އިންޑިއާ ފަހަތަށް ޖައްސާލެވޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް: އަކްރަމް

ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން ރާއްޖެން ކާމިޔާބު ހޯދީ އިންޑިއާ ބަލިކޮށްގެން ކަމަށާއި، ސަޕޯޓަރުންގެ ތަރުހީބާ އެކު މާދަމާ ރޭ އިންޑިއާގެ މައްޗަށް ކާމިޔާބީ ހޯދޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް ބަލާއިރު އެންމެ ކާމިޔާބު ޓީމަކީ އިންޑިއާ އެވެ. އެހެންވެ އިންޑިއާ ބަލިކުރުމަކީ މި ސަރަހައްދުގެ އެއްވެސް ޓީމަކަށް ފަސޭހަކަމެއް ނޫނެވެ. އަކްރަމް ބުނީ މެޗަށް ނުކުންނާނީ އިންޑިއާ އަކީ މި ސަރަހައްދުގެ އެންމެ މޮޅު ޓީމުކަން ދަނެ ފުރިހަމަ އިހްތިރާމާއެކު ކަމަށެވެ.
“ކާމިޔާބީ ހޯދި ކޮންމެ އަހަރަކު ވެސް އިންޑިއާ ބަލިކޮށްގެން ހޯދީ. އަޅުގަނޑުމެންނަށް އެބަ އެނގޭ އިންޑިއާ އަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމުކަން. އެކަން ދަނެގެން އެ އިހްތިރާމާ އެކު އަޅުގަނޑުމެން ނުކުންނަނީ” އަކްރަމް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ޖާގައެއް ހޯދުމަށް މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުން ދިވެހި ޓީމަށް މަދުވެގެން ޕޮއިންޓެއް ބޭނުންވެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާ ބަންގްލަދޭޝް ނޫނީ ނޭޕާލަށެވެ. ނެޕާލް އާއި ރާއްޖެ އަށް ޕޮއިންޓެއް ހޯދައިގެން ފައިނަލަށް ދެވޭއިރު އިންޑިއާ އާއި ބަންގްލަދޭޝަށް ފައިނަލަށް ދެވޭނީ މާދަމާ މޮޅުވެގެންނެވެ.
“….އެކަމަކު ޕްރެޝަރު ވެސް މެޗެއް. އެއީ ޕްރެޝަރު ނެތީޔާ ފޯރިއެއް ގަދައެއް ނުވާނެ. އެކަމަކު އެ ހުރިހާ ޕްރެޝަރެއް ޕޮޒިޓިވްކޮށް ނަގައިގެން މި ނުކުންނަނީ އަޅުގަނޑުމެން އަޅުގަނޑުމެން ޓީމާ ދޭތެރޭ އެ އިތުބާރު އޮތީމަ” އިންޑިއާގެ މައްޗަށް ރަނގަޅު ކާމިޔާބީއެއް ހޯދައި ދިވެހި ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭނެކަން ހާމަކުރަމުން އަކްރަމް ބުންޏެވެ.

ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި މެޗުގައި ހަމްޕު ބޯޅަ ހިފައިގެން ދަނީ. – ފޮޓޯ: އެފްއޭއެމް
އަކްރަމް ބުނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ދިވެހި ހުރިހާ ރައްޔިތުން ހެޔޮހިތުން އެދޭކަން ޓީމުން ގަބޫލުކުރާ ކަމަށާއި، ސަޕޯޓަރުން އެގޮތުގައި ތިބިއްޔާ އިންޑިއާ ބަލިކުރެވޭނެކަމަށެވެ.
“ސަޕޯޓަރުންނަށް އަޅުގަނޑުމެން ބުނަން އޮތީ ކެތްތެރިކަމާއެކު ތިގޮތަށް ތިއްބަވާށޭ. ހުރިހާ ބޭފުޅުންގެ ހެޔޮހިތުން އަޅުގަނޑުމެންނަށް ކާމިޔާބީ އަށް އެދޭކަން އަޅުގަނޑުމެން ގަބޫލުކުރަން. އެހެންވީމަ އެގޮތުގައި ތިބިއްޔާ އިންޝާﷲ މި ތަށި އަޅުގަނޑުމެންނަށް ނުނެގޭނެ އެއްވެސް ގޮތެއް ނެތް” މިއަދު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކެޕްޓަން އަކްރަމް ބުންޏެވެ.
ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވި ނަމަވެސް ފަހުން ކުޅުނު ދެ މެޗުން ރާއްޖެ މޮޅުވީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. ފަހު ދެ މެޗުން ހޯދި މުހިއްމު މޮޅުގައި ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ އަކްރަމެވެ. އަކްރަމް ބުނީ ޓީމަށް މުހިއްމީ ކޮންމެ ތަނެއްގައި ތިބެގެން ވެސް ތަރުހީބު ދިނުން ކަމަށެވެ.
“ބޮޑު ސްކްރީން ދޮށުގައި ވެސް ގޭގައި ވިޔަސް ރަށުގައި ވިޔަސް ކޮންމެތާކުވިޔަސް ތިބެ އަޅުގަނޑުމެންނަށް ސަޕޯޓް ކޮށްދެއްވާ. ހެޔޮ ދުއާ ކޮށްދެއްވާ. އެ ދުއާގެ ނަތީޖާ އިންޝާﷲ އަޅުގަނޑުމެންނަށް މާދަމާ ރެޔާ ކުރިއަށް އޮތް ފައިނަލް މެޗުގައި ފެނިގެންދާނެ. އެހެންވީމަ އެގޮތަށް ތިއްބަވާ” ސަޕޯޓަރުންނަށް ދިން މެސެޖުގައި އަކްރަމް ބުންޏެވެ.
އަކްރަމަކީ ސާފް ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދި ދެ ފަހަރު ވެސް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. 2008 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް 2018 ވަނަ އަހަރު ރާއްޖޭން ޗެމްޕިއަންކަން ހޯދީ އަކްރަމްގެ ކެޕްޓަންކަމުގަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭން 3-0 އިން ނޭޕާލް ބަލިކުރި މެޗުގައި އަކްރަމް ގޯލު ވެސް ޖެހި އެވެ. އެކަމަކު އިންޑިއާ އަތުން ފައިނަލުގައި 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން އަކްރަމް ޖެހުނީ ފައިބާށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އާއި ނޭޕާލް ވާދަކުރާ މެޗު މާދަމާ ހަވީރު 4 ޖަހާއިރު ފަށާއިރު އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނަ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.
Advertisement


Leave a Reply