އެނބުރި މިއައީ ޗުއްޓީއަކަށް ނޫން: ރޮނާލްޑޯ
13 އަހަރަށް ފަހު ކުރީގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑަށް އެނބުރި އައީ ޗުއްޓީއަކަށް ނޫންކަމަށް ޕޯޗުގަލްގެ އުމުރުން 36 އަހަރުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރީ އައީ މީގެ ހަފްތާއެއްހާ ކުރިން ނިމުނު ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގަ އެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން ޔުނައިޓެޑަށް ބަދަލުވެ ރޮނާލްޑޯ އެންމެ ފުރަތަމަ އެ ކްލަބަށް ކުޅުނީ 2003 އާއި 2009 އާއި ދެމެދު އެވެ. ހަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނު 292 މެޗުގައި ރޮނާލްޑޯ ވަނީ އެ ކްލަބަށް 118 ލަނޑު ޖަހައިދީފަ އެވެ.
“އަހަރެންގެ ފެންވަރު އެބަހުރި. ކުރިއަށްދާން މިހުރީ ތައްޔާރަށް. މިއީ ހޭދަކުރާ ޗުއްޓީއެއް ނޫން” ކެރިއަރުގެ ފަހުކޮޅު ޔުނައިޓެޑަށް ބަދަލުވި ރޮނާލްޑޯ އެ ކްލަބުގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ރޮނާލްޑޯއާ އެކު ޔުނައިޓެޑުން ހެދީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ ރޮނާލްޑޯ ތިން ވަނަ އަހަރަކު އެ ކްލަބުގައި ބެހެއްޓޭ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ. ރޮނާލްޑޯ ގެންނަން ޔުނައިޓެޑުން އެންމެ ފުރަތަމަ ހޭދަކުރީ 17 މިލިއަން ޑޮލަރެވެ. އެއްބަސްވުމުގައިވާގޮތަށް ބާކީ ނުވަ މިލިއަން ޑޮލަރު ދޭނީ ފަހުންނެވެ.
ދެ ވަނަ ފަހަރަށް ޔުނައިޓެޑްގެ ޖާޒީގައި ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މާދަމާ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ރޮނާލްޑޯ ޕްރިމިއާ ލީގުގައި ކުރިން ހޭދަކުރި ހަ ސީޒަނުގައި ހެދި ހަމައެކަނި ހެޓްރިކް ފުރިހަމަކުރީ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ.
2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. ރެއާލްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު 2018 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ ޔުވެންޓަސް އަށެވެ. ޔުނައިޓެޑްގައި 2008 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދައި ރެއާލްގައި ރޮނާލްޑޯ ވަނީ ހަތަރު ފަހަރު ބެލޮންޑިއޯ ހޯދައިފަ އެވެ. ރޮނާލްޑޯ އަލުން ޔުނައިޓެޑާ ގުޅުމަކީ މިފަހަރު ފެނުނު އެންމެ އާދަޔާހިލާފު ޓްރާންސްފާ އެވެ. އޭނާ ގެންދިއުމުގެ ރޭހުގައި އެންމެ ފުރަތަމަ ކުރީގައި އުޅުނީ ޔުނައިޓެޑާ ވާދަވެރި މެންޗެސްޓަރ ސިޓީ އެވެ. އެކަމަކު ފަހު ވަގުތު ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކުރުމުން ސިޓީން ރޮނާލްޑޯ ހޯދުމުގެ ރޭހުން ބާކީވީ އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ގެންދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެ ކްލަބުގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން އެވެ.
ޔުނައިޓެޑްގައި ރޮނާލްޑޯ މިފަހަރު ވެސް ބޭނުންކުރާނީ ހަތް ނަންބަރު ޖާޒީ އެވެ. މިދިޔަ ސީޒަނުން ފެށިގެން ހަތް ނަންބަރު ބޭނުންކުރަމުން އައި އެޑިންސަން ކަވާނީ ދެން ކުޅޭނީ 21 ނަންބަރަށެވެ.
ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައި ރޮނާލްޑޯ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގަކާއި ދެ ލީގު ކަޕްގެ އިތުރުން އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕާއި އެފްއޭ ކޮމިއުނިޓީ ޝީލްޑް ވެސް ރޮނާލްޑޯ ޔުނައިޓެޑާ އެކު ކާމިޔާބުކުރި އެވެ.
ޔުނައިޓެޑަށް މިދިޔަ ހަތަރު ސީޒަނުގައި ތައްޓެއް ކާމިޔާބުކުރެވިފައި ނުވާއިރު އެޓީމަށް އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރެވުނީ 13-2012 ވަނަ ސީޒަނުގަ އެވެ.
” އެހެންވެ އަހަރެން ޔުނައިޓެޑަށް މި އައީ. ކުރިން ޓީމުގެ ކާމިޔާބީ ރަނގަޅު. އަހަރުތަކެއް ކުރިން މުހިއްމު ކާމިޔާބީތައް ހޯދިއިރު އަހަރެން ހުރީ މި ޖާޒީގައި. އެކަމަކު އަހަރެން އަނެއްކާ މިތަނަށް އައިސް މިހުރީ ކާމިޔާބީ ހޯދަން” ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯއާ އެކު ޔުނައިޓެޑް ޓީމު މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަވެފަ އެވެ. އެޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ކްލަބަށް ކާމިޔާބީ ހޯދައިދިނުމުވެ. އެގޮތުން މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް އަދި ޗެލްސީ ފަހަތަށް ޖައްސާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ ރޮނާލްޑޯއާ އެކު ސޯލްޝެއާ އަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ. ފުރަތަމަ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ޔުނައިޓެޑް މިވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ.
“މިއީ އިތުރު ހަރުފަތަކަށް ދާން އަހަރެންނާއި ސަޕޯޓަރުން އަދި ކްލަބަށް ލިބުނު ރަނގަޅު ފުރުސަތެއް. އަހަރެން ދެކޭގޮތުގައި ކުރިއަށް އޮތް ތިނެއް ނޫނީ ހަތަރު އަހަރު އަހަރެން ވާނީ މި ކްލަބަށް ވަރަށް މުހިއްމު މީހަކަށް” ޔުނައިޓެޑް ސަޕޯޓަރުންނަށް އުއްމީދެއް ދެމުން ރޮނާލްޑޯ ބުންޏެވެ.
Advertisement
Leave a Reply