ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޖޯޖީނިއޯ އަށް
ޔޫއެފާއިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިއަހަރު އިޓަލީ އާއި ޗެލްސީގެ މިޑްފީލްޑަރު ޖޯޖިނިއޯ ހޯދައިފި އެވެ. ޖޯޖިނިއޯއާ އެކު އެވޯޑަށް ވާދަކުރީ ފްރާންސާއި ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި ބެލްޖިއަމާއި މެންޗެސްޓަރ ސިޓީގެ ކެވިޑް ޑި ބްރޭނާ އެވެ.
29 އަހަރުގެ ޖޯޖީނިއޯ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޗެލްސީން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އިޓަލީން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު ވެސް ޖޯޖީނިއޯގެ ކުޅުން ފާހަގަކޮށްލެވުނެވެ. މިދިޔަ ސީޒަނުގައި ކްލަބާއި ގައުމަށް 56 މެޗު ކުޅެ ހޯދި ބޮޑު ކާމިޔާބީއާ އެކު ޖޯޖީނިއޯ މިފަހަރުގެ އެވޯޑް އުފުލާލާނެކަމަށް ކުރިން ވެސް ބެލެވުނެވެ.
ބްރެޒިލަށް އުފަން ޖޯޖީނިއޯ ކުޑައިރު އިޓަލީ އަށް ބަދަލުވެ ފުޓްބޯޅަ އަށް ތައާރަފްވީ އިޓަލީންނެވެ. އިޓަލީގެ ހެލާސް ވެރޯނާގެ ޔޫތު ޓީމަށް 2010 ވަނަ އަހަރު ކުޅެން ފަށައި ޖޯޖީނިއޯ ވަނީ އެ އަހަރު ލޯނު އުސޫލުން އިޓަލީގެ ސަމްބޯނިފަސީސް އަށް ބަދަލުވެފަ އެވެ. އެއީ މިހާރު އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބެކެވެ. ޖޯޖީނިއޯގެ ކުޅުން ފާހަގަވާން ފެށީ ހެލާސް ވެރޯނާ ދޫކޮށް 2014 ވަނަ އަހަރު އިޓަލީގެ ނަޕޯލީއާ ގުޅުނު ހިސާބުންނެވެ. ނަޕޯލީގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު ޖޯޖީނިއޯ ޗެލްސީ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ޖޯޖީނިއޯ ޗެލްސީ އަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ހަމަ އެ އަހަރު ނަޕޯލީގެ ކޯޗުކަމުގައި ހުރެފައި ޗެލްސީ އަށް ބަދަލުވި މައުރީޒިއޯ ސާރީ އެވެ.
ކްލަބް ލެވެލްގައި ކުޅުން ފާހަގަކުރެވި ޖޯޖީނިއޯ އަށް އިޓަލީގެ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2016 ވަނަ އަހަރު އެވެ. ޖޯޖީނިއޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް 35 މެޗު ކުޅެދީ ފަސް ލަނޑު ޖަހައިފަ އެވެ.
އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ސީޒަނުގެ މެދުތެރެއިން ޗެލްސީ އަށް ބަދަލުވެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ތޯމަސް ޓުކެލް އަށެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ބަދަލުވި ސެނެގޯލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އެވެ. ޗެލްސީން ޗެމްޕިއަންކަން ހޯދިއިރު ނުވަ މެޗުގައި މެންޑީ ވަނީ ކްލީންޝީޓް ހޯދާފަ އެވެ. އަހަރުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ލިބުނީ ސިޓީގެ ޕޯޗުގަލް ތަރި ރުބެން ޑިއާސް އަށެވެ. ސިޓީން ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު ޑިފެންސުގައި އެންމެ މޮޅު ކުޅުމެއްދެއްކީ ޑިއާސް އެވެ. އެވޯޑް ހަފްލާގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް ލިބުނީ ކާންޓޭ އަށެވެ. ކާންޓޭ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. އުމުރުން 21 އަހަރުގެ ނޯވޭ ފޯވާޑަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.
Advertisement
Leave a Reply