ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އިޓަލީން މުގުރާލައިފި

Advertisement

ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އިޓަލީން މުގުރާލައިފި

ޢަލީ ޝަހީމް

ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ދިގު ތާރީހުގައި ބަލިނުވެ މެޗު ކުޅުމުގެ ރެކޯޑް ޔޫރަޕްގެ ޗެމްޕިއަން އިޓަލީން ރޭ މުގުރާލައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސީގައި ރޭ ރަށުން ބޭރުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅެ 0-0 އިން އިޓަލީ އެއްވަރުވި މެޗަކީ އެގައުމުން ބަލިނުވެ ކުޅުނު 36 ވަނަ މެޗެވެ. މި ރެކޯޑް މީގެ ކުރިން އޮތީ މެޗަކުން ބަލިނުވެ 35 މެޗު ހަމަކުރި ބްރެޒިލާއި ސްޕެއިންގެ އަތުގަ އެވެ. ބްރެޒިލުން ރެކޯޑް ހެދީ 1993 ވަނަ އަހަރާއި 1996 ވަނަ އަހަރާއި ދެމެދު ކުޅުނު މެޗުތަކުގަ އެވެ. ސްޕެއިންގެ ރަން ޖީލު ބަލިނުވެ 35 މެޗު ކުޅުނީ 2007 އިން 2009 އާ ދެމެދު އެވެ. އިޓަލީ އެންމެ ފަހުން ބައިނަލްއަގްވާމީ މެޗަކުން ބަލިވީ 2018 ވަނަ އަހަރު އެވެ. އޭރުއްސުރެ މެޗަކުން ބަލިނުވެ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ ކުރިމަތިލައި އެގައުމުން ވަނީ މޮޅު ކުޅުމެއް ދައްކައި އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

Advertisement

ރޭގެ މެޗު އެއްވަރުވިއިރު ދެ ވަނަ ހާފުގެ ކުރީކޮޅު އިޓަލީ އަށް ލިބުނު ޕެނަލްޓީ އެއް ޖޯޖީނިއޯ ފޮނުވާލުމުން ސްވިޒަލެންޑުގެ ގޯލްކީޕަރު ޔަން ސޮމާ ވަނީ މަތަކޮށްފަ އެވެ. ޔޫރޯ ފައިނަލުގައި އިންގްލެންޑް ކޮޅަށް ޖޯޖީނިއޯ ޖެހި ޕެނަލްޓީ ވެސް ވަނީ ކީޕަރު ހިފަހައްޓައިފަ އެވެ.

ތާރީހީ ރެކޯޑް މުގުރާލިނަމަވެސް އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ޖާގައެއް އިޓަލީ އަށް އަދި ޔަގީނެއްނުވެ އެވެ. ފަސް މެޗުން ލިބުނު 11 ޕޮއިންޓާ އެކު އިޓަލީ އަށް މި ގްރޫޕުގެ އެއް ވަނަ ލިބޭއިރު ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިފައިވާ ސްވިޒަލެންޑެވެ. ތިން ވަނައިގައި އޮތް ބަލްގޭރިއާ އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ހަތަރު ވަނައިގައި ހަތަރު ޕޮއިންޓް ލިބިފައިވާ ނޮދަން އަޔަލެންޑް އޮތްއިރު ފުލުގައި އޮތް ލިތުއޭނިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ. ކޮންމެ ގްރޫޕަކުން އެއް ވަނަ ހޯދާ ޓީމަކަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނެ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ބީގެ ސްޕެއިން ވަނީ އަމިއްލަ ދަނޑުގައި 0-4 އިން ޖޯޖިއާ ބަލިކޮށްފަ އެވެ. މެޗުގައި ސްޕެއިންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހޯސޭ ގާޔާ އާއި ކާލޯސް ސޮލާގެ އިތުރުން ފެރާން ޓޮރޭޒް އަދި ޕަބްލޯ ސަރާބިއާ އެވެ. ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު މި ގްރޫޕުގެ އެއް ވަނައިގައި މިވަގުތު އޮތީ ސްޕެއިނެވެ. އެކަމަކު ސްޕެއިނަށް ވުރެ ދެ މެޗު މަދުން ކުޅެ ނުވަ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ސްވިޑެން އަށް އެއް ވަނަ އަށް އެރުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ. މި ގްރޫޕުގައި ދެން އޮތީ ތިން ވަނައިގައި އޮތް ކޮސޯވޯ އާއި ހަތަރު ވަނައިގައި އޮތް ގްރީސް އަދި ފުލުގައި އޮތް ޖޯޖިއާ އެވެ.

އިންގްލެންޑް ހިމެނޭ ގްރޫޕުގައި ރޭ ވެމްބްލީ ސްޓޭޑިއަމްގައި އެންޑޯރާ ބަލިކޮށް އެގައުމުން ވަނީ ކޮލިފައިންގެ ސަތޭކަ އިންސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. ރޭ 0-4 އިން މޮޅުވި މެޗުގައި އިންގްލެންޑުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖެސީ ލިންގާޑާއި ހެރީ ކޭން އަދި ބުކާޔޯ ސަކާ އެވެ. މެޗުގައި ލިންގާޑް ވަނީ ދެ ލަނޑު ޖަހައި ސަކާގެ ލަނޑަށް އެސިސްޓްވެފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ކޭން ލަނޑުޖެހީ މޭސަން މައުންޓަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. ރޭގެ މެޗާ އެކު ކޭން ވަނީ ގައުމީ ޓީމަށް 40 ލަނޑު ހަމަކޮށްފަ އެވެ. އިންގްލެންޑް ގްރޫޕުގެ އެއް ވަނައިގައި ފަސް މެޗުން 15 ޕޮއިންޓާ އެކު އޮތްއިރު ދެ ވަނައިގައި ޕޮލެންޑް އޮތީ 10 ޕޮއިންޓާ އެކު އެވެ. މި ގްރޫޕުގައި ތިން ވަނައިގައި އޮތް އަލްބޭނިއާ ރޭ ވަނީ އަމިއްލަ ދަނޑުގައި ހަންގޭރީ ބަލިކޮށްފަ އެވެ. ދެން މި ގްރޫޕުގައި އޮތީ އެންޑޯރާ އާއި ސެން މަރީނޯ އެވެ.

ބެލްޖިއަމުން ރޭ ކުޅުނު މެޗުގައި ވަނީ އަމިއްލަ ދަނޑުގައި 0-3 އިން ޗެކް ރިޕަބްލިކް ބަލިކޮށްފަ އެވެ. މެޗުގައި ބެލްޖިއަމްގެ ލަނޑުތައް ޖަހައިދިނީ ރޮމެލޫ ލުކާކޫ އާއި އެޑެން ހަޒާޑް އަދި އެލެކްސިސް ސައޭލްމޭކާސް އެވެ. ރޭގެ މެޗަކީ ބެލްޖިއަމަށް ލުކާކޫ ކުޅުނު 100 ވަނަ މެޗެވެ. އުމުރުން 28 އަހަރުގެ ފޯވާޑަކީ 67 ލަނޑާ އެކު އެގައުމުގެ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. އެގައުމުގެ ލަނޑުގެ ލިސްޓުގެ ދެ ވަނައިގައި އޮތީ 33 ލަނޑު ޖަހައިފައިވާ ރެއާލް މެޑްރިޑްގެ ހަޒާޑް އެވެ. ލުކާކޫ އަކީ ބެލްޖިއަމަށް 100 މެޗު ކުޅުނު ހަ ވަނަ ކުޅުންތެރިޔާ އެވެ. 132 މެޗާ އެކު އެޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ޔަން ވާޓޮންގެންއަކީ މިހާރު ވެސް ބެލްޖިއަމްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ރޭގެ މެޗުގައި ކާޑު ދެއްކުމުން ކޮލިފައިންގައި އަންނަ ބުދަ ދުވަހު ބެލަރޫސްއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗަށް ލުކާކޫ ވަނީ ސަސްޕެންޑްވެފަ އެވެ. އެހެންވެ ލުކާކޫ ދެން ދާނީ ޗެލްސީގެ ފަރިތަކުރުންތަކަށް ލަންޑަނަށެވެ.

ގްރޫޕް އީގެ އެއް ވަނައިގައި ބެލްޖިއަމް އޮތީ ފަސް މެޗުން ލިބުނު 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ވޭލްސް އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ރޭ ރަށުން ބޭރުގައި 3-2 އިން ވޭލްސް މޮޅުވީ ގަރެތު ބޭލް ހެދި ހެޓްރިކުންނެވެ. މި ގްރޫޕުގެ ހަތަރު ވަނައިގައި އޮތް ބެލަރޫސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އެސްޓޯނިއާ އެވެ.

ގްރޫޕް ޖޭގައި ރޭ ޖަރުމަނު ވަނީ 0-6 ގެ ބޮޑު ތަފާތަކުން އަރްމީނިއާ ބަލިކޮށް ގްރޫޕުގެ އެއް ވަނަ އަށް އަރައިފަ އެވެ. ޖަރުމަނަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު އެ އަދަދަށް މެޗު ކުޅެގެން އަރްމީނިއާ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ފުލުގައި އޮތް ލިޗެންސްޓައިން 0-2 އިން ބަލިކޮށް ރޫމޭނިއާ ވަނީ ނުވަ ޕޮއިންޓާ އެކު މި ގްރޫޕުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތް ނޯތު މެސަޑޯނިއާ އަށް އަށް ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނައިގައި އޮތީ ފަސް ޕޮއިންޓް ލިބިފައިވާ އައިސްލެންޑެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *