެހުމަށް ފަހު. މުބާރާތުގައި އިންޑިއާގެ ދެ ލަނޑު ވެސް ޖެހީ ޗެތުރީ. – ފޮޓޯ: އެފްއޭއެމް

އިންޑިއާގެ ކޯޗަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ކްރޮއޭޝިއާ އަށް ނިސްބަތްވާ އީގޯ ސްޓިމަކް އެވެ. ސްޓިމަކްގެ ކޯޗުކަމުގައި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެ މެޗުގައި ބަންގްލަދޭޝް އާއި ލަންކާ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް ބުނީ އިންޑިއާ އިން ބޭނުންވާ ގޭމް ކުޅެފިނަމަ ރާއްޖެ އަށް މެޗުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. އެކަމަކު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާފައިވާކަމަށް ފާހަގަކޮށް ސްޓިމަކް ރާއްޖޭގެ ފުޓްބޯޅަ އަށް ތައުރީފްކުރި އެވެ. ހާއްސަކޮށް ސްޓިމަކް ވަނީ އިންޑިއާގެ ސުނިލް ޗެތުރީ އާއި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ގެ ކުޅުން ފާހަގަކޮށްފަ އެވެ.

ސްޓިމަކް އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިފަހަރުގެ މުބާރާތުގައި އިންޑިއާ އަށް ލިބޭ ފުރުސަތުތައް ގޯލަށް ބަދަލުނުކޮށްލެވުމެވެ. އެގައުމުން މުބާރާތުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޗެތުރީ އެވެ. ސްޓިމަކްގެ ނަޒަރުގައި އެންމެ ކުޅުންތެރިއަކަށް ބަރޯސާވެގެން ނަތީޖާ ނެރުމަކީ ފަސޭހަކަމެއް ނޫނެވެ.

“ފުރަތަމަ ތިން މެޗުގެ ކުޅުމާ މެދު އަހަރެން ހިތްހަމަޖެހޭ. މެޗުތައް ޑޮމިނޭޓް ކުރިއިރު އިދިކޮޅު ޓީމުތަކަށް އަހަރެމެންގެ ކީޕަރަށް މާބޮޑަށް ނުރައްކަލެއް ނުކުރެވުނު. އެކަމަކު މައްސަލައަކީ ކުރިއެކޭ އެއްގޮތަށް ލަނޑު ނުޖެހުން. އެންމެ ކުޅުންތެރިއަކަށް ބަރޯސާވެގެން ގޯލެއް ނުޖެހޭނެ. ގޯލު ކުރިމަތީގައި އިންޑިއާގެ ކުޅުންތެރިން މިހާރަށް ވުރެ ރަނގަޅުވާންޖެހޭ” ސްޓިމަކް ބުންޏެވެ.

ރާއްޖެ

ފުޓްބޯޅައިގައި ރާއްޖެން އެންމެ ފުރަތަމަ ރަން މެޑަލް ހޯދީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ބަލިކޮށްފަ އެވެ. އޭގެފަހުން 2018 ވަނަ އަހަރު ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތުގެ ތާރީހުގައި ތިން ފައިނަލުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އެއީ 1997 ވަނަ އަހަރާއި 2009 ވަނަ އަހަރު އިންޑިއާ އަތުން އަދި 2003 ވަނަ އަހަރު ބަންގްލަދޭޝް އަތުންނެވެ. މީގެ ތެރެއިން 2003 ވަނަ އަހަރުގެ މުބާރާތާއި 2009 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އަމިއްލަ ފަސްގަނޑުގައި ރާއްޖޭން މިފަހަރު ނުކުންނަނީ މުބާރާތް ތިން ވަނަ ފަހަރަށް ކާމިޔާބު ކުރުމަށެވެ. އިންޑިއާ ނޫން ޓީމަކަށް މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ފަހަރު ވެސް ހޯދިފައެއްނުވެ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު އަލީ ސުޒޭން ބުނީ މިއަދުގެ ދެ މެޗު ފެންނަނީ ސެމީ ފައިނަލެއްގެ ގޮތުގައި ކަމަށާއި، އެއްވަރުވެގެން ލިބެން އޮތް އެޑްވާންޓޭޖާ އެކު ފައިނަލަށް ދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.

May be an image of 6 people and people standing

ރާއްޖޭގެ ސަޕޯޓަރުން ދިވެހި ޓީމަށް ތަރުހީބު ދެނީ. ސުޒޭން ވަނީ ސަޕޯޓަރުންގެ ހިތްވަރު ފާހަގަކޮށްފައި. – ފޮޓޯ: އެފްއޭއެމް

“މި ދެ މެޗު މި ފެންނަނީ ދެ ސެމީ ފައިނަލް ކަހަލަ ގޮތަކަށް. އެހެންވިޔަސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބައޮތް އެޑްވާންޓޭޖެއް. ނޭޕާލަށް ވެސް އެބައޮތް. އެއީ އިރާދަކުރެއްވިއްޔާ އެއްވަރުވިޔަސް އަޅުގަނޑުމެންނަށް ފައިނަލަށް ދެވޭނެ،” ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކޯޗު ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، ޕޮއިންޓް ތާވަލް މިހާރު އޮތްގޮތުން ނޭޕާލާއި ރާއްޖެ އަށް އެޑްވާންޓޭޖް ބޮޑުކަމަށް ފެނުނު ނަމަވެސް ޕޮއިންޓެއް ހޯދައިގެން ފަރުޖައްސާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އިންޑިއާއާ ދެކޮޅަށް ނިކުންނާނީ މެޗުން ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށް ސުޒޭން ބުންޏެވެ.

“މި ހުރިހާ ކަމަކަށް ބަލާއިރު ކުރިއަށް އޮތް މެޗުގައި ސަޕޯޓަރުން މާޔޫސްނުވާނެ ފަދަ ނަތީޖާއެއް ނެރުމަށްޓަކައި ޓީމުގެ ކުޅުންތެރިން ގަދައަޅައި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.” ސުޒޭން ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • މިރޭގެ މެޗުން މުޅުވަން ވަރަށް ބޭނުން. އެކަމަކު ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވާކަށް ބޭނުމެއް ނޫން. ދެ ސަބަބާހެދި. އެއް ސަބަބަކީ ﷲ މިއުޒިކް ހަރާނ ކުރައްވާފަ ވާތީ. ދެވަން ސަބަބަކީ އެއީވެސް ރައްޔިތުންގެ ބައިތުލްމަލުން ކުރެވޭ އިޝްރާފެއް. ދެވަނަ ސަބަބަކީ ކާމިޔާބު ލިބޭ ހިނދު ކާފިރުން ފާހަގަ ކުރާ ގޮތަށް ފާހަގަ ލުރާތީ. ބަލި މީހުން ވެސް އުޅޭނެކަން ހަދާން ނެތޭތީ. ކުޑަކުދީންނާ މުސްކުޅިންނަށް އުނދަގޫވެދާނެކަމަކަށް ނުބަލާ. މިސާލަކަށް މީހަކު ބަލިވެގެމް އެމަޖެންސީކޮން ހޮސްޕިޓަކަށް ދާން ބޭނުންވިޔަސް ނުދެވޭނެ. އެހަމެ އަޑުގަދަކުރާނެ. ސެލިބްރޭޓް ކުރަން ވެސް ވަކި މިނެއް އޮންނަންވާނެ.