ސަޕޯޓަރުން ބޮޑަށް ތާއީދުކުރަނީ ކޮންމެ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން
ފުޓްބޯޅައިގެ ގިނަ ސަޕޯޓަރުން ބޭނުންވަނީ ފީފާ ވޯލްޑް ކަޕް ކޮންމެ ހަތަރު އަހަރަކުން ބޭއްވުމުގެ ބަދަލުގައި އެއަށްވުރެ ގާތްގާތުގައި ބާއްވަން ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ތައްޔާރުކުރަމުން އަންނަ ސާވޭއަކުން ދައްކައިފި އެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެނައުމަށް ފީފާ އިން ކުރާ މަސައްކަތުގައި އެންމެ ބޮޑު މަޝްވަރާއެއް ކުރަމުން އަންނަނީ ވޯލްޑް ކަޕްގެ ފިރިހެނުންގެ މުބާރާތް ކޮންމެ ދެ އަހަރަކުން ބާއްވާ ގޮތަށް ބަދަލުކުރުމަށެވެ. މި ހިޔާލު ހުށަހެޅީ އާސެނަލްގެ ކުރީގެ ކޯޗު އަދި މިހާރު ފީފާގެ ޗީފް އޮފް ގްލޯބަލް ޑިވެލޮޕްމަންޓްގެ މަގާމް އަދާކުރަމުން އަންނަ އާސެން ވެންގާ އެވެ.
ވޯލްޑް ކަޕަށް ގެންނަން އުޅޭ ބަދަލަށް ޔޫއެފާ އާއި ޔޫރަޕްގެ ބޮޑެތި ލީގުތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެކަމަކު ފީފާ އިން ބުނީ ވޯލްޑް ކަޕަށް ބަދަލުގެންނަ ޕްރޮޕޯސަލަށް މުޅި ދުނިޔޭގެ ސަޕޯޓް އެބައޮތް ކަމަށާއި ހާއްސަކޮށް ޒުވާން ސަޕޯޓަރުން ބޭނުންވަނީ ވޯލްޑް ކަޕް ބޭއްވުން އަވަސްކުރަން ކަމަށެވެ.
ފީފާ އިން ސަޕޯޓަރުންގެ ހިޔާލު ހޯދުމަށް ޔޫގަވް ކޮމްޕެނީއާ އެކު ކުރިއަށްގެންދާ ޕޯލްގައި 23 ގައުމަކުން މިހާތަނަށް 23000 މީހުން ވަނީ ބައިވެރިވެފަ އެވެ. 6 ފެޑެރޭޝަނެއް އެކުލެވޭގޮތަށް ކުރިއަށްގެންދިޔަ މި ޕޯލްގެ ނަތީޖާއިން ދެއްކީ އޭގެތެރެއިން 15000 (55 ޕަސެންޓް) މީހުން ބޭނުންވަނީ ހަތަރު އަހަރުގެ ބަދަލުގައި އަހަރަކު އެއްފަހަރު، ކޮންމެ ދެ އަހަރަކުން ނުވަތަ ކޮންމެ ތިން އަހަރަކުން ވޯލްޑް ކަޕް ބޭއްވުމަށެވެ. އޭގެތެރެއިން އެންމެ ބޮޑު ސަޕޯޓެއް ލިބުނީ ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމަށެވެ.
“ކުރީގައި ފުޓްބޯޅައިގެ މާކެޓް އޮތްގޮތާއި ތަރައްގީވަމުން އަންނައިރު ފުޓްބޯޅައިގެ މާކެޓްގައި ތަފާތުތަކެއް އެބަހުރި. ހުރިހާ ސަރަހައްދެއްގައި ވެސް ޒުވާން ޖީލުން ބޭނުންވަނީ ކުރީގެ އުސޫލު ބަދަލުކޮށް ޒަމާނީ ބަދަލެއް ގެންނަން” ސާވޭގެ ނަތީޖާ އާއްމުކުރަމުން ފީފާ އިން ބުންޏެވެ.
ފީފާ އިން އަމާޒުހިފާފައިވަނީ ދުނިޔޭގެ 100 ގައުމެއްގެ އެއްލައްކަ މީހުން މި ސާވޭގައި ބައިވެރިކުރުމަށެވެ.
މި ވިސްނުމަށް އެންމެ ބޮޑަށް ތާއިދުކުރާ ވެންގާގެ ނަޒަރުގައި ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކަށް ބަދަލުކުރުމުން މުބާރާތުގެ ކޮލިފިކޭޝަން ކުޑަވެ ކުޅުންތެރިން އަހަރަކު ކުޅެންޖެހޭ މެޗުގެ އަދަދު މަދުވާނެ އެވެ. އަނެއްކޮޅުން މިއީ ކުދި ގައުމުތަކަށް ހުޅުވޭ ރަނގަޅު ދޮރަކަށް ވެފައި އެގައުމުތަކަށް މާލީ ގޮތުން ވެސް ލިބޭ ކުރިއެރުމަކަށް ވާނެކަމަށް ވެންގާ ބުނެފައިވެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގާއި، އިނގިރޭސި ޗެމްޕިއަންޝިޕް އަދި ސްކޮޓިޝް ފުޓްބޯޅަ ލީގުން ވަނީ ފީފާގެ މި ޕްރޮޕޯސަލަށް ދެކޮޅު ހަދާކަމަށް ބުނެފަ އެވެ. ޔޫއެފާ އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލް އިން ވެސް ވަނީ އާ ހިޔާލަށް ދެކޮޅުހަދައިފަ އެވެ. ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އިން ބުނީ ވޯލްޑް ކަޕް ފޯމެޓަށް ގެންނަން އުޅޭ ބަދަލާއެކު ކުޅުންތެރިނަށް އިތުރު ވަރުބަލިކަމެއް އަންނާނެ ކަމަށާއި ފީފާގެ މެމްބަރުންގެ ރުހުމާ ނުލައި ބަދަލުގެނައުން ރަނގަޅު ނުވާނެ ކަމަށެވެ.
އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުން (އޭއެފްސީ) މި ފޯމެޓަށް ފާޅުގައި ދެކޮޅު ހަދާފައެއްނުވެ އެވެ. އޭއެފްސީން ބުނީ ފޯމެޓްގެ ކޮންސަލްޓޭޝަން ޕްރޮސަސްގައި އެ އެސޯސިއޭޝަނުން މަރުހަބާ ކިޔާނެ ކަމަށެވެ. އުތުރާއި، ސެންޓްރަލް އެމެރިކާގެ އިތުރުން ކެރީބިއަން އިން އަންނަނީ ފީފާގެ މި ޕްރޮޕޯސަލް އިތުރަށް ދިރާސާކުރަމުންނެވެ.
1930 ވަނަ އަހަރު ފެށި ދުނިޔޭގެ އެންމެ ޝަރަފްވެރި ކުޅިވަރު މުބާރާތް ބާއްވަމުން އަންނަނީ ކޮންމެ ހަތަރު އަހަރަކުންނެވެ. މިހާރުގެ ފޯމެޓްގައި ވޯލްޑް ކަޕް ނުބޭއްވުނީ 1942 ވަނަ އަހަރާއި 1946 ވަނަ އަހަރު އެވެ. އެއީ އޭރު ކުރިއަށްދިޔަ ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ކެންސަލްވި ދެ މުބާރާތެވެ. ވޯލްޑް ކަޕްގެ އަންހެން މުބާރާތް ވެސް އަންނަނީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ހަތަރު އަހަރަކުން ބާއްވަމުންނެވެ.
Advertisement
Leave a Reply