ލަންކާއާ އެއްވަރުވެ އިންޑިއާ ޕްރެޝަރަށް ވެއްޓިއްޖެ

Advertisement

ލަންކާއާ އެއްވަރުވެ އިންޑިއާ ޕްރެޝަރަށް ވެއްޓިއްޖެ

ޢަލީ ޝަހީމް
މިއަދުގެ މެޗުގައި ޗެތުރީ. ލަންކާގެ ޑިފެންސުން ޗެތުރީ ހިފަހައްޓަން މޮޅު ކުޅުމެއް ދެއްކި. - ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ސްރީ ލަންކާއާ ވާދަކުރި މެޗު 0-0 އިން އެއްވަރުވެ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ އިންޑިއާ ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތުގެ ތެރެއިން ހަތް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ގައުމެކެވެ. އަނެއް ހަތަރު މުބާރާތުގެ ތެރެއިން ރާއްޖެ ދެ ފަހަރު ޗެމްޕިއަންކަން ހޯދިއިރު ދެން ތަށި ހޯދީ ބަންގްލަދޭޝް އާއި ލަންކާ އެވެ.

Advertisement

ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން އިންޑިއާ އެއްވަރުވީ 1-1 އިންނެވެ. ދެ މެޗުން އިންޑިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ބާކީ އޮތީ ނޭޕާލް މެޗާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ. ފުރަތަމަ ދެ މެޗުން މޮޅުވެ 6 ޕޮއިންޓާ އެކު ނޭޕާލް އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ބަންގްލަދޭޝް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.

މިއަދުގެ މެޗުގައި ލަންކާ އިން ވަނީ ޑިސިޕްލިން ހިފަހައްޓައި އިންޑިއާގެ ގޭމްޕްލޭން ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ގޯލްކީޕަރު ސުޖަން ޕެރޭރާ އާއި ލަންކާގެ ޑިފެންސުގައި ތިބި ކުޅުންތެރިންގެ ތަފާތު ފެނުނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ނަމަވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. މި ހާފުގައި އިންޑިއާގެ ލިސްޓަން ކޮލާސޯ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ..

އިންޑިއާ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

މެޗުގެ ދެ ވަނަ ހާފު އިންޑިއާ އިން ފެށީ ސުރޭޝް ސިންހްގެ ބަދަލުގައި ޔާސިރު މުހައްމަދު ކުޅެން އަރުވައިގެންނެވެ. މި ހާފުގައި އިންޑިއާގެ މުޅި ޓީމު ކުރިއަށްޖެހި ލަންކާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އަދި ކައުންޓަ އެޓޭކުގައި ލިބޭ ފުރުސަތުތަކުގައި ޑި ސިލްވާ ބޭނުންކޮށްގެން ލަންކާ އިން ވެސް ދިޔައީ އިންޑިއާ އަށް ޕްރެޝަރު ކުރަމުންނެވެ.

އަނީރުދް ތާޕާގެ ބަދަލުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ފާރޫކް ޗޯދަރީ މެޗުގެ 71 ވަނަ މިނެޓުގައި ގޯލަށް ބޯޅައެއް ވައްދާލިނަމަވެސް އޭގެކުރިން އިންޑިއާގެ ކުޅުންތެރިއަކު ފައުލްކޮށްފައި އޮތުމުން ރެފްރީ އެ ގޯލު ގަބޫލެއް ނުކުރި އެވެ. އިންޑިއާ އަށް މެޗުގައި ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތު ލިބުނީ މެޗުގެ 89 ވަނަ މިނެޓުގައި ސުބަޝިޝް ބޯސް އަށެވެ. އިންޑިއާ އިން ނެގި ކޯނަރެއްގައި ސުނިލް ޗެތުރީ ބޮލުން ޖައްސާލުމުން އޭރިޔާތެރޭ ހުހަށް ހުރެ ސުބަޝިޝް ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.

އިންޑިއާ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

ސީނިއާ ޓީމާ އެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުތް އިންޑިއާ ޓީމުގެ ފަރާތުން މިހާތަނަށް ފެންނަނީ ދަށް ކުޅުމެކެވެ. މުބާރާތުގެ ތާރީހުގައި އިންޑިއާ ފައިނަލަށް ނުގޮސް ކެޓީ 2003 ވަނަ އަހަރާއި 1995 ވަނަ އަހަރު އެވެ. 2018 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލަންކާ އާއި ރާއްޖެ އަތުން 2-0 އިން މޮޅުވެ އިންޑިއާ ވަނީ ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ސެމީ ފައިނަލުގައި ޕާކިސްތާން ބަލިކުރި ނަމަވެސް ފައިނަލުގައި އިންޑިއާ ވަނީ ރާއްޖެ އަތުން 2-1 އިން ބަލިވެފަ އެވެ.

އިންޑިއާ އަށް މިއަދު މޮޅެއް ނުލިބުމުން ފައިނަލް ދިއުމުގެ ރޭހުގައި އުޅޭ އެހެން ޓީމުތަކަށް ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ. ހާއްސަކޮށް މި ނަތީޖާއިން ނޭޕާލަށް އޮތް އެޑްވާންޓޭޖް ބޮޑެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ރާއްޖެ އެވެ. މި މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *