ޓިކެޓް ވިއްކަން ފެށިތާ އިރުކޮޅެއްތެރޭ ހުސްވުމުން އާއްމުން ރަތަށް

Advertisement

ޓިކެޓް ވިއްކަން ފެށިތާ އިރުކޮޅެއްތެރޭ ހުސްވުމުން އާއްމުން ރަތަށް

ޢަލީ ޝަހީމް
ޓިކެޓް މައްސަލައިގައި އާއްމުން އިހުތިޖާޖް ކުރަނީ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ވާދަކުރާ މެޗަށް ވިއްކާ ޓިކެޓްތައް، ކުޑައިރުކޮޅެއްތެރޭ ހުސްވުމުން އާއްމުން އެ ސަރަހައްދުގައި އިހުތިޖާޖް ކުރަން ފަށައިފި އެވެ.

އެފްއޭއެމުން އިއްޔެ ބުނީ ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ ޓިކެޓް ވިއްކާނީ މިއަދު 10 އިން ރޭގަނޑު 11 އަށް ކަމަށެވެ. އެކަމަކު އާއްމުން ދިޔައީ މިއަދު ފަތިހު 5:30 އިން ފެށިގެން ޓިކެޓް ވިއްކާ ސަރަހައްދަށް ޖަމާވަމުންނެވެ. އަދި 10 ޖެހިއިރު ޓިކެޓް ވިއްކަން ފެށިއިރު އެތަނުގައި ދިގު ކިއޫއެއް އޮތެވެ.

މުބާރާތުގެ މެޗުތަކަށް ޓިކެޓް ވިއްކަނީ ގޮނޑިބަރިން 100 ރުފިޔާ އަށް އަދި ސިޑިބަރިން 75 ރުފިޔާއަށެވެ. ކޮންމެ މީހަކަށް ގިނަވަގެން ފަސް ޓިކެޓް ވިއްކާއިރު މިއަދު ޓިކެޓް ގަންނަންދާއިރު އެ ފަސް މީހުންގެ ވެކްސިން ކާޑާއި އައިޑީ ކާޑު ގެންދަން ޖެހޭނެކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ޓިކެޓް ނަގަން ގޮސް ހުރި މީހަކު މި ނޫހަށް މައުލޫމާތުދެމުން ބުނީ ޓިކެޓް ހުސްވިގޮތް ބަލަން އާއްމުން ބޭނުންވާ ކަމަށާއި، އެކަމާއި ގުޅިގެން އެއްބަޔަކު މިހާރު ދަނޑުތެރެއަށް ވެސް ވަދެފައިވާކަމަށެވެ. އަދި އާއްމުން ހިތްހަމަނުޖެހުނީ ވިއްކަން ފެށިތާ ފަސް ވަރަކަށް މިނެޓްތެރޭ ޓިކެޓް ހުސްވިކަމަށް އެންގުމުން ކަމަށް އޭނާ ބުންޏެވެ.

“ނުވައެއް ޖެހީއްސުރެ މިހުރީ ކިއޫގައި. އެކަމަކު ޓިކެޓް ވިއްކަން ފެށިތާ ފަސް ވަރަކަށް މިނެޓުތެރޭ ބުނެފި ޓިކެޓް ހުސްވި ވާހަކަ. ބައެއް މީހުން ޓިކެޓް ކައުންޓަރުތެރެއަށް ވަދެ އެތަނުގެ ފޮތް ވެސް ޗެކްކުރި ކަމަށް ވަނީ. މިހާރު ބައެއް މީހުން ދަނޑުތެރެއަށް ވެސް ވަދެއްޖެ” އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތުދެމުން ބުންޏެވެ.

ޓިކެޓް މައްސަލައިގައި އިހުތިޖާޖުކޮށް ބައެއް މީހުން ދަނޑުތެރެއަށް ވަނީ ވަދެފައި.

ރާއްޖެ ކުޅޭ މެޗުތަކަށް ދިވެހި ސަޕޯޓަރުންނަށް ވިއްކަން ނިންމާފައިވަނީ 5000 ޓިކެޓް ކަމަށް މައުލޫމާތުލިބެ އެވެ. އަދި އަވޭ ޓީމަށް ކަނޑައަޅާފައިވަނީ 300 އެއްހާ ޓިކެޓެވެ. ގައުމީ ޓީމު ކުޅޭ މެޗުތަކަށް އަބަދުވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނައިރު ޓިކެޓް އަބަދުވެސް އޮންނަނީ މަދުވެފަ އެވެ. އަދި ކޮވިޑާ ގުޅިގެން ސަޕޯޓަރުން ދަނޑަށް ވައްދާ އަދަދު މިފަހަރު މަދުކުރުމުން ޓިކެޓަށް އޮތް ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. މާދަމާ މެޗުގެ ޓިކެޓްތައް މިހާރު ހުސްވެފައިވާއިރު އެ ސަރަހައްދުގައި މިހާރު ވެސް ބައެއް މީހުން އަންނަނީ ބްލެކްމާކެޓްގައި ޓިކެޓް ވިއްކަމުންނެވެ.

އެންމެފަހުން ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗަށް ޓިކެޓް ވިއްކިއިރު ވެސް މައްސަލަ ކުރިމަތިވި އެވެ. އެ މެޗުގައި ދިމާވީ ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަދަދު މަދުވުމުގެ މައްސަލައެވެ. އެކަމަކު ހޯމް ޓީމަށާއި އަވޭ ޓީމަށް ވެސް ޓިކެޓް ވިއްކަނީ މުބާރާތުގައި ވާދަކުރާ ގައުމުތަކުން އެއްބަސްވެފައިވާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ރާއްޖެ އާއި ލަންކާ ވާދަކުރާއިރު މާދަމާ ރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ނޭޕާލް ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *