ސިޓީގެ މޮޅާ އެކު ގާޑިއޯލާ އަށް ތާރީހީ ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޗެލްސީ އަތުން 1-0 އިން މެންޗެސްޓަރ ސިޓީ މޮޅުވި މެޗާ އެކު، ސިޓީގެ ތާރީހުގައި އެންމެ ގިނަ މޮޅު ހޯދި ކޯޗުގެ ރެކޯޑް ޕެޕް ގާޑިއޯލާ އަށް ލިބިއްޖެ އެވެ.
2016 ވަނަ އަހަރު ސިޓީގެ ކޯޗުކަމާ ހަވާލުވެ ގާޑިއޯލާގެ ކޯޗުކަމުގައި އެ ކްލަބް ކުޅުނު 303 މެޗުން 221 މޮޅު ވަނީ ހޯދައިފަ އެވެ. މިއީ މޮޅުވުމުގެ 72.9 އިންސައްތަ ރޭޓެކެވެ. ސިޓީގެ އެންމެ ކާމިޔާބު ކޯޗުގެ ޝަރަފް ގާޑިއޯލާ އަށް ލިބުނުއިރު މީގެ ކުރިން މި ރެކޯޑް އޮތީ 592 މެޗުން 220 މޮޅު ހޯދި ލެސް މެކްޑޮވެލް އަތުގަ އެވެ. ގާޑިއޯލާ ރެކޯޑް ހެދީ މެކްޑޮވެލް އަށް ވުރެ 289 މެޗު މަދުން ކުޅެގެންނެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުމުރުން 50 އަހަރުގެ ގާޑިއޯލާ ބުނީ ސިޓީގެ ތާރީހުގައި އެންމެ ގިނަ މޮޅު ހޯދުމުގެ ރެކޯޑް ހެދިއްޖެ ނަމަ ވާނީ ވަރަށް ބޮޑު ޝަރަފަކަށް ކަމަށާއި، އެ ރެކޯޑަށް ދާން ލަސްނުކޮށް ޗެލްސީ ބަލިކުރަން ބޭނުންވާ ކަމަށެވެ.
ޗެލްސީ ކޮޅަށް ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސުސް އެވެ.
“މިއީ ވަރަށް ބޮޑު ފަހުރެއް. މުޅި ޓީމުވެގެން މި ކާމިޔާބީއަށް މިއައީ އެއްކޮށް މަސައްކަތްކޮށްގެން” ރެކޯޑް ހެދި މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ އަކީ ތަށީގެ ގޮތުން ވެސް ސިޓީގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާގެ ކޯޗުކަމުގައި ސިޓީން މިހާތަނަށް 10 ތަށި ކާމިޔާބުކޮށްފައިވާއިރު، ހޯދަން ބޭނުންވެ ސިޓީގައި ގާޑިއޯލާ އަށް އަދި ނުލިބެނީ ޔޫއެފާ ޗެމްޕިއަންސް ލީގެވެ. މޮޅުގެ ގޮތުން ގާޑިއޯލާއާ ވާދަކުރި މެކްޑޮވެލް ސިޓީގެ ކޯޗުކަން ކުރީ 1950 އިން 1963 ވަނަ އަހަރުގެ ނިޔަލަށެވެ. އެ މުއްދަތުގައި މެކްޑޮވެލް އަށް ހަމައެކަނި ކާމިޔާބުކުރެވުނީ އިނގިރޭސި އެފްއޭ ކަޕެވެ.
ގާޑިއޯލާ ކޯޗިން ކެރިއަރު ފެށީ ބާސެލޯނާ އިންނެވެ. އެޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ގާޑިއޯލާ ދެން ބަދަލުވީ ޖަރުމަނު ލީގުގެ ބަޔާން މިއުނިކަށެވެ. ބާސެލޯނާއާ އެކު 2009 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި ގާޑިއޯލާ ވަނީ ހޯދައިފަ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ސްޕެނިޝް ލީގާއި ޖަރުމަނު ބުންޑަސްލީގާ ގާޑިއޯލާ ވަނީ ކާމިޔާބުކޮށްފަ އެވެ.
Advertisement


Leave a Reply