ރޮނާލްޑޯ މެންޗެސްޓަރ އަށް އެނބުރި އައިސް ފަރިތަކުރުންތަކަށް ތައްޔާރުވެއްޖެ
މެންޗެސްޓަރ ޔުނައިޓެޑާ އަލުން ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ އަށް ދިރިއުޅުން ބަދަލުކޮށް އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ތައްޔާރުވެއްޖެ އެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން 2003 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވެ ރޮނާލްޑޯ ވަނީ ހަ ސީޒަން އެ ކްލަބާ އެކު ހޭދަކޮށްފަ އެވެ. ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު 2009 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ބަދަލުވީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. ރެއާލަށް ގިނަ ތަށިތަކެއް ހޯދައިދިނުމަށް ފަހު 2018 ވަނަ އަހަރު ރޮނާލްޑޯ ވަނީ އިޓަލީގެ ޔުވެންޓަސް އަށް ސޮއިކޮށްފަ އެވެ. ދެ އަހަރު ދުވަހުގެ މުއްދަތަކަށް 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް މިދިޔަ ހަފްތާ ބަދަލުވީ 15 މިލިއަން ޔޫރޯއަށެވެ. ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ވަނީ ޕޯޗުގަލްގައި މެޑިކަލް ފުރިހަމަކޮށްފަ އެވެ.
އާއިލާއާ އެކު ޔުނައިޓެޑަށް ދިރިއުޅުން އިއްޔެ ބަދަލުކުރުމުގެ ކުރިން ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރިޕަބްލިކް އޮފް އަޔަލެންޑް އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. 1-2 އިން ޕޯޗުގަލް މޮޅުވި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ ހެދި ގޯލެވެ. ޕޯޗުގަލްގެ ޓީމަށް 111 ލަނޑު ރޮނާލްޑޯ ޖަހައިދީފައިވާއިރު މީގެ ކުރިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީގެ އަތުގަ އެވެ. އަލީ ދާއީ ވަނީ އީރާން ޓީމަށް 109 ލަނޑު ޖަހައިފަ އެވެ.
މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ އެންމެ ފުރަތަމަ ގުޅޭނެކަމަށް ބެލެވުނީ މެންޗެސްޓަރ ސިޓީއާ އެވެ. އެކަމަކު ފަހު ވަގުތު ޔުނައިޓެޑުން އެ ރޭހުގެ ތެރެއަށް ވަދެ ސިޓީ ފަހަތަށް ޖައްސާލައި ރޮނާލްޑޯގެ ސޮއި ކަށަވަރުކުރީ އެވެ. ރޮނާލްޑޯ އަލުން ޔުނައިޓެޑާ ގުޅުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ރޮނާލްޑޯ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ހެދި ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން އެވެ.
ރޮނާލްޑޯ ޔުނައިޓެޑަށް ދިޔައިރު ޕޯޗުގަލުން ވޯލްޑް ކަޕް ކޮލިފައިންގައި މި ހަފްތާ އަޒަރުބައިޖާނާ ދެކޮޅަށް ނުކުންނާނެ އެވެ. އެކަމަކު އެ މެޗަށް ރޮނާލްޑޯ ސަސްޕެންޑް ވެފައިވުމުން ޕޯޗުގަލުން ރޮނާލްޑޯ ރިލީޒްކުރީ އެވެ. ރޮނާލްޑޯ އަޒަރުބައިޖާން މެޗަށް ސަސްޕެންޑްވީ އަޔަލެންޑް ކޮޅަށް މޮޅުވި ލަނޑު ޖެހުމަށް ފަހު ޖާޒީ ބޭލުމުން ދެއްކި ރީނދޫ ކާޑުގެ ސަބަބުންނެވެ.
ޔުނައިޓެޑްގައި ރޮނާލްޑޯ ބޭނުންކުރާނީ ކުރިން އެ ކްލަބުގައި އޭނާ ބޭނުންކުރި ހަތް ނަންބަރު ޖާޒީ އެވެ. މި ސީޒަނުގައި ހަތް ނަންބަރު ޖާޒީގައި ހުރި އެޑިންސަން ކަވާނީ މިހާރު ވަނީ އޭނާ ގައުމީ ޓީމުގައި ބޭނުންކުރާ 21 ނަންބަރަށް ބަދަލުވެފަ އެވެ. ކަވާނީ އަމިއްލަ އަށް ހަތް ނަންބަރު ޖާޒީ ރޮނާލްޑޯ އަށް ދޫކޮށްލުމުން ރޮނާލްޑޯ ވަނީ އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.
އިއްޔެ ރޮނާލްޑޯ މެންޗެސްޓަރ އަށް ދިއުމުން އޭނާ އަށް މަރުހަބާ ކީ ރޮނާލްޑޯއާ އެކު ކުރިން ޔުނައިޓެޑްގައި ކުޅުނު އަދި މިހާރު އެޓީމުގެ ޓެކްނިކަލް ޑިރެކްޓަރ ޑަރެން ފްލެޗާ އެވެ. ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑްގެ ފަރިތަކުރުންތަކާ ގުޅުމުގެ ކުރިން ރޮނާލްޑޯ ކުރު ކަރަންޓީނެއް ފުރިހަމަކުރާނެ އެވެ. ރޮނާލްޑޯއާ އެކު ޔުނައިޓެޑް އެންމެ އަވަހަށް ކުޅޭ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.
Advertisement
Leave a Reply