ބަންގްލަދޭޝް އިން ވަރުގަދަ އިންޑިއާއާ އެއްވަރުކޮށްފި
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ މޮޅުވާން ދަނިކޮށް ބަންގަލްދޭޝުން މެޗުގެ ފަހުކޮޅު ގޯލު ޖަހައި 1-1 އިން ނަތީޖާ ހަމަހަމަކޮށްފި އެވެ.
މުބާރާތުގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ވަނީ ސްރީ ލަންކާ ބަލިކޮށްފަ އެވެ. މިއަދު ލިބުނު ޕޮއިންޓާ އެކު ބަންގްލަދޭޝް އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ފުރަތަމަ މެޗުގައި 1-0 އިން ރާއްޖެ ބަލިކުރި ނޭޕާލް އެވެ. ނޭޕާލް މިރޭ ނުކުންނާނީ ފުރަތަމަ މެޗުން ބަލިބި ލަންކާއާ ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝަށް ފައިނަލަށް ދިއުމުގެ ރަނގަޅު ފުރުސަތެއް އެބައޮތެވެ. އެޓީމަށް ބާކީ އޮތީ ލަންކާ އަދި ރާއްޖެ މެޗެވެ.
މިފަހަރުގެ މުބާރާތަށް އިންޑިއާ ނުކުތީ ސީނިއާ ކުޅުންތެރިންނާ އެކު އެވެ. 2018 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެ އަތުން ބަލިވިއިރު އިންޑިއާގެ ޓީމުގައި ހިމެނުނީ ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިންނެވެ. އެފަހަރު އެޓީމު ބޮޑަށް ބަރޯސާވީ ޒުވާން ޓީމުގެ ކުޅުންތެރިންނަށެވެ. މި މުބާރާތުގެ ކުރިން އިންޑިއާ އިން ސަރަހައްދީ މުބާރާތަށް ސީނިއާ ޓީމު ނެރުނީ 2015 ވަނަ އަހަރު ޓްރިވެންޑްރަމްގައި އޮތް މުބާރާތުގަ އެވެ. އެފަހަރުގެ ފައިނަލުގައި އިންޑިއާ އިން ވަނީ 2-1 އިން އަފްގާނިސްތާން ބަލިކޮށްފަ އެވެ.
މިއަދުގެ މެޗަށް އިންޑިއާ އިން ނެރުނު ފުރަތަމަ އެގާރައިގައި އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރު އެފްސީގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުނެވެ. މި ދެ ޓީމު ވަނީ އޮގަސްޓް މަހު ރާއްޖޭގައި އޮތް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އިންޑިއާ ޓީމު ލީޑު ކުރީ އުމުރުން 37 އަހަރުގެ ފޯވާޑް ސުނިލް ޗެތުރީ އެވެ.
މެޗު ފަށައިގެން ބަންގްލަދޭޝުން ދިޔައީ ޑިފެންސް ކުރަމުން ލިބޭ ކައުންޓަ އެޓޭކުގައި އިންޑިއާގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކުރަމުންނެވެ. އިންޑިއާ އިން މެޗުގެ 25 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖެހުމާ ހަމައަށް ބަންގްލަދޭޝުން ރަނގަޅު ކުޅުމެއް ދައްކައި ބައެއް ފުރުސަތުތައް ތަނަވަސްކުރި އެވެ. އިންޑިއާއިން މެޗުގައި ތަނަވަސްކުރި ފުރަތަމަ ހުސް ފުރުސަތުގައި އެޓީމުގެ ލަނޑު ކާމިޔާބުކޮށްދިނީ ޗެތުރީ އެވެ. މިއީ އަރިމަތިން އުދަންތާ ސިންހް ތިރިތިރިން ނަގައިދިން ހުރަހަކުން ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗެތުރީ ކާމިޔާބުކުރި ލަނޑެކެވެ. ޗެތުރީގެ މި ލަނޑަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.
އިންޑިއާގެ ގޯލަށް ފަހު އެޓިމުގެ ލިސްޓަން ކޮލާކޯ ފޮނުވާލި ހަމަލާއެއް ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހްމާން ވަނީ ފަސޭހަކަމާ އެކު ހިފަހައްޓައިފަ އެވެ. އަދި ފުރަތަމަ ހާފުގައި ޗެތުރީ ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅައެއް އަނީސުރް ވަނީ ހުށިޔާރުކަމާ އެކު ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. މި ހާފުގައި ބަންގްލަދޭޝްގެ އެންމެ ނުރައްކާތެރި ހަމަލާތައް ފޮނުވާލީ ބިޕްލޯ އަހުމަދު އެވެ. ބިޕްލޯ ފޮނުވާލި ފުރަތަމަ ހަމަލާ އަރިމަތިން ބޭރަށް ދިޔައިރު ފަހުން އުފެއްދި ކައުންޓަ އެޓޭކެއްގައި ބިޕްލޯ ގޯލުގެ ކަނަށް އަމާޒުކޮށްލި ބޯޅަ އިންޑިއާގެ ގޯލްކީޕަރު ގުޕްރީތު ސިންހް މަތަކުރި އެވެ.
އިންޑިއާ އިން ދެ ވަނަ ހާފު ފެށީ އަނީރުދް ތާޕާގެ ބަދަލުގައި ބްރެންޑަން ފެނާންޑޭސް ކުޅެން އަރުވައިގެންނެވެ. މި ހާފުގެ ހަތް ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރާކިބް ހުސައިނަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ ކުޅުންތެރިއަކު އަރިމަތިން ހުރަސްކޮށްލި ބޯޅަ އޭރިޔާތެރޭ ހުހަށް ހުރެ ރާކިބް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މި ހަމަލާއަށް ފަހު ބަންގްލަދޭޝަށް މައްސަލަތައް ކުރިމަތިވީ 54 ވަނަ މިނެޓުގައި އެޓީމުގެ ބިޝްވަނާތު ގޯޝް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ބިޝްވަނާތަށް ސީދާ ރަތެއް ދެއްކީ އިންޑިއާގެ އުދަންތާ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ފައުލްކުރުމުންނެވެ. މެޗުގެ 61 ވަނަ މިނެޓުގައި އިންޑިއާ އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފުލުފުލުގައި ފޮނުވާލައިފަ އެވެ. ފުރަތަމަ އެޓީމުގެ މަންވީރު ސިންހް ފޮނުވާލި ހަމަލާ ކީޕަރު އަނީސުރް ހިފެހެއްޓިއިރު އެ ބޯޅައިގައި ޗެތުރީ އުދާންތާ އަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލުމުން ދެ ވަނަ ފަހަރަށް ވެސް އަނީސުރް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބަންގްލަދޭޝުން މެޗުގައި ލަނޑު ޖެހީ 73 ވަނަ މިނެޓުގަ އެވެ. އެޓީމަށް ލިބުނު ކޯނަރެއްގައި ބަންގްލަދޭޝްގެ ކުޅުންތެރިއަކު ބޮލުން ޖައްސާލި ބޯޅަ ލިބުމުން ގޯލަށް ވައްދާލީ އޭރިޔާތެރޭ ހުހަށް ހުރި ޔާސިން އަރަފާތު އެވެ. މި ގޯލަށް ފަހު ދަނޑަށް ވަދެތިބި ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އަދި މެޗު ނިމެންދެން އެއްވާނެއްގައި ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ޓީމަށް ތަރުހީބުދީފަ އެވެ.
މެޗުގެ ފަހުކޮޅު އިންޑިއާ އިން ވަނީ މުޅި ޓީމު ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ބަންގްލަދޭޝްގެ ހުރިހާ ކުޅުންތެރިންވެގެން ވަނީ އާދަޔާހިލާފު ހިތްވަރެއް ނުރެފަ އެވެ.
މުބާރާތުގައި ނޭޕާލާ ލަންކާ ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Advertisement
Leave a Reply