ކޭން ޓޮޓެންހަމްގައި މަޑުކުރަން ނިންމައިފި
މެންޗެސްޓަރ ސިޓީން ފާރަލަމުން އައި ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން އެ ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ. ކޭން ޓޮޓެންހަމްގައި މަޑުކުރާކަން ހާމަކުރީ އޭނާ މިއަދު ކުރި ޓްވީޓެއްގަ އެވެ.
ކޭންގެ ޓްވީޓުގައި ބުނީ މި ސީޒަނުގައި ޓޮޓެންހަމްގައި މަޑުކޮށް ކްލަބަށް ކާމިޔާބީ ހޯދައިދޭން 100 ޕަސެންޓް މަސައްކަތްކޮށްދޭނެ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމް ދޫކޮށްލަށް ބޭނުންވާކަމަށް ބުނެ، އެވާހަކަތް ކޭން ވަނީ މީގެ ކުރިން ކްލަބުގެ ޗެއާމަން ޑެނިއެލް ލެވީއާ ހިއްސާކޮށްފަ އެވެ. އެކަމަކު 28 އަހަރުގެ އިންގްލެންޑުގެ ފޯވާޑް ވިއްކާލަން ކްލަބުގެ ޗެއާމަން ވަނީ ތަކުރާރުކޮށް ދެކޮޅުހަދައިފަ އެވެ.
އިނގިރޭސި ރެކޯޑް އަގަކަށް ޖެކް ގްރީލިޝް މެންޗެސްޓަރ ސިޓީ އަށް ގެނައުމަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެ ޓީމުން ކޭން އަށް ޝައުގުވެރިވާކަމަށެވެ. ކޭން ހޯދުމަށް ސިޓީން ހުށަހެޅި ދެ ބިޑަށް ޓޮޓެންހަމުން ވަނީ ނޫނެކޭ ބުނެފަ އެވެ. ރަސްމީކޮށް ހުށަހެޅި މި ދެ ބިޑުގެ އަގު އުޅެނީ 122 މިލިއަން ޔޫރޯ އާއި 150 މިލިއަން ޔޫރޯގަ އެވެ. މި ޑީލުގައި ސިޓީގެ ޑިފެންޑަރު އައިމެރިލް ލަޕޯޓް އާއި ފޯވާޑް ގެބްރިއަލް ޖީސުސް ހިމަނަން ވެސް ސިޓީން ހުށަހެޅި އެވެ.
ޓޮޓެންހަމްގެ ކެޕްޓަން ކޭން ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 337 މެޗުގައި 221 ގޯލު ޖަހައި 47 ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. ޕްރިމިއާ ލީގުގައި ކޭން ވަނީ ޓޮޓެންހަމަށް 166 ލަނޑު ޖަހައިދީފަ އެވެ.
މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގުން ފުރުސަތު ނުލިބުމާ އެކު ވަރުގަދަ ޗެލެންޖަކަށް ކޭން ޓޮޓެންހަމް ދޫކޮށްލާނެކަމަށް ބެލެވުނެވެ. ޓޮޓެންހަމުން މި ސީޒަނުގައި ވާދަކުރަމުން އަންނަނީ ޔޫރަޕްގެ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫއެފާ ކޮންފަރެންސް ލީގުގަ އެވެ.
އާ ސީޒަނުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ ޓޮޓެންހަމް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި ކޭން ކުޅެފައިނުވާއިރު މިދިޔަ އާދީއްތަ ދުވަހު ވުލްވްސް އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި ކޭން ކުޅެން އެރީ ބެންޗުންނެވެ.
ޓޮޓެންހަމްގައި ކޭން އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިހާތަނަށް ތައްޓެއް ކާމިޔާބު ކުރެވިފައިނުވުމެވެ. އެޓީމަށް އެންމެ ފަހުން ތައްޓެއްގައި އަތްލެވުނީ 2008 ވަނަ އަހަރު އެވެ. 2019 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ވާދަކޮށް ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ.
Advertisement
Leave a Reply