އޭޝިއާ މުބާރާތުގައި ޓީޓީ ޓީމު ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވެއްޖެ
ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ 25 ވަނަ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްފައި ވާދަކުރާ ރާއްޖޭގެ ޓޭބަލް ޓެނިސް ގައުމީ ޓީމު ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވެއްޖެ އެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖޭގެ ޓީމު އިއްޔެ ވަނީ ގަތަރާއި ބަންގްލަދޭޝްގެ ބަލިކޮށްފަ އެވެ. ފިރިހެން ޓީމުން ވަނީ އޮމާންގެ މައްޗަށް ކުރި ހޯދާފަ އެވެ.
އަންހެން ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ގަތަރުގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. މި ޓައިގެ ފުރަތަމަ ސެޓުގައި އާއިޝަތު ރަފާ ނާޒިމް ވަނީ ގަތަރުގެ ކުޅުންތެރިޔާ 3-1 އިން ބަލިކޮށްފަ އެވެ. އެކަމަކު ދެ ވަނަ ސެޓުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ތިން ސެޓުން ބަލިވެފަ އެވެ. ރާއްޖޭން ނަތީޖާ އަނބުރާލީ އޭގެ ފަހުން ކުޅުނު ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މިގޮތުން ލައިސާ ފަތުހުﷲ ސީދާ ތިން ސެޓުން ކާމިޔާބުކުރިއިރު މެޗު ކާމިޔާބުކުރި ސެޓުގައި ދީމާ ވަނީ 3-1 އިން ގަތަރުގެ ކުޅުންތެރިޔާ ބަލިކޮށްފަ އެވެ.
އަންހެން އިވެންޓުގެ ދެ ވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ރާއްޖޭން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓުގައި ރަފާ 3-1 އިން ކާމިޔާބުކުރިއިރު ދެ ވަނަ ސެޓު ދީމާ ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށް ފަހު 3-2 އިންނެވެ. ރާއްޖެ އަށް މޮޅު ކަށަވަރުކޮށްދިނީ 3-2 އިން ސެޓު ކާމިޔާބުކުރި ލައިސާ އެވެ.
ފިރިހެން ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމު ވަނީ ވާދަވެރި ކުޅުމަކަށް ފަހު އޮމާން 3-2 އިން ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ޓައިގެ ފުރަތަމަ ސެޓު މޫސާ މުންސިފަށް 2-3 އިން ނާކާމިޔާބު ވީއިރު ދެ ވަނަ ސެޓުގައި ޝައްފާން އިސްމާއީލް ވަނީ 3-1 އިން މޮޅުވެފަ އެވެ. ތިން ވަނަ ސެޓުގައި ޒީސްތު ނަސީމް 2-3 އިން ބަލިވިއިރު ރާއްޖޭން ނަތީޖާ ހަމަހަމަކުރީ މުންސިފް ވާދަކުރި ހަތަރު ވަނަ ސެޓު 3-2 އިން މޮޅުވެގެންނެވެ. ރާއްޖެ މޮޅުވީ ފަހު ސެޓުގައި ޝައްފާން 3-1 އިން މޮޅުވުމުންނެވެ.
މުބާރާތުގެ އެންމެ ބޮޑު އަމާޒަކީ ދެކުނު އެފްރިކާގައި މިއަހަރު ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުން ކަމަށެވެ. މިއީ ކޮވިޑާ ގުޅިގެން މުބާރާތްތައް މެދުކަނޑާލުމަށް ފަހު މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭ ޓީޓީ ގައުމީ ޓީމުން ވާދަކުރާ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ. ޓޭބަލް ޓެނިސް ގައުމީ ޓީމުގެ ކޯޗަކީ ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެވެ.
Advertisement
Leave a Reply