ތިން އަހަރަށް ފަހު އިޓަލީ އަލަށް ބަލިވެއްޖެ

މެޗަކުން ބަލިނުވެ ގައުމީ ފުޓްބޯޅަ ޓީމަކުން ހެދި ރެކޯޑް މުގުރާލި އިޓަލީ 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ. ގާތްގަނޑަކަށް ތިން އަހަރު ފަހުން އިޓަލީ ރޭ ބަލިވީ ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިންނެވެ.
2016 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އިޓަލީގެ ކޯޗަކަށް ރޮބާޓޯ މަންޗީނީ ހަމަޖައްސައި މިދިޔަ ތިން އަހަރު ދުވަހު އެޓީމުން ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ. ރޭގެ މެޗުގެ ކުރިން އެޓީމު ބަލިވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ބަލިނުވެ 37 މެޗު ހަމަކޮށް ދުނިޔޭގެ ރެކޯޑް ހެދިއިރު އިޓަލީ ވަނީ 28 މެޗުން މޮޅުވެ 9 މެޗު އެއްވަރުކޮށްފަ އެވެ. އަދި މިއަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އެގައުމުން ކާމިޔާބުކުރި އެވެ.
އަމިއްލަ ގައުމުގައި ސްޕެއިން އަތުން ބަލިވިއިރު މިއީ 1999 ވަނަ އަހަރުގެ ފަހުން ވާދަވެރި މެޗެއްގައި އިޓަލީ އެގައުމުގައި ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރަހުމަތްތެރިކަމުގެ ބައެއް މެޗުތަކުން އަމިއްލަ ގައުމުގައި އިޓަލީ ބަލިވި އެވެ.
ރޭގެ މެޗުގައި ސްޕެއިންގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީގެ ފޯވާޑް ފެރާން ޓޮރޭޒް އެވެ. އޭނާ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މިއީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޓޮރޭޒް ސްޕެއިން ޓީމަށް ޖަހައިދިން 11 ވަނަ ލަނޑެވެ. އެ މުއްދަތުގައި ސްޕެއިންގެ ލަނޑު ލިސްޓުގައި ބޮޑު ތަފާތަކުން އުޅޭނީ ވެސް ޓޮރޭޒް އެވެ.
އިޓަލީ އަށް މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ލިއޮނާޑޯ ބޮނޫޗީ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ފަހުކޮޅު އިޓަލީގެ ލޮރެންޒޯ ޕެލެގްރީނީ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު މެޗުގެ ބާކީ ބައިގައި ސްޕެއިނުން ވަނީ އިޓަލީ ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. ޔޫރޯ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ކެޓުމާ އެކު މިއީ އިޓަލީގެ މައްޗަށް އެޓީމަށް ލިބުނު ރަނގަޅު ބަދަލުހިފުމެކެވެ.
ރޭގެ މެޗުގައި ސްޕެއިނުން ވަނީ އުމުރުން 17 އަހަރުގެ ބާސެލޯނާގެ މިޑްފީލްޑަރު ގާވީ އަށް ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ. މިއާއެކު ގާވީ ވެފައިވަނީ ސްޕެއިންގެ ފުޓްބޯޅައިގެ ތާރީހުގައި ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ބާސެލޯނާގެ ސީނިއާ ޓީމުން ގާވީ ފެންނަން ފެށީ މީގެ ހައެއްކަ ހަފްތާ ކުރިންނެވެ.
ނޭޝަންސް ލީގުގެ ދެ ވަނަ ސެމީގައި ވާދަކުރާނީ ފްރާންސާއި ބެލްޖިއަމެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.
Advertisement


Leave a Reply