މިފަހަރުގެ ޔޫރޯ ފައިނަލް 328 މިލިއަން މީހުން ބެލި

Advertisement

މިފަހަރުގެ ޔޫރޯ ފައިނަލް 328 މިލިއަން މީހުން ބެލި

ޢަލީ ޝަހީމް

ޖުލައި މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރި މެޗު ބެލި މީހުންގެ އަދަދު 328 މިލިއަނަށް އަރާކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާއިން ބުނެފި އެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި އިންގްލެންޑް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އިޓަލީ އެވެ. ޔޫރަޕްގެ 11 ސިޓީގައި ކުޅުނު މުބާރާތުގެ މެޗުތަކަށް ސަޕޯޓަރުން ވަނުމުގައި ކޮވިޑާ ހެދި ބޮޑު ގޮންޖެހުމެއް ކުރިމަތިވި އެވެ. ޔޫއެފާއިން އާއްމުކުރި ނަންބަރުތަކުގައި ބުނެފައިވަނީ މުޅި މުބާރާތުގެ ވިއުސް 5.2 ބިލިއަނަށް އަރާ ކަމަށާއި އެއީ ކޮންމެ މެޗަކަށް އެވްރެޖްކޮށް 100 މިލިއަން ވިއުސް ކަމަށެވެ.

Advertisement

“އާދަޔާހިލާފު މަތީ އަދަދުތަކުން ދައްކުވައިދެނީ މުބާރާތުގެ ފޯރި ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގައި އޮތްވަރު” ޔޫއެފާއިން ބުނެފައިވެ އެވެ.

ފައިނަލް މެޗަށް އިނގިރޭސި ވިލާތުން ވަނީ 30.95 މިލިއަން ވިއުސް ލިބިފަ އެވެ. އަދި އެތަނުން ގާތްގަނޑަކަށް 29.85 މިލިއަން މީހުން ވަނީ މެޗު އެއްކޮށް ބަލާފަ އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މުބާރާތުގެ ތެރެއިން 7.5 ބިލިއަން އިންޓަރެކްޝަންސް ލިބުނުއިރު ޔޫއެފާގެ އޮފިޝަލް އެކައުންޓަކަށް ދެ ބިލިއަން ވިއުސް ވަނީ ލިބިފަ އެވެ.

“މުޅި ދުނިޔެއަށް ބަލާއިރު ދެކުނު އެމެރިކާ އާއި އޭޝިއާގައި މުބާރާތުގެ މަގުބޫލުކަން އިތުރުވި. ޔޫރޯ އާ އެކު އެ ސަރަހައްދުތަކުގައި ފޭންބޭސް ވަރަށް ބޮޑަށް އިތުރުވެގެންދިޔަ. އަދި ސްޓްރީމް ކޮށްގެން މިފަހަރުގެ މެޗުތައް ބެލި އަދަދު ދުވަހަކު ނުވާހާ އިތުރުވިކަން ފާހަގަކުރެވުނު” ޔޫއެފާގެ މާކެޓިން ޑިރެކްޓަ ގާއި-ލައުރެންޓް އެޕްސްޓީން ވިދާޅުވި އެވެ.

މިފަހަރުގެ މުބާރާތުގެ މެޗުތަކަށް ސަޕޯޓަރުން ވެއްދުމުގައި އެކި ގައުމުތަކުން އަމަލުކުރީ އެކި ގޮތަށެވެ. މެޗުތައް ކުޅޭ ގައުމުތަކުގެ ހާލަތަށް ބަލައި ބައެއް ސްޓޭޑިއަމްތަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންއިރު ކޮވިޑްގެ ހާލަތު ގޯސްވުމުން ބައެއް މެޗުތަކަށް ސަޕޯޓަރުން ވެއްދީ ވަރަށް މަދު އަދަދަކަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *