މުލަކު ސެލް ވޮލީބޯޅަ އަންހެން މުބާރާތުގެ ޗެމްޕިއަންކަން ފަޅޯ ގޭންގް ހޯދައިފި

މ. މުލަކުގެ ކޮމިއުނިޓީ އެމްޕަވާމަންޓް ލިންކޭޖް (ސެލް) އިން އެރަށުގައި ކުރިއަށްގެންދިޔަ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފަޅޯ ގޭންގް ހޯދައިފި އެވެ. ހުކުރު ދުވަހުގެ ހަވީރު މުލަކު ވޮލީ ކޯޓުގައި ކުޅުނު ފައިނަލުގައި ޓީމް އަބާރަނައާ ވާދަކޮށް ފަޅޯ ގޭންގް މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލަށް ފަޅޯ ގޭންގް ހޮވުނީ ލީގު އުސޫލުން ކުޅުނު ފުރަތަމަ ބުރުގެ ތިން މެޗުން މޮޅުވެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އަބާރަނަ އަށް ލީގު ބުރުން ދެ ވަނަ ލިބުނުއިރު އެޓީމު ފައިނަލަށް ދަތުރުކުރީ ތިން ވަނަ ހޯދި ފަސްޓް ވޭވްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުން މޮޅުވެގެންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ފަޅޯ ގޭންގުން ގެންދިޔައީ 25-23، 29-27 އަދި 25-16 އިންނެވެ. މެޗުގެ ފުރަތަމަ ސެޓަށް ފަޅޯ ގޭންގުން ގެންދިއުމުން ދެ ވަނަ ސެޓުގައި އަބާރަނަ ޓީމުން ވަނީ ވަރަށް ރަނގަޅު ވާދައެއްކޮށްފަ އެވެ. އެޓީމަށް ސެޓް ކާމިޔާބުކުރަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފަހު ވަގުތު ފަޅޯ ގޭންގުން ހޯދި ޕޮއިންޓްތަކާ އެކު އެޓީމުން ދެ ވަނަ ސެޓު ކާމިޔާބުކުރީ އެވެ. ފުރަތަމަ ދެ ސެޓު ލިބުމާ އެކު ތިން ވަނަ ސެޓަށް ފަޅޯ ގޭންގުން ނުކުތީ އިތުބާރާ އެކު އެވެ. ދެ ވަނަ ސެޓުގައި އަބާރަނަ ޓީމުން ފެނުނު ރޫހު މި ސެޓުގައި ނުފެނުނެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން. – ފޮޓޯ: މުލަކު ސެލް ޖަމިއްޔާ
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ފައިނަލުގައި ވާދަކުރި ދެޓީމުގެ ކުޅުންތެރިންނެވެ. އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ، ސަތޭކަ ޕަސެންޓް ރެކޯޑާ އެކު ޗެމްޕިއަންކަން ހޯދި ފަޅޯ ގޭންގްގެ ޒާހިޔާ ރުޝްދީ އާއި ފާތިމަތު ނަޒީހާގެ އިތުރުން ރުކްޝާނާ މުހައްމަދު އަދި އަބާރަނަ ޓީމުގެ ލީޒާ އަބްދުލްއަޒީޒް، ސަމީހާ ސޯދިގު އަދި ސާޖިދާ ހުސައިން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފަޅޯ ގޭންގްގެ ޒާހިޔާ އެވެ.
އެންމެ އުއްމީދީ ކުޅުންތެރިއަކަށް ފަސްޓް ވޭވްގެ އިނާޝާ އަބްދުﷲ ހޮވުނުއިރު އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ފަޅޯ ގޭންގަށް ތަށި ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު އަބްދުއްސަމަދު އެވެ. ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލް އެވެ.
މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ ކޮއެލް ހޯލްޑިން އެވެ. އަދި މެއިން ސްޕޮންސަރ އަކީ މުލަކު ބީ.އެން ސްޓޯރ އެވެ. ކޯ ސޮޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މ. ކޮޅުފުށި ސްޕްރިންގް މާރޓް، ކޮކާ ކޯލާ، މީމް ސަވާރީ އަދި ވައިމަތީ ފެމިލީ ކެފޭ އަދި އުރީދޫ މޯލްޑިވްސް އެވެ. މިފަހަރު ވެސް މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
މިއަހަރުގެ އަންހެން ވޮލީބޯޅަ މުބާރާތް ކުރިއަށްގެންދިޔައީ ސެލް ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. ޖަމިއްޔާއެއްގެ ގޮތުގައި ވުޖޫދުވެ ސެލް އިން އަންނަނީ މުލަކުގައި އިޖުތިމާއީ އަދި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެ ޖަމިއްޔާ އިން ބުނީ ކޮވިޑުގެ ހާލަތު ރަނގަޅު ނަމަ ކުރިއަށް އޮތް ތަނުގައި އިތުރު ހަރަކާތްތައް ކުރިއަށްގެންދާނެކަމަށެވެ.
Advertisement


Leave a Reply