ހީވެސްނުކޮށްތިއްބާ އެމްބާޕޭ ގެންދަން ރެއާލުން ފޫގަޅާލައިފި
ޕީއެސްޖީ އަށް ކުޅޭ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ގަންނަން ރެއާލް މެޑްރިޑުން 188 މިލިއަނުގެ ބިޑެއް ރަސްމީކޮށް ޕީއެސްޖީ އަށް ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރެއާލް އަށް ބަދަލުވުމުގެ ޝައުގުވެރިކަން އަބަދުވެސް ފާޅުކުރަމުން އަންނަ އެމްބާޕޭ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. އެމްބާޕޭގެ އެއްބަސްވުން އާކުރުމަށް ޕިއެސްޖީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އުމުރުން 22 އަހަރުގެ އެމްބާޕޭގެ އާ އެއްބަސްވުމުގައި ޕީއެސްޖީން ވަނީ ހަތަރު އަހަރުގެ މުއްދަތަކަށް، އަހަރަކު 36 މިލިއަން ޑޮލަރު ދޭގޮތަށް ހުށަހަޅައިފަ އެވެ. އެކަމަކު އެމްބާޕޭ ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.
އެއްބަސްވުން އާނުކޮށްފި ނަމަ އަންނަ ޖެނުއަރީ މަހު އެމްބާޕޭ އަށް އެހެން ކްލަބަކާ އެކު އެއްބަސްވުމަކަށް އާދެވެނޭ އެވެ. އެއީ އެއްބަސްވުން ހަމަވާން ހަ މަހަށްވުމުން ކުޅުންތެރިޔާ އަށް ލިބޭ އިހްތިޔާރެކެވެ. ޖެނުއަރީ މަހު އެހެން ކްލަބަކާ ގުޅެން ނިންމައިފި ނަމަ މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށް ދާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެހެންވެ އެމްބާޕޭގެ ޓްރާންސްފާ އިން މާލީ ގޮތުން ލިބިދާނެ ގެއްލުމަކަށް ބަލައި މިފަހަރުގެ ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން އެމްޕާބޭ ރެއާލަށް ވިއްކާލުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ.
ޕީއެސްޖީގެ ރައީސް ނަސީރު އަލް-ހެއްލާފީ ވަނީ އެމްބާޕޭ ވިއްކާލައިގެން އެ ކްލަބަށް ފައިސާ ވައްދަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އަދި މިދިޔަ ހަފްތާގައި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް ވަނީ މި ސީޒަނުގައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުންވާކަމަށް ބުނެފަ އެވެ.
ސްޕެއިން އާއި ފްރާންސްގެ ރިޕޯޓުތައް ބުނާގޮތުން ރެއާލްގެ ހުށަހެޅުމަށް ޕީއެސްޖީން ވަނީ ނޫނެކޭ ބުނެފަ އެވެ. އެކަމަކު އަންނަ އަންގާރަ ދުވަހު ބަންދުވާ ޓްރާންސްފާ ބާޒާރުގެ ކުރިން ރެއާލުން އެމްބާޕޭ ހޯދުމުގެ އިތުރު މަޝްވަރާތަކަށް ދާނެކަމަށް ބެލެވެ އެވެ.
2017 ވަނަ އަހަރު ފްރާންސްގެ މޮނާކޯ އިން އެމްބާޕޭ އެންމެ ފުރަތަމަ ޕީއެސްޖީ އަށް ބަދަލުވީ ލޯނު އުސޫލުންނެވެ. އެއް ސީޒަން ފަހުން ޕީއެސްޖީން ވަނީ އެމްބާޕޭ ގަތުމަށް 226 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ޕީއެސްޖީ އަށް ކުޅުނު 174 މެޗުގައި އެމްބާޕޭ ވަނީ އެ ކްލަބަށް 133 ލަނޑު ޖަހައި 58 ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. އެ ކްލަބާ އެކު އެމްބާޕޭ 10 ތަށި ހޯދިއިރު އޭގެތެރޭގައި ތިން ލީގު ތަށި ހިމެނެ އެވެ. ކްލަބްގެ އިތުރުން ފްރާންސްގެ ގައުމީ ޓީމާ އެކު އެމްބާޕޭ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
އާ ސީޒަނަށް ޕީއެސްޖީން ވަނީ މަޝްހޫރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ. އެޓީމަށް ގެނައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ލިއޮނަލް މެސީ އެވެ. އެމްބާޕޭ އާއި ނޭމާ ކުޅެމުން އަންނަ ޕީއެސްޖީ އަށް މެސީ ބަދަލުވުމާ އެކު އެޓީމަކީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ޓީމުކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ.
Advertisement
Leave a Reply