މޮޅަށް ކުޅެ ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން އުއްމީދު އާކޮށްފި

މޮޅަށް ކުޅެ ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން އުއްމީދު އާކޮށްފި

ޢަލީ ޝަހީމް
ގޯލު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ. - ފޮޓޯ: އެފްއޭއެމް

މޮޅު ކުޅުމެއް ދައްކައި ބަންގްލަދޭޝް 2-0 އިން ބަލިކޮށް ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގައި ކުރިއަށް ދިއުމުގެ އުއްމީދު އާކޮށްފި އެވެ.

މުހިއްމު މޮޅާ އެކު ރާއްޖެ އަށް މިހާރު ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ބަންގްލަދޭޝަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ނޭޕާލް އެވެ. އިންޑިއާ އަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު ސްރީ ލަންކާ އިން ވަނީ ތިން މެޗުން އެއް ޕޮއިންޓް ހޯދާފަ އެވެ.

ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އިބްރާހީމް އައިސަމްގެ ބަދަލުގައި މިރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ހުސައިން ނިހާން (ނިހާޓް) އެވެ. ގޯލުގައި މުހައްމަދު ފައިސަލް ހުރިއިރު ޑިފެންސުގައި ތިބީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ)، ސަމޫހް އަލީ (ސަމުއްޓޭ)، ހުސައިން ސިފާއު ޔޫސުފް (ކުރޯ) އަދި ހައިޝަމް ހަސަން އެވެ. ނިހާޓާ އެކު މެދުތެރޭގައި ކުޅުނީ އަސްހަދު އަލީ (އަޑޭ) އެވެ. އެޓޭކިން ލައިންގައި ތިބީ ނޭޕާލް މެޗުގައި ވެސް ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މެޗު ފެށިގެން ދެ ވަނަ މިނެޓުގައި އެންމެ ފުރަތަމަ ހަމަލާ ފޮނުވާލީ ބަންގްލަދޭޝުންނެވެ. އެކަމަކު އެޓީމުގެ ކުޅުންތެރިޔާ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ މަޑުމަޑުން ގޮސް ލިބުނީ ކީޕަރު ފައިސަލަށެވެ. ރާއްޖޭން ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް ބަންގްލަދޭޝުން ވަނީ ކައުންޓަ އެޓޭކުގައި ރާއްޖޭގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކޮށްފަ އެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ބިޕްލޯ އަހުމަދު ފޮނުވާލި ބޯޅަ ގޯލުގެ މަތިން ދިޔައިރު 22 ވަނަ މިނެޓުގައި މުހައްމަދު އިބްރާހީމް ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލާ އަމާޒުނުވެ އެވެ.

މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ. – ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ އަޑޭ އަށް އަނިޔާވެގެން 25 ވަނަ މިނެޓުގައި ބަދަލުކުރިއިރު، ކުޅެންއެރީ އައިސަމް އެވެ. ބަންގްލަދޭޝްގެ ގޯލާ އަމާޒުކޮށް ރާއްޖޭގެ ފުރަތަމަ ހަމަލާ 26 ވަނަ މިނެޓުގައި ސެންޓޭ ފޮނުވާލުމުން ފަސޭހަކަމާ އެކު ކީޕަރު އަނީސުރް ރަހްމާން ވަނީ ނަގައިފަ އެވެ. އޭގެފަހުން ރާއްޖޭން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ބަންގްލަދޭޝްގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. އަދި މިހާފުގެ ފަހުކޮޅު ރާއްޖެ އަށް ގިނަ ހިލޭޖެހުންތަކެއް ލިބުނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ހިލޭ ޖެހުމެއްގައި ދަގަނޑޭ އޭރިޔާ ބޭރުގައި ހުރި ސެންޓޭ އަށް ޖައްސާލުމުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުމެއް ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފު ރާއްޖޭން ފެށީ ފޭދޫ އިއްބެގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން އަރުވައިގެންނެވެ. މި ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ހަމްޕު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. 53 ވަނަ މިނެޓުގައި ސެންޓޭ އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބާރު ގޯލު ކީޕަރު އަނީސުރް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ރާއްޖޭން ގޯލަކަށް ކުރި އުއްމީދު ފުރިހަމަވީ 55 މިނެޓުގައި ހަމްޕު ޖަހައިދިން ހިތްގައިމު ގޯލުންނެވެ. ރާއްޖެން ނެގި ކޯނަރެއްގައި ނިހާޓް އޭރިޔާ ތެރެއިން ބޮލުން ޖައްސާލި ބޯޅަ ހަމްޕު އެއްފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ވައްދާލީ ވެއްޓިގެންފަ އެވެ. ހަމްޕުގެ ގޯލާ އެކު ދިވެހި ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލި އެވެ. ހަމްޕު ގައުމީ ޓީމަށް ފުރަތަމަ ގޯލު ޖަހައިދިނީ 2016 ވަނަ އަހަރު ބަންގްލަދޭޝްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ.

ހަމްޕުގެ ގޯލަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ – ފޮޓޯ: އެފްއޭއެމް

ރާއްޖޭން ލީޑު ނެގުމުން ބަންގްލަދޭޝުން ވަނީ ކުރިއަށްޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި އެޓީމުގެ މަހްބޫބު ރަހްމާން ފޮނުވާލި ބާރު ބޯޅަ ބޭރަށް ދިޔައީ އެޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ މިސްރާބު ބަދަލުވެގެންނެވެ. ރާއްޖޭން މެޗުގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން 74 ވަނަ މިނެޓުގައި ޖެހީ ދަގަނޑޭ އެވެ. މިއީ ދެ ވަނަ ހާފުގައި ކުޅެން އަރައި ތަފާތު މޮޅު ކުޅުމެއްދެއްކި ދާދު އަށް ބަންގްލަދޭޝްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ހަމަޖެހިލާފައި ދަގަނޑޭ ޕެނަލްޓީ ވައްދާލީ ތިރީ ކަނަށެވެ. ދެ ގޯލަށް ފަހު ސެންޓޭ އާއި ހަމްޕު އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދާނީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު އެންމެ ރަނގަޅު ނަތީޖާގައި ނިންމާލާ ދެޓީމެވެ. ރާއްޖެ އަށް ދެން ބާކީ އޮތީ ލަންކާ އާއި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ލަންކާއާ ދެކޮޅަށް މި މަހުގެ 10 ވަނަ ދުވަހު ނުކުންނައިރު އިންޑިއާއާ ދެކޮޅަށް ކުޅޭނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *