ހިތްދަތި ގޮތަކަށް ބާސާ ކަޓުވާލާ ރޯމާ ޗެމްޕިއަންސް ލީގު ސެމީއަށް

Advertisement

ހިތްދަތި ގޮތަކަށް ބާސާ ކަޓުވާލާ ރޯމާ ޗެމްޕިއަންސް ލީގު ސެމީއަށް

ޢަލީ ޝަހީމް

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި އިޓަލީގެ ރޯމާއާ ބައްދަލުކޮށް ހިތްދަތި ގޮތަކަށް ސްޕެއިންގެ ބާސެލޯނާ ކަޓައިފިއެވެ.

ރޭގެ މެޗަށް ބާސެލޯނާ ކުރިމަތިލީ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ބާސާ ދަނޑުގައި 1-4 ގެ ނަތީޖާއަކުން މޮޅުވެ، ކުރީގައި އޮވެގެންނެވެ. ނަމަވެސް، މުޅި ދުނިޔެ ސިއްސުވާލާ ރޯމާއިން ވަނީ ބާސެލޯނާގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ފުރިހަމަ ކާމިޔާބެއް ހޯދާ، ދެ ލެގުގެ ނަތީޖާ 4-4 އިން އެއްވަރުކޮށް، އަވޭ ގޯލުން އުޞޫލުން ބާސާ ކަޓުވާލާފައެވެ.

ރޭގެ މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވެ ރޯމާއިން ވަނީ މެޗުގެ ކުރީކޮޅު ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބޮސްނިއާގެ ފޯވަޑް އެޑިން ޒެކޯއެވެ. ރޯމާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު 0-1 ގެ ނަތީޖާއަކުން ނމިގެން ދިޔައިރު، ދެވަނަ ހާފުގައިވެސް މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ރޯމާއިންނެވެ.

ރޯމާގެ ވަރުގަދަ އެޓޭކިންގް ގޭމްގެ ނަތީޖާއަކަށްވީ، މެޗުގެ 58 ވަނަ މިނެޓުގައި ރޯމާއިން އިތުރު ލަނޑެއްޖަހާ ސެމީފައިނަލްގެ އުއްމީދު އާކޮށް ބާސެލޯނާ ހާސްކޮށްލުމެވެ. ރޯމާއަށް ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޑެނިއަލް ޑި ރޮސީ އެވެ. ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ރޯމާގެ ފޯވާޑް އެޑިން ޒެކޯއަށް ކުރި ފައިލަކާ ގުޅިގެން ރެފްރީދިން މި ޕެނަލްޓީ ޑި ރޮސީ ޖޯލުގެ ތެރެއަށް ވައްދާލީ ވަރަށްވެސް އިތުބާރާއެކުއެވެ.

ރޭގެ މެޗުގައި ރޯމާއަށް އެންމެ މުހިއްމު ލަނޑު ލިބުނު ކޯނަރަކުން މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގްރީސްގެ ޑިފެންޑަރު ކޮސްޓާސް މަނޯލާސް އެވެ. މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގައި ޑި ރޮސީ އާއި މަނޯލާސް ގެ ފަރާތުން ވަނީ ދެ ބައިގޯލް ފެނިފައިވެއެވެ.

މިއީ، ޗެމްޕިއަންސް ލީގް ކުއާޓާ ފައިނަލުން ބާސެލޯނާ ޖެހިޖެހިގެން ކެޓި ތިންވަނަ އަހަރެވެ. މިދިޔަ އަހަރު އިޓަލީގެ ޔުވެންޓަސް އަތުން ކެޓިއިރު އޭގެ ކުރިން ސީޒަންގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑު އަތުން ބާސާ ވަނީ ކަޓާފައެވެ.

މި ނަތީޖާ އާއެކު، ރޯމާ ވެފައިވަނީ ޗެމްޕިއަންސް ލީގް ނޮކްއައުޓް ބުރުގެ ފުރަތަމަ ލެގުގައި ތިން ގޯލްގެ ތަފާތެއް އޮށްވާ، ދެވަނަ ލެގުން ނަތީޖާ އަނބުރާލި ތިންވަނަ ޓީމަކަށެވެ. މީގެ ކުރިން އެކަން ކުރެވިފައިވަނީ 2003 ވަނަ އޭސީ މިލާން ކައިރިން ޑެޕޮޓީވޯ ލަކަރޫނިއާ އަދި މިދިޔަ ސީޒަންގައި ޕީއެސްޖީ ކައިރިން ބާސެލޯނާއެވެ. އަދި މިއީ 1983/84 ސީޒަނަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ސެމީފައިނަލަށް ރޯމާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. 

ރޭގެ މިނަތީޖާއާއެކު އިޓަލީގެ ބޮޑެތި ކުލަބުތަކުން ރޯމާއަށް ވަނީ މަރުހަބާ ކިޔާފައެވެ. އޭގެ ތެރޭގައި އޭސީ މިލާނާއި ޔުވެންޓަސް ހިމެނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *