އުއްމީދަކީ 2008 ގައި ސަޕޯޓަރުން ދެއްކި ފޯރި މިފަހަރުވެސް ފެނުން: އިމްރާން

Advertisement

އުއްމީދަކީ 2008 ގައި ސަޕޯޓަރުން ދެއްކި ފޯރި މިފަހަރުވެސް ފެނުން: އިމްރާން

ޢަލީ ޝަހީމް
ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން. މިހާރު މަސައްކަތްކުރަނީ ގައުމީ ޓީމުގެ ކޯޗިން ޓީމުގައި. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އޮކްޓޫބަރު މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި އޭނާގެ އުއްމީދަކީ 2008 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ސަޕޯޓަރުން ދެއްކި ފޯރި ފެނުން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި މިހާރު ގައުމީ ޓީމުގެ އެސިސްޓެންޓް ގޯލްކީޕަރު ކޯޗު އިމްރާން މުހައްމަދު ބުނެފި އެވެ.

ރާއްޖޭން ފުޓްބޯޅައިގެ ފުރަތަމަ ރަން މެޑަލް ހޯދީ 2008 ވަނަ އަހަރު ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި ރާއްޖެ ހިމެނުނު ގްރޫޕްގެ މެޗުތައް މާލޭގައި ކުޅުނުއިރު ގަލޮޅު ދަނޑު އޮތީ ފުރާލައިފަ އެވެ. އަދި ސެމީ ފައިނަލާއި ފައިނަލް މެޗު ލަންކާގައި ކާމިޔާބުކުރިއިރު އެތައް ހާސް ދިވެހިންނެއް ލަންކާގެ ސްޓޭޑިއަމަށް ވަދެ ތަރުހީބު ދިނެވެ. ލަންކާގައި އޮތް ފައިނަލް މެޗު ބެލުމަށް ރާއްޖޭން އެތައް ސަތޭކަ ބަޔަކު ޓިކެޓް ނަގައިގެން ދަތުރު ވެސް ކުރި އެވެ. މުހުތާރު ނަސީރު (ޓޫކިލޯ) ގެ ގޯލުން ރާއްޖޭން ރަން ތަށި ހޯދި މެޗާ އެކު މުޅި ދިވެހި ގައުމު ފެނުނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. އެ ހުރިހާ މަންޒަރެއް އޭރު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު އެއް ކުޅުންތެރިޔަކީ އިމްރާން އެވެ.

Advertisement

ގައުމީ ޓީމުގެ ކޯޗިން ޓީމުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ބުނީ ރާއްޖޭގެ ޓީމަށް ސަޕޯޓް ނުކުރާ ދިވެއްސެއް ނުހުންނާނެ ކަމަށާއި ފާޑުކިޔުންތައް ވެސް އަންނަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ސަޕޯޓަރުން އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.

“އަސްލުގަ ވަރަށް މުހިއްމު ވަގުތެއްގައި ވަރަށް ރަނގަޅު މުބާރާތެއް ކުޅެލަން އަޅުގަނޑުމެންނަށް މި ލިބެނީ. އެއީ ސާފް ޗެމްޕިއަންޝިޕް ތަށި އެންމެ ފަހުން ހޯދާފަ މިއޮތީ ރާއްޖޭގެ ގައުމީ ޓީމް. ދެން ރާއްޖޭން މި ތަށި ހޯދީ ރާއްޖޭން ބޭރުގަ. އެކަމަކު  އޭގެ ކުރީ ފަހަރު 2008 ގަ އަޅުގަނޑުމެން ވަރަށް ފޯރީގަ ގައުމު ހަމަ އެއް ކުލައެއްގައި ގޮސް ތަށި ހޯދައިގެން ދިޔައީ. އެހެންވީމަ މިއީ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ފުޓްބޯޅައިގައި މިހާރު ދަށްވެފައި މިއޮތް ފޯރި ފުދޭވަރަކަށް ރަނގަޅުކޮށްލަން ލިބޭ ފުރުސަތެއް” ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، އިމްރާން ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު ކީޕަރު އިމްރާން ގައުމީ ޓީމުން ރަސްމީކޮށް ރިޓަޔާ ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭގެފަހުން އިމްރާން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ދުވަސްކޮޅަކު ކުޅެފަ އެވެ. ގައުމީ ކޯޗިން ޓީމާ އިމްރާން ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭރު އިމްރާން ހަމަޖެއްސީ ގޯލްކީޕަރު ޓްރޭނަރުންގެ އެސިސްޓެންޓަކަށެވެ.

“… މި ވަގުތަކީ ވަރަށް ބޮޑަށް ހުރިހާ ރައްޔިތުން އެކަތިގަނޑެއް ގޮތަށް މި ގައުމީ ޓީމާ އެކު ތިބެންވީ ވަގުތު. ދެން އަޅުގަނޑުމެން އަބަދުވެސް މި ފާހަގަކުރާ ދިވެހި ރާއްޖޭގެ ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ. އެ ކުޅުންތެރިޔާގެ ގޮތުގައި މުޅި ދުނިޔެއަށް ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.  ދެން އަޅުގަނޑުމެންގެ އުއްމީދަކީ ހަމަ ރާއްޖޭގައި މިދިޔަ ފަހަރު 2008 ގައި އޮތް ވަރުގެ ފޯރިއެއް ނަގައި މި މުބާރާތް ކާމިޔާބުކޮށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގައި ބެހެއްޓުން” ގައުމީ ޓީމަށް 109 މެޗު ކުޅެދީ ފީފާ ސެންޗަރީ ކްލަބްގައި ހިމެނުނު ހަމައެކަނި ދިވެހި ކުޅުންތެރިޔާ ބުންޏެވެ.

May be an image of 1 person

އެސިސްޓެންޓް ކޯޗު އިންމަ. 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާ އެކު ރާއްޖޭން ވަނީ ޕްރެކްޓިސް ފަށާފައި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިފަހަރު ނުކުންނަ ދިވެހި ޓީމުގެ ކޯޗިން ޓީމުގައި ތިބީ ހުސް ދިވެހިންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ކޯޗުކަން ކުރާނީ ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭން އެވެ. އެސިސްޓެންޓް ކޯޗުގެ ގޮތުގައި ތަޖުރިބާކާރު ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ހަމަޖެއްސިއިރު ގޯލް ކީޕިން ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ އަސްލަމް އަބްދުއްރަހީމް އެވެ. ޓީމުގެ ޑޮކްޓަރަކީ އަބްދުﷲ ރާފިއު އެވެ.

އެސިސްޓެންޓް ކޯޗު އިންމަ ބުނީ ބޭރު ކޯޗުންނާ އެކު މިދިޔަ އަހަރުތަކުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކޮންފިން ކަމަށާއި ދިވެހިންނަށް ގައުމީ ޓީމުގެ ޒިންމާ އަދާނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ.

“އަޅުގަނޑުމެން ވަރަށް ގިނަ ތަޖުރިބާތައް ވެސް ކޮށްފިން ބޭރުގެ ކޯޗުންނާއެކު. މިކަން ދިވެހިންނަށް ނުކުރެވޭނެ ސަބަބެއް ނެތް. ދިވެހި ރާއްޖޭގައި މި ތަށި ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް މި ދުވަސްތަކުގައި އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް މި ކޯޗިން ޓީމަށް. މީގަ އަޅުގަނޑު ބުނާނީ އަޅުގަނޑުމެން ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން މިކަން ކުރެވޭނެ ކަމަށް ގަބޫލުކުރަނީ”  2015 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި އިންމަ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 1 އިން 16 އަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު 1 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖެ އާއި ނޭޕާލްގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ އެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ފަސް ޓީމުގެ މެޗުގައި ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދީ ރާއްޖޭންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *