12 އަހަރަށް ފަހު ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް

Advertisement

12 އަހަރަށް ފަހު ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް

ޢަލީ ޝަހީމް

މެންޗެސްޓަރ ޔުނައިޓެޑްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު އެ ކްލަބް ދޫކޮށްލި ކްރިސްޓިއާނޯ ރޮނާލްޑޯ 12 އަހަރަށް ފަހު އެނބުރި ޔުނައިޓެޑާ ގުޅިއްޖެ އެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނުކަން އެ ކްލަބުން މިރޭ ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. 2003 ވަނަ އަހަރު ޔުނައިޓެޑާ ގުޅުމަށް ފަހު ރޮނާލްޑޯ އެޓީމު ދޫކޮށްލީ 2009 ވަނަ އަހަރު އެވެ. ރެކޯޑް އަގަކަށް އެ އަހަރު ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވީ ޔުނައިޓެޑަށް ކުޅުނު 292 މެޗުގައި 118 ގޯލު ޖަހައިފަ އެވެ. އަދި ޔުނައިޓެޑްގައި ހުރެ ހުރިހާ ތައްޓެއް ހޯދައި 2008 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ވެސް ހޯދި އެވެ. ފަހުން ރެއާލްގައި ރޮނާލްޑޯ ވަނީ ހަތަރު ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފަ އެވެ. ރެއާލް ދޫކޮށް ރޮނާލްޑޯ 2018 ވަނަ އަހަރު ބަދަލުވީ ޔުވެންޓަސް އަށެވެ.

Advertisement

ޔުވެންޓަސްގައި ތިން ސީޒަން ހޭދަކުރުމަށް ފަހު ރޮނާލްޑޯ އެ ކްލަބް ދޫކޮށްލާކަން ހާމަކުރީ މިއަދު އެވެ. އަދި ރޮނާލްޑޯ މިހާރު ވަނީ ޔުވެންޓަސްގެ ކުޅުންތެރިންނަށް އަލްވަދާއު ކިޔުމަށް ފަހު އުފަން ގައުމު ޕޯޗުގަލަށް ގޮސްފަ އެވެ. ޕޯޗުގަލުން ދެން ރޮނާލްޑޯ ދާނީ މެންޗެސްޓަރ އަށެވެ.

“ކްލަބުގެ އެންމެން ތައްޔާރަށް ތިބީ ރޮނާލްޑޯ އަށް އަލުން މަރުހަބާ ކިޔަން” ޔުނައިޓެޑުން މިރޭ އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

ރޮނާލްޑޯ ހޯދުމުގެ ރޭހުގައި ވަރަށް ފަހަކާ ޖެހެންދެން ކުރީގައި އޮތީ އެ ކްލަބާ ވާދަވެރި މެންޗެސްޓަރ ސިޓީ އެވެ. އެކަމަކު ސިޓީގެ މަޝްވަރާތައް ދިގުލައިގެންދިޔަ ވަގުތު ޔުނައިޓެޑުން ވަނީ އެ ޑީލް ހައިޖެކްކޮށް ރޮނާލްޑޯ ހޯދުމުގައި އުއްމީދު ހޯދައިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވި ޖުމްލަ އަގަކީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރެވެ. އަދި ރޮނާލްޑޯ އަށް މުސާރައިގެ ގޮތުގައި ޔުނައިޓެޑުން ހަފްތާއަކު 480000 ޕައުންޑް ދޭނެ އެވެ.

ރޮނާލްޑޯ އަނބުރާ ޔުނައިޓެޑަށް ގެނައުމުގައި ސަރ އެލެކްސް ފާގަސަން މުހިއްމު ދައުރެއް އަދާކުރިކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދި ޔުނައިޓެޑުން ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ފެށުމުން ސިޓީން ރޮނާލްޑޯ އަށް ރަސްމީ ބިޑް ނުކުރަން ނިންމި އެވެ. އޭގެ ކުރިން ސިޓީން ދިޔައީ ރޮނާލްޑޯ ގެނެވޭނެ ހާލަތްތައް ދިރާސާކުރަމުންނެވެ. މިގޮތުން އެ ކްލަބުގެ ބައެއް ކުޅުންތެރިން ރޮނާލްޑޯގެ ޑީލްގައި ހިމަނަން ވެސް ސިޓީން މަސައްކަތްކުރި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *