ގަތަރު ކޭމްޕްގައި ގައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅެނީ

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ގަތަރުގައި މިހާރު ކުރިއަށްގެންދާ ކޭމްޕްގެ ތެރެއިން އެގައުމުގެ ދެ ކްލަބަކާ ދެކޮޅަށް މެޗުތަކެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.
ގަތަރުގައި ކުރިއަށްދާ ކޭމްޕް ނިންމާލުމަށް ފަހު ރާއްޖޭގެ ޓީމު އަނބުރާ އަންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ކޭމްޕަށް ދިޔައިރު ގައުމީ ޓީމުން މަސައްކަތްކުރީ އެކުވެރިކަމުގެ ތިން މެޗު ކުޅުމަށެވެ. އޭގެތެރެއިން އެއް މެޗަކީ ގަތަރުގައި ކޭމްޕް ކުރުމަށް ނިންމި ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ރޭވި މެޗެކެވެ. އެކަމަކު ކޮވިޑާ ހެދި ގަތަރަށް ދަތުރު ނުކުރެވުމުން ލަންކާ އިން ކޭމްޕް ކުރަން ނިންމީ ސައުދީ އަރަބިއާގަ އެވެ.
ރާއްޖޭގެ ޓީމުން މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ލުސައިލް އެފްސީއާ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ގައުމީ ޓީމު ވާދަކުރާނެ ޓީމު އަދި ފައިނަލްނުވެ އެވެ.
މިފަހަރުގެ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 1 އިން 16 އަށެވެ. ފުރަތަމަ މެޗުގައި އޮކްޓޫބަރު އެއް ވަނަ ދުވަހުގެ ރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލް މެޗަށް ފަހު ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު ހަތް ވަނަ ދުވަހުގެ ރޭ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި އޮކްޓޫބަރު 10 ވަނަ ދުވަހުގެ ހަވީރު ލަންކާއާ ދެކޮޅަށް ނުކުންނައިރު ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ރެ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭ ޓީމު މިފަހަރު ނުކުންނާނީ 100 ޕަސެންޓް ދިވެހި ޓީމަކާ އެކު އެވެ. ޓީމުގެ ކޯޗަކަށް އަލީ ސުޒޭން ހަމަޖައްސާފައިވާއިރު އެސިސްޓެންޓަކީ އިސްމާއީލް މަހުފޫޒް (އިންމަ) އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މިހާރު ކުރިއަށްދާ ގަތަރު ކޭމްޕަށް ސުޒޭން ގޮސްފައެއްނުވެ އެވެ. ގޯލްކީޕަރުންގެ ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރިން ވެސް އެ މަގާމްގައި ހުރި އަސްލަމް އަބްދުއްރަހީމް އާއި އިމްރާން މުހައްމަދު އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ، ނޭޕާލް، ސްރީ ލަންކާ، އިންޑިއާ އަދި ބަންގްލަދޭޝް އެވެ. ބޫޓާނަށް ކޮވިޑަށް ގުޅިގެން މުބާރާތުގައި ބައިވެރި ނުވެވުނުއިރު ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.
މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 16 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.
Advertisement


Leave a Reply