އެކުވެރިކަމުގެ ފުރަތަމަ މެޗުން ގައުމީ ޓީމު މޮޅުވެއްޖެ

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ސީނިއާ ޓީމު ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ލުސައިލް އެފްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 4-3 އިން ކާމިޔާބުކޮށްފި އެވެ.
ގައުމީ ޓީމު ގަތަރުގައި ފުރިހަމަކުރަމުން އަންނަ ތަމްރީނުތަކުގައި އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ގައުމީ ޓީމު ނުކުންނާނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ދެކޮޅަށެވެ. ޓްރެއިނިން ކޭމްޕަށް ފަހު ގައުމީ ޓީމު އެނބުރި އަންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ލުސައިލް އެފްސީ ކޮޅަށް ރާއްޖޭގެ ގޯލުތައް ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ހައިޝަމް (ޗުމްޕު) ގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގައި ޗުންޕު ދެ ގޯލު ޖެހިއިރު ސެންޓޭ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
މ މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ހިމެނީ ކީޕަރު މުހައްމަދު ފައިސަލް، ދަގަނޑޭ، ޗުމްޕު، އިބްރާހީމް އައިސަމް، އަލީ ސަމޫހް (ސަމުއްޓޭ) އަކްރަމް އަބްދުލްގަނީ، ސެންޓޭ، ހުސައިން ސިފާއު ޔޫސުފް (ކުރޯ)، އަހުމަދު ނިހާން (ނިހާޓް)، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ހައިޝަމް ހަސަން (ބިޑި) އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގައި ކުރިއަށްދާނީ އަންނަ މަހުގެ 1 އިން 16 އަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭ ރާއްޖެ ވާދަކުރާނީ ނޭޕާލާ އެވެ. ރާއްޖެ އާއި ނޭޕާލްގެ އިތުރުން މުބާރާތުގައި ވާދަކުރަނީ އިންޑިއާ ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މީގެ ކުރިން ރާއްޖޭން ހޯދީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ. މި ދެ ފަހަރު ވެސް ރާއްޖޭން ތަށި ނެގީ އިންޑިއާ ބަލިކޮށްފަ އެވެ. ސާފްގެ އެންމެ ފަހުގެ މުބާރާތުގައި އިންޑިއާގެ ޒުވާން ޓީމު ވާދަކުރި ނަމަވެސް މިފަހަރު އެގައުމުން ވާދަކުރަނީ ސީނިއާ ޓީމެވެ.
Advertisement


Leave a Reply