ޕީއެސްޖީ ފަސޭހަކަމާއެކު ލީގުގައި ކުރިއަށް

Advertisement

ޕީއެސްޖީ ފަސޭހަކަމާއެކު ލީގުގައި ކުރިއަށް

ޢަލީ ޝަހީމް

ފްރެންޗް ލީގުގައި ރޭ މުހިއްމު ކުޅުންތެރިންތަކެއް ނުލައި ޕީއެސްޖީން އަމިއްލަ ދަނޑުގައި 0-4 އިން ކްލެމޮންޓް ބަލިކޮށްފި އެވެ.

މި މޮޅާ އެކު ޕީއެސްޖީ މިވަނީ ލީގުގެ ފުރަތަމަ ފަސް މެޗުން މޮޅުވެ 15 ޕޮއިންޓް ހަމަކޮށްފަ އެވެ. އެޓީމު ލީގުގެ އެއް ވަނައިގައި އޮތްއިރު މިދިޔަ ސީޒަނުގައި ލިލްގެ ފަހަތުން ލީގުގައި ޕީއެސްޖީ އަށް ލިބުނީ ދެ ވަނަ އެވެ. މި ސީޒަނުގެ ލީގުގެ ފުރަތަމަ ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ޗެމްޕިއަން ލިލް މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. ޕީއެސްޖީގެ ފަހަތުން ދެ ވަނައިގައި އޮތް އޭންޖާސް އާއި މާސޭ އިން ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ.

މެޗަށް ނުކުތް ޕީއެސްޖީގެ ޓީމުގައި ލިއޮނަލް މެސީ އާއި ނޭމާ ހިމަނާފައެއްނުވެ އެވެ. މި ދެކުޅުންތެރިންނަށް ޓީމުން ފުރުސަތު ނުލިބުނީ ބައިނަލްއަގްވާމީ މެޗުތަކަށް ތަންކޮޅެއް ފަހުން ޓީމާ ގުޅުމުންނެވެ. އެކަމަކު އެޓީމާ އަލަށް ގުޅުނު އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ރޭ ވަނީ ފުރަތަމަ ފަހަރަށް ޕީއެސްޖީގެ ޖާޒީގައި ކުޅެފަ އެވެ. ޑޮންނަރުއްމާ އަކީ އިޓަލީން އެންމެ ފަހުގެ ޔޫރޯ ކާމިޔާބު ކުރިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޕީއެސްޖީ އަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން މި ސީޒަނުގައި އަދި ނުފެންނަނީ ސާޖިއޯ ރާމޯސް އެވެ. އަނިޔާގެ ސަބަބުން ރާމޯސް އަށް މެޗުތައް ގެއްލޭއިރު ވަރަށް އަވަހަށް އޭނާ އެނބުރި އަންނާނެ އެވެ.

މެޗުގައި ޕީއެސްޖީގެ ހަތަރު ގޯލުގެ ތެރެއިން 20 ވަނަ މިނެޓާއި 31 ވަނަ މިނެޓުގައި ލަނޑުތައް ޖަހައިދިނީ އެންޑަ ހެރޭރާ އެވެ. އެޓީމުގެ ތިން ވަނަ ލަނޑު 55 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ޖެހިއިރު ފަހު ލަނޑު 65 ވަނަ މިނެޓުގައި ޖެހީ އިދްރީސާ ގޭ އެވެ.

މިއީ ކްލެމޮންޓް ފްރެންޗް ލީގުގައި ހޭދަކުރާ ފުރަތަމަ ސީޒަނަށެވެ. އަލަށް ޕްރޮމޯޓް ވުމަށްފަހު އެޓީމުން ވަނީ ފުރަތަމަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ފަސް މެޗުން ހޯދި އަށް ޕޮއިންޓާ އެކު އެޓީމު މިވަގުތު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.

މެސީއާ އެކު ވަރުގަދަކުރި ޕީއެސްޖީން މިސީޒަނުގެ އެންމެ ބޮޑަށް އަމާޒުހިފާނެ އެއް މުބާރާތަކީ ޔޫއެފާ ޗެމްޕިއަންސް ލީގެވެ. އެ މުބާރާތުގެ ކުޅުން ހަފްތާގެ މެދުތެރޭގައި ފެށޭއިރު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ރަށުން ބޭރުގައި ޕީއެސްޖީ ނުކުންނާނީ ކްލަބް ބްރޫޖްއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *