ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން 31 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފި

Advertisement

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން 31 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފި

ޢަލީ ޝަހީމް
ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން އަޑޭ. ތިން އަހަރު ފަހުން އަޑޭ އަށް ވަނީ ގައުމީ ޓީމުން ޖާގަ ލިބިފައި. - ފޮޓޯ: ނިޝާން އަލީ / މިހާރު

އޮކްޓޫބަރު މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ 31 ކުޅުންތެރިން ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައިފި އެވެ.

ފަސް ގައުމު ވާދަކުރާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ރާއްޖޭގައި އޮންނާނީ އޮކްޓޫބަރު މަހުގެ 1 އިން 13 އަށެވެ. އެފްއޭއެމުން މިރޭ އާއްމުކުރި ޕްރިލިމިނަރީ ސްކޮޑުން އެންމެ ފާހަގަކުރެވުނީ ތިން އަހަރަށް ފަހު އަސްހަދު އަލީ (އަޑޭ) އަށް ފުރުސަތު ލިބުމެވެ. މިހާރު އަޑޭ އަކީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ސްކޮޑުން އަޑޭ އަށް ފުރުސަތު ލިބުނުއިރު މިދިޔަ ސީޒަނުގައި އޭނާ ވަނީ ކްލަބް އީގަލްސް އަށް ކުޅެފަ އެވެ. ސީރިއަސް އަނިޔާއަކުން އެނބުރި އައުމަށް ފަހު މާޗް މަހު އީގަލްސް ޓީމާ ގުޅި، އަޑޭ ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ބައެއް މެޗުތަކާއި އޭއެފްސީ ކަޕް ކޮލިފައިންގައި ބޫޓާންގެ ތިމްޕޫ އެފްސީ އަތުން އީގަލްސް މޮޅުވި މެޗާއި ޕްލޭއޮފް ބުރުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން އީގަލްސް ބަލިވި މެޗުގައި ކުޅެފަ އެވެ. ބެންގަލޫރު މެޗުގައި އުމުރުން 34 އަހަރުގެ އަޑޭ ވަނީ މެދުތެރޭގެ އިތުރުން ފޯވާޑަށް ވެސް ކުޅެފަ އެވެ.

ޖެހިލުމެއް ނެތި ހިތްވަރާއި ޖޯޝުގައި ކުޅޭ ހުނަރުވެރި މިޑްފީލްޑަރަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ މީގެ ތިން އަހަރު ކުރިން އޭނާ އަމިއްލަ އަށް ގައުމީ ޓީމަށް ނުކުޅޭނެކަން އިއުލާންކުރުމުންނެވެ. 2018 މާޗް 27 ވަނަ ދުވަހު އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ އޭޝިއަން ކަޕް ކޮލިފައިންގައި އެރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗުގެ ކުރިންނެވެ. ކުއްލި ގޮތަކަށް ގައުމީ ޓީމަށް ނުކުޅެން އަޑޭ ނިންމިއިރު އޭނާއާ އޭރުގެ ގައުމީ ކޯޗު ޕީޓަ ސެގާޓާ ދެމެދު އޮތީ މައްސަލަޖެހިފަ އެވެ.

ކްލަބް ވެލެންސިޔާއިން ފާހަގަވި އަޑޭ ވަނީ ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސް ކްލަބުގެ އިތުރުން މާޒިޔާ އަދި ވިކްޓްރީ އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ކުރިން ކުޅެފަ އެވެ. މީގެ އިތުރުން ރާއްޖޭގެ 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް އޭނާ ހިމެނިފައި ވެ އެވެ. ފުޓުބޯޅަ ދަނޑުގެ “އައުޓްފީލްޑް” ކޮންމެ މަގާމަކަށްވެސް އެއް ފެންވަރަކަށް ކުޅެވޭކަން ދަނޑުމަތީގައި ސާބިތު ކޮށްދީފައިވާ އަޑޭ ވަނީ 2014 ވަނަ އަހަރު ދިވެހިރާއްޖެ އޭއެފްސީ ޗެލެންޖް ކަޕް މުބާރާތުގެ ތިންވަނަ ހޯދި މެޗުގައި މޮޅު ޕެނަލްޓީއެއްވެސް ޖަހާފަ އެވެ. މި ޕެނަލްޓީގެ ވީޑިޔޯއަށް ޔޫޓިއުބްގައި މިހާތަނަށް ވަނީ 12 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ. މިއީ ދިވެއްސެއްގެ ވީޑީޔޯއަކަށް ޔޫޓިއުބްގެ ވިއުސް މިލިއަނަކަށް ވެސް އެރި ފުރަތަމަ ވީޑިއޯ އެވެ.

ސްކޮޑުން ފުރުސަތު ލިބުނު އެހެން ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އެވެ. މިދިޔަ އަހަރުތަކުގައި މާޒިޔާގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޔާމީން އަށް ގައުމީ ސްކޮޑުން ފުރުސަތެއް ނުލިބެ އެވެ. ކުރިން މިޑްފީލްޑަރަކަށް ކުޅުނު ޔާމްބެ މާޒިޔާ ޓީމުގައި އާއްމުކޮށް ފެންނަނީ ޑިފެންސް ލައިނުންނެވެ. އަލުން ޓީމުން ފުރުސަތު ލިބުނު އަނެއް ކުޅުންތެރިއަކީ މާޒިޔާގެ ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ. އެންމެ ފަހުން ގައުމީ ޓީމުން ވާދަކުރި ވޯލްޑްކަޕާއި އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ތިން މެޗުގައި އަމިއްލަ ސަބަބަކާ ހެދި ދާދު ވަނީ ޓީމުން ވަކިވެފަ އެވެ. އެފަހަރު ޓީމު ދޫކޮށްލި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އަށް ޕްރިލިމިނަރީ ސްކޮޑުން ފުރުސަތެއް ނުލިބުނެވެ. ސްކޮޑުން ބާކީވި ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ މާޒިޔާގެ ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭން އެވެ. ސުޒޭންއާ އެކު އެސިސްޓެންޓް ކޯޗުންނަށް ހަމަޖެއްސީ މިދިޔަ ދެ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން އިސްމާއީލް މަހުފޫޒް (އިންމަ) އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. އެސިސްޓެންޓް ކޯޗުގެ ޒިންމާއާ އެކު ގޯލްކީޕިން ކޯޗެއްގެ ގޮތުގައި ވެސް އިމްރާން މަސައްކަތްކުރާނެ އެވެ. ގޯލްކީޕިންގް ކޯޗުގެ ގޮތުގައި ދެން ހަމަޖެއްސީ އަސްލަމް އަބްދުއްރަހީމް އެވެ. މިފަހަރު ޓީމުގެ ޑޮކްޓަރަކަށް ހަމަޖެއްސީ ޑރ. އަބްދުﷲ ރާފިއު އެވެ.

ރާއްޖޭގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާނީ އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ އަދި ނޭޕާލް އެވެ. މިފަހަރުގެ މުބާރާތުގައި ވާދަނުކުރަނީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި އުނދަގޫތަކެއް ހުރި ބޫޓާން އާއި ފީފާގެ ސަސްޕެންޝަނުގައި އޮތް ޕާކިސްތާން އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު 1 ވަނަ ދުވަހު ވާދަކުރާނީ ރާއްޖެ އާއި ނޭޕާލް އެވެ.

ޕްރިލިމިނަރީ ސްކޮޑް

މާޒިޔާ

ހުސައިން ޝަރީފް (ގޯލްކީޕަރު)، މޫސާ ޔާމީން (ޔާމްބެ)، އިބްރާހީމް އައިސަމް، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، މުހައްމަދު އިރުފާން (އިރޭ)، ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމެއިރު، އަސަދުﷲ އަބްދުﷲ (އަސައްކޮ)، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު)

ކްލަބް އީގަލްސް

ޔަޝްފާދު ހަބީބް (މުލަކޭ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އިމްރާން ނަޝީދު، އަހުމަދު ނޫމާން (ހެލްމެޓް)، ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، މުހައްމަދު ނާއިމް، ހައިޝަމް ހަސަން، އަސްހަދު އަލީ (އަޑޭ)

ކްލަބް ވެލެންސިއާ

މުހައްމަދު ޝަފީއު (ގޯލްކީޕަރު)، މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަލީ ފާސިރު (ސެންޓޭ)

އަލީ އަޝްފާގް (ދަގަނޑޭ)، އަކްރަމް އަބްދުލްގަނީ (އަކޫ)

ޔުނައިޓެޑް ވިކްޓްރީ

އަލީ ނާޖިހް (ގޯލްކީޕަރު)، މުހައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ (މެސީ)

ކްލަބް ގްރީން ސްޓްރީޓްސް

މުހައްމަދު ސާއިފް، ހަސަން ނަޒީމް (ޗޯޓު)

ޓީސީ ސްޕޯޓްސް ކްލަބް

މުހައްމަދު އަޖުފާން، އަލީ ޝާމިސް (ތޮއްޕޭ)

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *