ލަންކާ ބަލިކޮށް ރާއްޖޭން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީ ލަންކާ 0-1 އިން ބަލިކޮށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މިއަދުގެ މެޗާ އެކު ރާއްޖެ ވަނީ ތިން މެޗުން ހޯދި ހަ ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ޖެހި ގޯލުގެ ތަފާތުން ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ނޭޕާލް އެވެ. ރާއްޖެ އަށް ބާކީ އިންޑިއާ މެޗު އޮތްއިރު ނޭޕާލަށް ބާކީ އޮތީ އިންޑިއާ މެޗާއި ބަންގްލަދޭޝް މެޗެވެ. ނޭޕާލް އާއި އިންޑިއާއާ ވާދަކުރާ މެޗު އޮންނާނީ މިރެ އެވެ. ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް އިންޑިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ހުރިހާ މެޗެއް ކުޅެ ނިމުނުއިރު ޕޮއިންޓަކާ އެކު ލަންކާ ވަނީ މުބާރާތުން ކަޓައިފަ އެވެ.
މިއަދުގެ މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ހިމެނުނީ ގޯލްކީޕަރު މުހައްމަދު ފައިސަލް، ކެޕްޓަން އަކްރަމް އަބްދުލްގަނީ، ސަމޫހް އަލީ (ސަމުއްޓޭ)، ހުސައިން ސިފާއު ޔޫސުފް (ކުރޯ)، އަލީ އަޝްފާގް (ދަގަނޑޭ)، އިބްރާހީމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، ހައިޝަމް ހަސަން، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ހުސައިން ނިހާން (ނިހާޓް) އެވެ.
ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންނާ އެކު ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ލަންކާ އަށް ލިބުނު ޖެހުމެއްގައި ބޮލުން އެޓީމުގެ ކުޅުންތެރިއަކު ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އެވަގުތު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ ގޯލު ކެންސަލްކޮށްފަ އެވެ. އެ ފުރުސަތަށް ފަހު ހަ ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ރާއްޖެ އަށް ލީޑު ނަގައިދީފަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު ހައިޝަމް ނަގައިދިން ހުރަހަކުން ދަގަނޑޭ މި ގޯލު ޖެހީ ބޮލުންނެވެ. މިއީ މުބާރާތުގައި ދަގަނޑޭ ޖެހި ދެ ވަނަ ލަނޑެވެ. ލަނޑަށް ގިނަ އިރުތަކެއް ނުވަނީސް ފޭދޫ އިއްބެ ފޮނުވާލި ހަމަލާއެއް ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެފަހުން 14 ވަނަ މިނެޓުގައި ޜާއްޖޭގެ ސެންޓޭ ލަންކާގެ ކުޅުންތެރިއެއް ގާތުން ނައްޓާލާފައި ގޯލަށް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ރާއްޖޭގެ އިތުބާރު ގޯލްކީޕަރު ފައިސަލަށް އަނިޔާވުމުން ބަދަލުގައި މުހައްމަދު ޝަފީއު (ޗެކް) ވަނީ ކުޅެން އަރައިފަ އެވެ. މިއީ ގައުމީ ސީނިއާ ޖާޒީގައި ޗެކް ކުޅުނު ފުރަތަމަ މެޗެވެ. ލަންކާ އިން ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ 36 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުންނެވެ. އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ޖެހުން ރާއްޖޭގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބޭރަށް ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސެންޓޭ އޭރިޔާގެ އަރިމަތިން ފޮނުވާލި ބާރު ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓުގައި އުފެއްދި ހަމަލާގައި ހަމްޕު ގޯލުގެ ދުރު ކަނަށް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅައިގައި ފޭދޫ އިއްބެ ފޮނުވާލި ހަމަލާއެއް ކީޕަރު ސުޖަން ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި ދަގަނޑޭ އޭރިޔާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ ކީޕަރު ސުޖަން އަތަށް ދިޔައިރު އޭގެ މިނެޓެއްފަހުން ލަންކާގެ ޗާމޮދް ދިލްޝާން ފޮނުވާލި ހަމަލާ އާއި 60 ވަނަ މިނެޓުގައި ޗަލާނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ލަންކާގެ ކަވިންދޫ އިޝާން ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ގޯލަށް ފޮނުވާލި ނުރައްކާތެރި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން އިޝާން އުފެއްދި އިތުރު ހަމަލާއެއް ކީޕަރު ޗެކް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފަހު 20 މިނެޓުގައި ލަންކާ އިން ވަނީ ރާއްޖޭގެ ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށްފަ އެވެ. ދަގަނޑޭ އާއި ހަމްޕުގެ ބަދަލުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަސަދުﷲ އަބްދު ކުޅެން އަރުވައިގެން ރާއްޖޭން ބޮޑަށް މަސައްކަތްކުރީ ކައުންޓަ އެޓޭކުގައި ހަމަލާ އުފެއްދުމަށެވެ. މެޗުގެ ފަހުކޮޅު ރާއްޖޭގެ ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ހަންނަ އަށް ގޯލަށް ޖަހަން ލިބުނު ހުސް ފުރުސަތެއްގައި ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. އިތުރު ވަގުތުގައި ލަންކާ އިން އުފެއްދި އިތުރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.
މުބާރާތުގައި އިންޑިއާ އާއި ނޭޕާލް ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Advertisement
Leave a Reply