ނޭޕާލް ބަލިކޮށް އިންޑިއާ އިން އަމިއްލަ ބާރު ހޯދައިފި

Advertisement

ނޭޕާލް ބަލިކޮށް އިންޑިއާ އިން އަމިއްލަ ބާރު ހޯދައިފި

ޢަލީ ޝަހީމް
އިންޑިއާ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން. - ފޮޓޯ: އަބްދުﷲ އަބީދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ 1-0 އިން ނޭޕާލް ބަލިކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އިންޑިއާ އިން ހޯދައިފި އެވެ.

މުބާރާތް ކުޅެނީ ލީގު ބުރަކަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ. ލީގު ބުރުގެ ފަހު މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އެދުވަހުގެ ހަވީރު ނޭޕާލް އާއި ބަންގްލަދޭޝް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި އިންޑިއާ ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.

މިއަދުގެ ދެ މެޗުގެ ނަތީޖާ އަށް ފަހު އެއް ވަނައިގައި އޮތް ރާއްޖެ އާއި ދެ ވަނައިގައި އޮތް ނޭޕާލަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ރާއްޖެ އެއް ވަނައިގައި އޮތީ ނޭޕާލަށް ވުރެ ފައިދާ އެއް ގޯލު ގިނަވުމުންނެވެ. ތިން ވަނައިގައި އޮތް އިންޑިއާ އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ބަންގްލަދޭޝަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޕޮއިންޓަކާ އެކު ފުލުގައި އޮތް ނޭޕާލަށް ބާކީ މެޗެއް ނެތްއިރު ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށް ވަނީ ބަންދުވެފަ އެވެ.

ފަހު މެޗުން ޕޮއިންޓެއް ހޯދައިގެން ނޭޕާލް އާއި ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. އިންޑިއާ އާއި ބަންގްލަދޭޝަށް ފައިނަލަށް ދެވޭނީ ބުދަ ދުވަހު ކުޅޭ މެޗުން މޮޅުވެގެންނެވެ. ފަހު މެޗުގައި އިންޑިއާ އިން ރާއްޖެ ބަލިކޮށްފި ނަމަ އެގައުމަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އޭރުން ރާއްޖެ މުބާރާތުން ކަޓާނެ އެވެ.

ފުރަތަމަ ދެ މެޗު އެއްވަރުވުމުން މިރޭ ނޭޕާލާ ދެކޮޅަށް އިންޑިއާ އިން ކުޅުން ފެށީ ވެސް ވަރަށް ބޮޑަށް ކުރިއަށް ޕްރެސްކޮށްގެންނެވެ. އެކަމަކު ރޭވުންތެރިކަމާ އެކު ނޭޕާލުން ދިޔައީ ވަރަށް ރަނގަޅަށް އިންޑިއާގެ ކުޅުންތެރިން ހުއްޓުވަމުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އޭރިޔާ ތެރެއިން ބޮލުން ޖެހި ބޯޅަ ބޭރަށް ދިޔައިރު 34 ވަނަ މިނެޓުގައި ޗެތުރީ އަށް ހުސް ގޯލަށް ޖަހަން ލިބުނު ފުރުސަތެއް ވަނީ ބޭކާރުވެފަ އެވެ. އަރިމަތިން ސުރޭޝް ސިންހް އޭރިޔާ ތެރެއަށް ބޯޅަ ހުރަސްކޮށްލިއިރު ޗެތުރީ ހުހަށް ހުއްޓައި ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި އިންޑިއާގެ ލަނޑު ޖެހުމާއި ހަމައަށް އެޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ނޭޕާލުގެ ގޯލްކީޕަރު ކިރަން ޝެމްޝޯން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެންމެ މޮޅު ސޭވް ކިރަން ކުރީ މެޗުގެ 56 ވަނަ މިނެގަ އެވެ. އޭރިޔާ ތެރެއިން އިންޑިއާގެ ފޯވާޑް މަންވީރު ސިންހް ބޮލުން ޖެހި ބޯޅަ ފެނު ޖެހިފައި ގޯލަށް ވަންނަން ދިޔަ ވަގުތު ކިރަން ވަނީ ހުށިޔާރުކަމާ އެކު އަތުން ޖައްސައި އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އިންޑިއާ މެޗުން މޮޅުކޮށްދިން ލަނޑު 82 ވަނަ މިނެޓުގައި ޖެހީ ޗެތުރީ އެވެ. އަރިމަތިން އެޓީމުގެ ކުޅުންތެރިއަކު ނަގައިދިން ބޯޅަ ޗެތުރީ ޖެހުމުން ގޯލަށް ވަނީ ކީޕަރު ކިރަންގެ އަތުގައި ޖެހިފަ އެވެ. ލީޑު ލިބުމާ އެކު އިންޑިއާ އިން ވަނީ މެޗުގެ ބާކީ ބައިގައި ނޭޕާލް ހިފަހައްޓައި މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ. މުބާރާތުގައި ވާދަކުރާ ފަސް ޓީމުގެ ތެރެއިން ހަތަރު ޓީމަށް ފައިނަލުގެ ފުރުސަތު ހުޅުވިފައިވާއިރު ބުދަ ދުވަހު ކުޅޭ މެޗުތައް ވެގެންދާނީ ފޯރިގަދަ މެޗުތަކަކަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *