ގައުމީ ޖޯޝުގައި ޓިކެޓް ނަގަން ކިއޫ ދަމާލައިފި

Advertisement

ގައުމީ ޖޯޝުގައި ޓިކެޓް ނަގަން ކިއޫ ދަމާލައިފި

ޢަލީ ޝަހީމް
ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ގަންނަން ގިނަ ބަޔަކު ކިއޫގައި. މުބާރާތަށް އޮތް ފޯރި މިހާރު ވަނީ ފެންނަން ފަށާފައި. - ފޮޓޯ: ވަގުތު

ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ގަތުމަށް ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރާ ދިމާލުން ބޮޑު ކިއޫއެއް ދަމާލައި މުބާރާތަށް އޮތް ފޯރި ދައްކާލައިފި އެވެ.

އެފްއޭއެމުން ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކަން ފަށާފައިވަނީ މިއަދު މެންދުރު ފަހު އެވެ. މެންދުރު ފަހު ދޭއް ޖެހިއިރު ޓިކެޓް ވިއްކަން ފެށިއިރު ގިނަ ބަޔަކު ކިއޫގައި ތިއްބެވެ. އަދި އޭގެފަހުން ގަލޮޅު ދަނޑު ސަރަހައްދުގައި ޓިކެޓް ނެގުމަށް ގިނަ ބަޔަކު ވަނީ ސަފު އަތުރާލައިފަ އެވެ. ޓިކެޓް ވިއްކަން އެފްއޭއެމުން ފެށީ އުސޫލުތަކެއް ކަނޑައެޅުމަށްފަހު އެވެ. މިގޮތުން ކޮންމެ މީހަކަށް ވިއްކަނީ ގިނަވެގެން ފަސް ޓިކެޓެވެ. އަދި ކޮންމެ ޓިކެޓެއް ވެސް ނެގޭނީ ދެޑޯޒް ޖެހި ވެކްސިން ކާޑާއި އައިޑީ ކާޑު ދެއްކުމުންނެވެ.

މުބާރާތަށް ސަޕޯޓަރުން ވައްދާގޮތަށް ހަމަޖެއްސީ ކޮވިޑް ޕޮޒިޓިވް ރޭޓާއި ވެކްސިންގައި ރާއްޖޭން ހޯދަމުން އަންނަ ކުރިއެރުމަށް ބެލުމަށް ފަހު އެވެ. އެފްއޭއެމުން ވަނީ މުބާރާތް ފެށުމުގެ ކުރިން ސަޕޯޓަރުން ދެޑޯޒް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ. ކޮވިޑްގެ މެދުކެނޑުމަށް ފަހު ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ މެޗުތައް ބެލުމަށް ގިނަ ބަޔަކު ބޭނުންވެފައި ތިބިކަން ޓިކެޓް ކިއޫ އަށް ބަލާލުމުން އެނގެ އެވެ.

ޓިކެޓް ގަތުމަށް ބަޔަކު ކިއޫގައި މަޑުކޮށްގެން. – ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

މިހާރު ވިއްކަމުން އަންނަނީ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު ސްރީ ލަންކާ އާއި ބަންގްލަދޭޝް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ކޮންމެ މެޗަކަށް ވެސް ސިޑިބަރިން ޓިކެޓް ވިއްކަނީ 75 ރުފިޔާ އަށެވެ. ގޮނޑިބަރިން ޓިކެޓް ވިއްކަނީ 100 ރުފިޔާއަށެވެ. މިރޭ ޓިކެޓް ވިއްކުން 11 ޖަހާއިރު މެދުކަނޑާލާއިރު މާދަމާ ޓިކެޓް ވިއްކަން ފަށާނީ ހެނދުނު 10 ޖަހާއިރު އެވެ. މާދަމާ ރޭ ޓިކެޓް ވިއްކުން މެދުކަނޑާލާނީ ހަވީރު 6 އިން 8 އާއި ދެމެދު އެވެ. އެއަށްފަހު ރޭގަނޑު 11 ޖަހަންދެން ޓިކެޓް ވިއްކާނެ އެވެ.

ޓިކެޓްތަކުގައި ސެކިއުރިޓީ ވަރުގަދަވާނެ ކަމަށާއި މެޗުގެ ހާފްޓައިމްގައި އެއްވެސް ސަޕޯޓަރަކަށް ދަނޑުން ބޭރަށް ނުދެވޭނެކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މާލެތޭރެގައި މިހާރު އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ލަންކާ އެވެ. މުބާރާތުގެ ފައިނަލަށް ހޮވޭނީ ލީގު އެއް ބުރު ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.

ރާއްޖޭން ވަނީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މި ދެ ފަހަރު ވެސް ރާއްޖެ ތަށި އުފުލާލީ އިންޑިއާ ބަލިކުރުމަށް ފަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *